މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވާހަކަދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ފެނަކައަށް ގަތީ 2.9 މިލިއަން ރުފިޔާގެ ލަގްޒަރީ ކާރެއް

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ސައީދު ދަތުރުކުރައްވަން އެ ކާރު ބޭނުންކުރާކަން ވެސް ކަށަވަރުވެފައިވޭ
12 އޭޕްރީލު 2023
14

އަތޮޅުތަކުގެ ރަށްތަކުގައި ކަރަންޓުގެ ހިދުމަތް ދޭ ސަރުކާރުގެ ޔުޓިލިޓީ ކުންފުނި، ފެނަކައިން 2.9 މިލިއަން ރުފިޔާގެ ލަގްޒަރީ ކާރެއް ގަނެފައި ވާކަން 'ދައުރު'އަށް ކަށަވަރު ކުރެވިއްޖެ އެވެ.

ވީ ކިހިނެއް؟ - އެ ކާރު ގަތުމަށް ފެނަކައިން ތައްޔާރުކުރި ރަސްމީ ޕާޗޭސް އޯޑަރުގެ ސައްހަ ކޮޕީއެއް 'ދައުރު'އަށް ލިބިފައި ވާއިރު، އެ ލިޔުމުން ފެންނަ ގޮތުގައި މިދިޔަ އަހަރުގެ 10 ފެބުރުއަރީގައި ފެނަކައިން ވަނީ 'އެގްޒެކެޓިވް ވޭން'އެއް ގަންނަން 2.9 މިލިއަން ރުފިޔާ އަމިއްލަ ކުންފުންޏަކަށް ދައްކައިފަ އެވެ.

ތަފްސީލް - މި މުއާމަލާތާ ގުޅޭ މައުލޫމާތު އެނގޭ ފެނަކައިގެ މަސްދަރަކުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި، އެ ޕޭޗާސް އޯޑަރަށް ގަނެފައި ވަނީ 'އައުޑީ ކިއު7' މަރުކާގެ އެސްޔޫވީއެއް ނުވަތަ ކާރެކެވެ.

'އައުޑީ ކިއު7' އަކީ ދުނިޔޭގެ އެންމެ ލަގްޒަރީ އެއް އެސްޔޫވީ އެވެ. މީގެ އާ ކާރެއްގެ އަގު އުޅެނީ، އައުޑީގެ ރަސްމީ ވެބްސައިޓުގައިވާ ގޮތުން، 59،200 ޑޮލަރު (909،312ރ.) އަށެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު އެ ކާރު ރާއްޖެ ގެނެސް، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ދަތުރުކުރައްވަން ބޭނުންކުރާކަން ވެސް ކަށަވަރުވެފައިވެ އެވެ. އެގޮތުން، ފެނަކައިގެ ޓީމެއް ވެސް ބައިވެރިވެގެން މިދިޔަ ފެބްރުއަރީ މަހު މާލޭގައި ބޭއްވި ފުޓްސަލް މުބާރާތަކާއި އެހެނިހެން ބައެއް ރަސްމިއްޔާތުތަކަށް ސައީދު އެ ކާރުގައި ވަޑައިގެންފައިވާ ކަމަށް ފެނަކައިގެ އެއް މުވައްޒަފަށް ވުރެ ގިނަ މުވައްޒަފުން 'ދައުރު'އަށް ކަށަވަރުކޮށްދިނެވެ.

ފެނަކައަށް އަގު ބޮޑުކޮށް ގަތް ލަގްޒަރީ ކާރުގެ ޕާޗޭސް އޯޑަރު.

ފަސް މަންޒަރު - ފެނަކައަކީ އެއް އިރެއްގައި ވެސް މާލީ ގޮތުން ރަނގަޅު ކުންފުންޏަކަށް ނުވާއިރު، އެ ކުންފުނީގެ ދަރަނި 2.8 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެ ކުންފުންޏަށް ތަކެއްޗާއި ހިދުމަތްތައް ފޯރުކޮށްދީފައިވާ ބައެއް އަމިއްލަ ފަރާތްތަކަށް ފައިސާ ނުދީ ގިނަ ދުވަސްތަކެއް ވަމުންދާ ކަމަށް ބުނެ، މިދިޔަ އާދިއްތަ ދުވަހު އޭގެ ތެރެއިން ބައެއް މީހުން ވަނީ ފެނަކައިގެ މައި އޮފީސް ކުރިމަތީގައި މުޒާހަރާ ވެސް ކޮށްފަ އެވެ.

ބުނީ ކީކޭ؟ - އެ ހާލަތުގައި އޮތް ކުންފުންޏަކުން އެ ވަރުގެ އަގު ބޮޑު ކާރެއް ގަތީ ކީއްވެތޯ ސުވާލުކުރުމުން ސައީދު މިއަދު 'ދައުރު'އަށް ވިދާޅުވީ އަގު ބޮޑު "ކާރެއް" ފެނަކައަށް ގަނެފައި ނުވާނެ ކަމަށާއި އޭނާ އެފަދަ ކާރެއް ނުވެސް ދުއްވާ ކަމަށެވެ. 

"ކާރެއް" ނުގަންނަ ކަމަށް ވިދާޅުވާއިރު، އެ ޕާޗޭސް އޯޑަރަށް ގަނެފައި ވަނީ ކޮން ކަހަލަ އުޅަނދެއްތޯ ސުވާލުކުރުމުން ސައީދު ވަނީ އެކަން ސާފުކޮށްދެއްވަން އިންކާރު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ "ތިބޭފުޅުން މައުލޫމާތު ހޯއްދަވާ ގޮތަކުން ހޯއްދެވުން ރަނގަޅުވާނޭ" ކަމަށެވެ.

ފެނަކައަށް ގަނެފައިވާ ބްރޭންޑުގެ ކާރެއް

ސައީދު ވިދާޅުވި ގޮތުގައި، ފެނަކައަކީ ރާއްޖޭގައި ވަރަށް ގިނަ ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ދޭ ކުންފުންޏަކަށް ވާތީ އެ އޮޕަރޭޝަން ހިންގުމަށް ބޭނުންވާ އެކި ވައްތަރުގެ އަގު ބޮޑެތި ސާމާނު އެ ކުންފުނިން އަބަދު ވެސް ގަނެ އެވެ. އަދި އެ ކުންފުނިން އަގު ބޮޑެތި ތަކެތި ގަތުމަކީ އާ ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭން ގަންނަން ޖެހޭ ތަކެތި ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ތަނުގެ އޮޕަރޭޝަންތަކަށް އެ ވަގުތަކަށް ބޭނުންވާ އެއްޗިހި މި ތަނުން އަބަދު ވެސް ގަންނަމުން ދާނެ. ތިބޭފުޅުން އެހެންވީމާ އެ ވާހަކަތައް ވެސް ލިޔުއްވަން ވާނެ. ދެން މި ތަނަށް ތަކެތި ހޯދުމާއި އެހެން ކަންކަން ހަމަ އަބަދު ވެސް އަޅުގަނޑުމެން އޮންނަ އުސޫލުން ބޯޑްގެ ތެރެއިން ފާސްކޮށްގެން ކުރަމުން ގޮސްފައި ހުންނާނީ،" ސައީދު ވިދާޅުވި އެވެ.

ފެނަކައިގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކާރުގެ ރަޖިސްޓްރީ

އޭނާ އެހެން ވިދާޅުވި ނަމަވެސް 'ދައުރު'އަށް ލިބިފައިވާ ވެހިކަލް ރަޖިސްޓްރީއިން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ 9 ފެބުރުއަރީގައި ފެނަކައިގެ ނަމުގައި ޓްރާންސްޕޯޓްގައި ވަނީ 'އައުޑީ ކިއު7' މަރުކާގެ ހުދު ކުލައިގެ ކާރެއް ރަޖިސްޓްރީކޮށްފަ އެވެ. އެއީ ފައިސާ ދެއްކުމުގެ އެއް ދުވަސްކުރި އެވެ. އެ ކާރުގެ ނަމްބަރަކީ، B1B5235 އެވެ. އަދި އެ ކާރުގައި ސައީދު ދަތުރުކުރައްވާތަން ވަނީ އެކި ފަހަރުމަތިން ފެނިފަ އެވެ.

ކޮމެންޓް (14)

ާއައިބޮސް

15 އޭޕްރީލު 2023
ސައީދު ތައްޔާރައްތޯ ހުންނެވީ ކުރިމައްޗައް ދެއަށްލައިގެން ޖިނާއީ ކޯޓްކުރިމަތީގާ ހުންނައް
0 0

ހަސަންދީ

13 އޭޕްރީލު 2023
ބަލަ ސައީދަކީ އެމްޑީއަކަށްވިއިރު ބާ ސައިކަލުގަނޑެއްގަ އުޅުނު މީހެކޭ. މީހާގެ ހައިބަތު ބޮޑުވަނީ މިނިސްޓަރުންނަށްވުރެ އަގުބޮޑު ކާރަކަށް އެރުމުންނޭ.
1 3

ސާބަސް

13 އޭޕްރީލު 2023
ދައުރުން މިހާރު ކުރަމުން މިދާ މަސައްކަތަށް ސާބަސް ދެން. މިފަދަ ހަބަރުތައް ރައްޔިތުންނާއި ހަމައަށް އަބަދުވެސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރަން.
16 0

ކޮމިއިނިސްޓު

13 އޭޕްރީލު 2023
ކޮބާ ޒީރޯ ޓޮލެރެންސް
4 0

ތައްހާނު

13 އޭޕްރީލު 2023
މަޖިލީސްތެރެއިން އެމްއެންޕީ މެމްބަރުން މިވާގަކަ ދެއްކީމަވެސް ގަބޫލު ކުރަން ދަތިވެފަ އިނީ. އެކަމަކު މިއޮތީ ސަބޫތު އައިސް ފެންނަން ދޯ.. ލަދު
11 0

ތއްތ

13 އޭޕްރީލު 2023
ފެނަކައަކީ ފެށުނީއްސުރެ ދަރަނި ފުންޏެއް. މިވަރުތަނެއްގެ ވެރިޔަކު ދުއްވަން 2 މިލިޔަނަށް ކާރު ގަންނައިރު ކޮންޓްރެކްޓަރުން އެތިބީ ރޯލަ ރޯލަ
6 0

ތަސްނީފް

13 އޭޕްރީލު 2023
އެހެންވީމަ އެމްއެންޕީ މެމްބަރުން މަޖިލީހުގައި އިހައްދުވަހު ދެއްކި ވާހަކަތަކުގެ ތެދުކަން މިއެގުނީ.
6 0

ބޮކަރު ޖޫސް

12 އޭޕްރީލު 2023
ސައީދު އާ ސުވާލުކޮށްލަން ބޭނުން، 2.9 މިލިއަން ރުފިޔާގެ ކާރެއް 2.8 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ކުންފުންޏަކުން ގަތީ ކިހިނަކުން ހޯދި ފައިސާއަކުންތޯ؟ އެތައް ކުންފުންޏަކަށް ދަރާފަ އޮތް ކުންފުންޏަކުން ކިހިނެއްތޯ އެހާ ބޮޑު ހަރަދެއް ކުރާނީ؟ 2.9 މިލިއަން ރުފިޔާ އަށް އެ ކާރު ގަތުމުގެ ބޭނުމަކީ ކޮބައިތޯ؟ އެއަށްވުރެ މުހިންމު ހަރަދުތައް ވެސް ކުންފުނިން ކުރަން ޖެހޭނެ ނޫންތޯ؟
7 0

ފްރައިޑޭ

12 އޭޕްރީލު 2023
ބޯޑުން ފާސްކޮށްގެންތޯ ތި ކާރުގަތީ .
5 0

ސައިއްޓޭ

12 އޭޕްރީލު 2023
މިއީ މައްސަލައަކަށް ވަނީ ކިހިނެތް ކަމެއް އާޓިކަލަކު ނުބުނެދެވޭ ދޯ
2 19

ޙެހެ

12 އޭޕްރީލު 2023
@ސައިއްޓޭ ތިހާ ގަމާރު ވާކަށް ނުވާނު. 2.8 ބިލިޔަން ދަރަނި. 2 މިލިޔަނަށް ގަތް ކޮންމެހެން ބޭނުން ނުވާ ކާރު.
13 1

ބޮކަރު ޖޫސް

12 އޭޕްރީލު 2023
@ސައިއްޓޭ އާޓިކަލްގައި ބަޔާންކޮށްފައި އެބައޮތް ކުންފުނި ދަރާފައި އޮތް މިންވަރާއި ކާރު ގަތުމަށް ކުރި ހަރަދު، އެހެންކަމުން ފެނަކަ އިން ކުރީ ދެކޮޅު ނުޖެހޭ ހަރަދެއްކަން އާޓިކަލް އަދި އެއްފަހަރު ކިޔާލީމަ އެނގޭނެ
9 1

ގަމްބެ

13 އޭޕްރީލު 2023
@ސައިއްޓޭ އާޓިކަލްގަ ބުނެފަދޯ އެއޮތީ ފެނަކަ އަކީ އެއްވެސް އިރެއްގައި މާލީ ގޮތުން ރަގަޅު ކުންފުންޏަކަށް ނުވާތީ އެހާ އަގުބޮޑު ކާރެއް ކުންފުނީގެ އޮޕަރޭޝަން ަ. އަށް އޭގެން އެއްވެސް ފައިދާއެއް ނުވާ އެއްޗެއް ގަތުމަކީ މައްސަލައެއްތާ
8 0

ޙަހަހަހަ

12 އޭޕްރީލު 2023
ފެނަކަ އެމްޑީ ކުފޫ ހަމައެއް ނުވޭނުން. މަސައްކަތަށް ބޭނުންވާ އަގުބޮޑު ޓޫލްސް ގަތުމާ މީނަ ދުއްވަން 3 މިލިއަން ރުފިޔާ ދީފަ ކާރުގަތުމާ އެއީ އަޅާކިއޭ ދެކަން ވިއްޔަ. އެމްޑީ ހިނގާފަ އުޅެލާފަ އެ ލާރިއަށް ދަރަނި ދެއްކިއްޔާ މާ ރަނގަޅުވާނެ
18 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް