ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ 'ފިކުރެއްގެ ދިރުން' ފެކްޝަނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕާޓީގެ އިސް މެމްބަރުން ސަން އައިލެންޑުގައި މިދިޔަ ހަފްތާ ބަންދުގައި ބައްދަލުކުރަނީ. (ފޮޓޯ/ޖޭޕީ

ނަޝީދުގެ ހުށަހެޅުންތަކެއް ގާސިމަށް؛ މަޖިލީހުގެ ދައުރު ދަންމާލާކަށް ނެތް

ނިޒާމީ ވޯޓަކަށް ދިއުމަށާއި ގާނޫނުއަސާސީއަށް ގެންނަން ފެންނަ ބައެއް ބަދަލުތައް ނަޝީދުގެ ފަރާތުން ހުށަހަޅާފައިވޭ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ އެކު މަސައްކަތް ކުރަން ނިންމާފައިވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ޖޭޕީއަށް ހުށަހެޅުންތަކެއް ހުށަހަޅައިފި އެވެ. މި ހުށަހެޅުންތަކުގައި، މިހާރު އޮތް މަޖިލީހުގެ ދައުރު ދަންމާލަން އޮތް ކަމަށް އަޑު ފެތުރުނަސް، 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި އެފަދަ ހުށަހެޅުމެއް ނެތެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ނަޝީދުގެ 'ފިކުރެއްގެ ދިރުން' ފެކްޝަނުން ޖޭޕީއާ އެކު ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރަން ރަސްމީ މަޝަވަރާތައް ފެށީ މިދިޔަ މަހު އެވެ.

ތަފްސީލު - ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމްގެ ތަރުޖަމާނު އަބްދުﷲ އަމީން މިއަދު 'ދައުރު'އަށް ވިދާޅުވީ، ނަޝީދުގެ ހުށަހެޅުންތަކެއް ހިމެނޭ ކަރުދާހެއް ޖޭޕީއަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް، އޭގައި ހުރި ކަންކަމާ ގުޅޭ ގޮތުން ވާހަކަދެއްކެވުމަށް އޭނާ އުޒުރުވެރިވެވަޑައިގަތެވެ.

"ދެ ފަރާތުން ކަނޑައަޅާފައިވާ މަންދޫބުންގެ މެދުގައި މިކަމާ ގުޅޭ ގޮތުން މިހާރު ދަނީ މަޝަވަރާކުރަމުން. އަބަދުވެސް ކަންކުރައްވާ އުސޫލުން، ގާސިމް އިބްރާހިމް ގޮތެއް ނިންމަވާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ސިޔާސީ ހަމަޖެހުމާއި ދިވެހިން އުންމީދުކުރާ ކުރިމަގު ހާސިލްކުރުމަށް މަގުފަހިވާ ގޮތަށް،" މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ހުށަހެޅުންތަކަށް ގޮތް ނިންމުމުގައި ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ ކަމާ ބެހޭ ގުނަވަންތަކުގެ މަޝްވަރާތަކަށް ރިއާޔަތް ކުރާނެ އެވެ. އަދި "ގާނޫނުއަސާސީން ތަސައްވަރުކޮށްފައިވާ ކުރިމަގަށް ދަތުރުކުރެވޭނެ މަގަކުން" ދިއުމަށް ވެސް ގާސިމް އިސްކަން ދެއްވާނެ ކަމަށް އަމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ 'ފިކުރެއްގެ ދިރުން' ފެކްޝަނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕާޓީގެ އިސް މެމްބަރުން ސަން އައިލެންޑުގައި މިދިޔަ ހަފްތާ ބަންދުގައި ބައްދަލުކުރަނީ. (ފޮޓޯ/ޖޭޕީ

އެ ކަރުދާހުގައި އޮތް އެއްޗެއް ޖޭޕީން ވެސް އަދި ނަޝީދުގެ ފެކްޝަނުން ވެސް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

އެނގުން މުހިންމު - މި ހުށަހެޅުންތަކުގައި، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި މިހާރު އޮތް މަޖިލީހުގެ ދައުރު ދަންމާލަން އޮތް ކަމަށް ވެސް ވަނީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފަ އެވެ. ނަމަވެސް، ޖޭޕީގެ އޮފިޝަލަކު އެކަން ދޮގުކުރެއްވި އެެވެ.

އެނގިފައިވާ ގޮތުގައި، ނަޝީދުގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކުގައި ހިމެނެނީ:

  • ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް

  • ގާނޫނުއަސާސީއަށް ގެންނަން ފެންނަ ބައެއް އިސްލާހުތައް

ފާހަގަކޮށްލެވޭ ކަމެއް - މީގެ ކުރިން ނަޝީދު ވަނީ މިހާރު އޮތް މަޖިލީހުގެ ދައުރު ތެރޭގައި ނިޒާމީ ވޯޓަކަށް ދިއުމަށް މަސައްކަތް ކުރައްވާފަ އެވެ. އަދި ބަރުލަމާނީ ނިޒާމްގެ އިންތިގާލީ މަރުހަލާ ފެށުމަށް އެ މަނިކުފާނު ބޭނުންފުޅުވީ، މިހާރު އޮތް މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު، މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ބޮޑުވަޒީރަކު ނެގުމަށެވެ. އެ ގޮތަށް އެކި ފޯރަމްތަކުގައި ނަޝީދު ވާހަކަ ވެސް ދައްކާފައިވެ އެވެ.

ކޮމެންޓް (1)

ގާސިމް

13 އޭޕްރީލު 2023
މަޑުމަޑުން އަނެއްކާ ވެސް ނަޝީދަށް ސައިޒު އޮޅެން ފެށީ ދޯ
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް