ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް: މަހްލޫފްގެ މައްސަލަ އަނބުރާ ގެންދަވަން ނިންމުމުން ބައެއް ވަކީލުން ހިތްހަމަނުޖެހުނު

މަހުލޫފްގެ މައްސަލަ އަނބުރާ ގެންދިއުމުން ޕީޖީ އޮފީސް ތެރޭގައި ހިޔާލުތަފާތުވުން، ކުރީގެ ވަކީލުން ބަދަލުކޮށްފި

އެމްއެމްޕީއާރުސީގެ މައްސަލަތަކުގައި ޕީޖީގެ ފަރާތުން މިހާރު ކޯޓަށް ދަނީ އެ އޮފީހުގެ އެހެން ވަކީލުންތަކެއް

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ނިންމުމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ވަކީލުން އެމްއެމްޕީއާރުސީގެ މައްސަލަތަކުން ދުރަށް ލައިފިކަން 'ދައުރު'އަށް މިއަދު ކަށަވަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ބޭނުންކުރެއްވުމުގެ ތުހުމަތުގައި މަހްލޫފަށް ކުރާ ދައުވާ ކޯޓްތަކުގައި ހިނގަމުންދާތާ އަހަރެއް ފަހުން، ޕީޖީ އޮފީހުން ވަނީ އެ ދައުވާ އަނބުރާ ގެންނަން ނިންމާފަ އެވެ. މިކަމުގެ މާ ބޮޑު ތަފްސީލެއް ރަސްމީކޮށް ޕީޖީ އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.

ތަފްސީލު - ޕީޖީ އޮފީހުގެ ތެރޭގައި ހިނގި ކަންކަމުގެ މައުލޫމާތު ހުރި އިތުބާރު ހުރި މަސްދަރަކުން 'ދައުރު' ކަށަވަރުވެފައިވާ ގޮތުގައި މަހްލޫފްގެ ދައުވާ އަނބުރާ ގެންދަން، ޕީޖީ ހުސެއިން ޝަމީމް އުޅުއްވި ހިސާބުން، އެމްއެމްޕީއާރުސީގެ މައްސަލަތަކުގައި ވަކާލާތު ކުރަމުންދިޔަ ޕީޖީގެ ވަކީލުން އެކަމާ ނުރުހުންވެ، ދެކޮޅުހެދި އެވެ. އަދި އެގޮތަށް ކަންތައް ކުރައްވައިފި ނަމަ އެމްއެމްޕީއާރުސީގެ މައްސަލަތަކުން ތަނާޒުލްވާން ވެސް އެ ވަކީލުން އުޅުއްވި ކަމަށް އެނގިފައިވެ އެވެ.

"އެ ވަކީލުން އެ މައްސަލަތަކުން ތަނާޒުވާން އުޅެނިކޮށް [މަހްލޫފަށް ކުރި ދައުވާ] އަނބުރާ ގެނައީ އެ ޔުނިޓްގެ ވަކީލުންތައް ބަދަލުކޮށްފައި. ތަނާޒުލް ވާން އުޅެނިކޮށް މެމޯ އަންނަނީ ބަދަލުކުރި ކަމަށް،" މި ނޫހާ ވާހަކަ ދެއްކި މަސްދަރުން ބުންޏެވެ. 

މީގެ ކުރިން މި މައްސަލައިގައި ޕީޖީން ވަކާލާތުކުރެއްވީ:

  • ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ނައުފަލް

  • ޕަބްލިކް ޕްރޮސެކިއުޓާ އައިމިނަތު ޝާމާ ނަސީރު

  • ޕަބްލިކް ޕްރޮސެކިއުޓާ މަރިޔަމް ޝަހުމާ

  • ޕަބްލިކް ޕްރޮސެކިއުޓާ ހައްވާ ނާހީ

  • ޕަބްލިކް ޕްރޮސެކިއުޓާ މާޒިހް މުހައްމަދު

'ދައުރު'އަށް ލިބުނު މައުލޫމާތުތަކަށް އިތުރަށް ބާރު ލިބެނީ، މިއަދު ހައި ކޯޓުގައި ކުރިއަށް ދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިމެނޭ އެމްއެމްޕީއާރުސީ މައްސަލައިގައި ތިއްބެވީ، މީގެ ކުރިން އެ މައްސަލަތަކުން ނުފެންނަ ވަކީލުންތަކަކަށް ވުމެވެ. 

އެމްއެމްޕީއާރުސީގެ މައްސަލަތަކަށް އަލަށް އައްޔަންކުރި ވަކީލުންގެ ޓީމު:

  • ޕަބްލިކް ޕްރޮސެކިއުޓާ ހުސައިން ސާމީ

  • ޕަބްލިކް ޕްރޮސެކިއުޓާ އާދަމް އަމްރު

  • ޕަބްލިކް ޕްރޮސެކިއުޓާ މުހައްމަދު އަބްދުﷲ

  • ޕަބްލިކް ޕްރޮސެކިއުޓާ އީނާ މޫސާ

މިއަދު ހައި ކޯޓުގައި އޮތް އަޑުއެހުމަށް ވަޑައިގެންނެވީ ސާމީ އާއި އަމްރު އެވެ.

މިއަދު ހައި ކޯޓުގައި އޮތް އެމްއެމްޕީއާރުސީ މައްސަލައިގައި ބައިވެރިވި ޕީޖީގެ ވަކީލު ސާމީ އަދި އަމްރު: މިއީ އެމްއެމްޕީއާރުސީގެ މައްސަލަތަކުގައި ވަކާލާތުކުރަން ނެގި އާ ޓީމުގެ ދެ ވަކީލުން

ޕީޖީ އޮފީހުގެ ބަސް - ޕީޖީ އޮފީހުގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަތަކުގައި ހިމެނޭ ވަކީލުންގެ ޓީމު އެއްކޮށް ބަދަލު ނުކުރާ ކަމަށެވެ. ނަމަވެސް "އެފިޝަންސީ އިތުރުކުރުމަށް ކުޑަ ބަދަލެއް ގެނައީ" ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ވަރަށް އާންމު ކަމެއް،" އޭނާ ވިދާޅުވި އެވެ.

ފަސް މަންޒަރު - ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، 33،000 ޑޮލަރު (508،860 ރުފިޔާ)ގެ ރިޝްވަތު ހިފުމުގެ ދައުވާ މަހްލޫފުގެ މައްޗަށް އުފުލައި އެ މައްސަލަ ކޯޓަށް ހުށަހެޅީ ނޮވެމްބަރު 2021ގަ އެވެ. އޭގެ ފަހުން އެކި މަންޒަރުތައް ފެނިފައިވެ އެވެ. އެގޮތުން:

  • ދައުލަތުން ހުށަހެޅީ ދައުވާ ކުރިއަށް ގެންދެވޭނެ ފަދަ ބުރަދަނެއް ހުރި ހެކިތަކެއް ނޫން ކަމަށް ބުނެ ކްރިމިނަލް ކޯޓުން މައްސަލަ ފުރަތަމަ ބޭރުކޮށްލި 

  • 6 މާޗު 2022 ގައި ޕީޖީން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރި 

  • 21 މާޗު 2022 ގައި ހައި ކޯޓުން ކުރި ހުކުމުގައި ބުނީ، އެއީ މަދަނީ މިންގަނޑުން ބެލޭނެ ދައުވާއެއް ނޫން ކަމަށް ދަށު ކޯޓުން ނިންމީ ގޯސްކޮށް ކަމަށް. އަދި އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އެނގި 

އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލާގައި ރިޝްވަތު ހިފުމުގެ ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕީޖީ އޮފީހަށް ފޮނުވީ 9 ޖޫން 2021ގަ އެވެ. މަހްލޫފަށް ދައުވާކުރަން ޕީޖީން ކޯޓަށް ހުށަހެޅީ އޭގެ ފަސް މަސް ފަހުންނެވެ.

ދައުލަތުގެ ދައުވާގައި ބުނެފައި ވަނީ:

  • މަހްލޫފް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރަކަށް ހުންނެވި އިރު، 27 އޮގަސްޓު 2014ގައި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ ބަދަލެއްގެ ގޮތުން ރިޝްވަތު ނެންގެވި

  • އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފައިވާ އެކައުންޓެއްގެ ޗެކަކުން 33،000 ޑޮލަރު މަހްލޫފަށް ދިން

  • އެ ފައިިސާ މަހްލޫފުގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް 01 ސެޕްޓެމްބަރު 2014ގައި ޖަމާކޮށްފައިވޭ

ކޮމެންޓް (1)

ޔާމުން

17 އޭޕްރީލު 2023
ޕީޖީ އޮފީހުގެ މުވައްޒަފުން ވެސް ނިކަމެތިންނަށް އަނިޔާވެރި ވީ އިރު ކޮބާާ؟ މިހާރު ތި އަގައަރުވަނީ. އެއްވެސް އިންސާފެއް ހުރި ބައެއް ނޫން. ތީ ދައްކާ ދަޅައެއް. އެއްވެސް އަގެއް ނެތް ބައެެއް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް