ރައީސް ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށް ފަހު އާޓިފިޝަލް ބީޗު ކުރިމަތީގައި، އެމްޑީޕީގެ މައި ހަރުގޭގެ ދޮރުމަތީގައި ސަޕޯޓަރުންނާ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލުކުރަން ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި
މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލުކުރަން ހުށަހެޅި އަލީ އަމްޖަދަކީ އެ ޕާޓީގެ މެމްބަރެއް ނޫން ކަމަށް ނިންމައި އޭނާގެ ފަރާތުން ޕްރައިމަރީ ބާތިލުކުރަން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
މައްސަލައިގެ ފެށުން - އެމްޑީޕީގެ ޕްރައިމަރީ ބާތިލުކުރަން ހުށަހެޅީ އެ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަތް ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ. ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ:
-
އެ ޕާޓީން އުސޫލާ ހިލާފަށް 39،000 މެންބަރުން ވަކިކޮށްފައިވޭ
-
އެހެންވެ، އެ މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ނުލިބި ބާއްވާ ޕްރައިމަރީއެއް ސައްހައެއް ނުވާނެ
-
އެ މައްސަލަ ބަލައި ނިމެންދެން އެމްޑީޕީގެ ރިޔާސީ ޓިކެޓަށް އަމަލުކުރުން ފަސް ކުރުމުގެ ވަގުތީ އަމުރަކަށް ވެސް ކޯޓުގައި އެދިފައިވޭ
ތިން މީހެއްގެ ފަރާތުން އެމްޑީޕީ ޕްރައިމަރީ ބާތިލުކުރަން ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް، ކޯޓަށް ބަލައިގަތީ އަލީ އަމްޖަދު ނަމަކަށް ކިޔާ މީހަކު ހުށަހެޅި މައްސަލަ އެވެ.
ވީ ކިހިނެއް؟ - މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ މަހުގެ 5އަށް ތާވަލުކުރި އެވެ. ނަމަވެސް އަމްޖަދަކީ ޕާޓީގެ މެންބަރެއް ނޫން ކަމަށް ބުނެ، އޭނާ ހުށަހެޅި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެމްޑީޕީން ކޯޓަށް ހުށަހެޅި އެވެ. އެހެންވެ، މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބުދާރީވާން 10 ދުވަސް ދިނުމުގެ ގޮތުން އެ ދުވަހުގެ އަޑުއެހުން ކުރިއަކަށް ނުގެންދެ އެވެ.
އަމްޖަދަށް މައްސަލަ ހުށަނޭޅޭނެ ކަމަށް ބަޔާންކޮށް އެމްޑީޕީގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް އަމުޖަދުގެ ފަރާތުން ޖަވާބުދާރީވުމުގެ އަޑުއެހުމެއް މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި އެވެ.
އޭގެ ފަހުން މިއަދު އޮތީ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ކަނޑައެޅުމެވެ.
ތަފްސީލް - މިއަދު ހެނދުނު 11ގައި އޮތް މި އަޑުއެހުމުގައި ކޯޓުން ނިންމީ އަމްޖަދަކީ އެމްޑީޕީގެ މެމްބަރެއް ނޫންކަން އެ މައްސަލައިގައި ހުށަހެޅި ލިޔެކިއުންތަކުން އެނގެން އޮންނަ ކަމަށެވެ. އެހެންވެ، އެ މައްސަލައިގައި ދައުވާކުރުމަށް އެކަށީގެންވާ މަސްލަހަތާއި ހައިސިއްޔަތު އަމްޖަދަށް ލިބިގެން ނުވާ ކަމަށް ނިންމައި މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ކޯޓުން ކަނޑައެޅި އެވެ.
ކޯޓުގެ ހުކުމްގައި ބުނީ:
-
ރިޔާސީ ޕްރައިމަރީ ބާތިލުކުރަން ހުށަހެޅިތާ ހަފްތާއެއް ފަހުން އެމްޑީޕީން އަމްޖަދު ވަކިވި ކަމަށް އީސީގެ ދަފްތަރުން ދައްކަނީ އިދާރީ އޮޅުމަކުންކަން އެނގޭ
-
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓާސް ލިސްޓުގައި ވެސް އަމްޖަދުގެ ނަން އޮތް ކަމަށް އޭނާގެ ފަރާތުން ބުނާ ބުނުމަށް ހުކުމުގައި ބުނެފައިވަނީ، އޭރު ވެސް އީސީގެ ދަފްތަރުގައި އަމްޖަދުގެ ނަން އޮތީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެންބަރެއްގެ ގޮތުގައިކަން އެނގޭ ކަމަށް
އެމްޑީޕީގެ ހުށަހެޅުންތައް
ކޯޓުގެ އިހްތިސާސްއާ މެދު އެމްޑީޕީން އުފައްދާ ސުވާލު ބިނާކޮށްފައިވަނީ މައިގަނޑު ދެ ކަމެއް މައްޗަށެވެ. އެއީ:
-
1-
އަމްޖަދަކީ އެމްޑީޕީ މެމްބަރެއް ނޫން ކަމަށް ވާތީ އޭނާއަކީ ދައުވާ އުފުލުމުގެ ގާނޫނީ ހައިސިއްޔަތު އޮތް ފަރާތެއް ނޫން ކަމަށް ބުނާ ބުނުމުގެ މައްޗަށް
-
2-
މައްސަލައެއް ހައްލުކުރުމަށް ވަކި އިންތިޒާމެއް ކަނޑައަޅާފައިވާ ނަމަ، ކޯޓަށް އެ މައްސަލައެއް ހުށަހެޅުމުގެ ކުރިން އެ އިންތިޒާމަކަށް އަމަލުކޮށް ނިމިފައި އޮންނަން ޖެހުނަސް، އަމަޖަދުގެ ފަރާތުން އެކަން ފުރިހަމަކޮށްފައި ނުވާ ކަމަށް
މި ދެ ކަންތައް ސާބިތުކޮށްދިނުމަށް އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިއޮތީ ތިން ނުކުތާ އެކެވެ. އެއީ:
-
އަމްޖަދަކީ އެމްޑީޕީގެ މެންބަރެއް ނޫން ކަމަށް ބުނާ ބުނުން ސާބިތުކުރުމަށް ހުށަހަޅާފައިވާ އިލެކްޝަންސް ކޮމިޝަނުގެ ސިޓީ
-
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް 14 މެއި 2022ގައި ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު އަމްޖަދަށް ޕާޓީން ލިބިދީފައިވީ ނަމަވެސް، އޭނާ އަކީ ޕާޓީގެ މެންބަރުކަމުގެ ގާނޫނީ ހައިސިއްޔަތު ލިބިދީފައިވާ މީހެއް ކަމަށް ބެލެވެން ނެތް ކަމަށް ބުނާ ބުނުން
-
ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައްގަކާ ގުޅޭ މައްސަލައެއްގައި، އެ މައްސަލަ ހުށަހަޅާ ފަރާތަކީ އެ ޕާޓީގެ މެންބަރަކަށް ނުވާ ނަމަ، އެ ދައުވާ ހުށަހެޅުމުގެ ގާނޫނީ ހައިސިއްޔަތު އެ ފަރާތަކަށް ލިބިގެން ނުވާނެ ކަމަށް ބުނާ ބުނުން
އަމްޖަދުގެ ރައްދު
އެމްޑީޕީގެ މެންބަރެއް ނޫން ކަމަށް ބުނާ ބުނުމާ ގުޅޭ ގޮތުން އަމްޖަދުގެ ފަރާތުން ބުނީ، އޭނާ އަކީ އެމްޑީޕީގެ މެންބަރެއް ނޫން ކަމަށް ސާބިތުކުރުމަށް ހުށަހެޅި އިލެކްޝަން ކޮމިޝަނުގެ ރެކޯޑުން ވެސް، އޭނާ އަކީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އެ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާކަން އެނގެން އޮންނަ ކަމަށެވެ.
އެ ކަމަށް އަމްޖަދުގެ ފަރާތުން މިއަދު ކޯޓުގައި ބުނީ:
-
ކޮމިޝަންގެ ރެކޯޑުގައި އޭނާއަކީ އެމްޑީޕީގެ މެމްބަރެއްކަން ފެންނަން އޮއްވައި އެއީ އިދާރީ ކުށެއް'ކަމަށް އެ ރެކޯޑުގައި ބަޔާންކޮށްފައިވަނީ މިދިޔަ މަހުގެ 22ގައި؛ އެއީ އެމްޑީޕީގެ ޕްރައިމަރީ ބާތިލުކުރަން ހުށަހެޅިތާ ހަތް ދުވަސް ފަހުން
-
އީސީން ބަލަހައްޓާ ދަފްތަރުން އިދާރީ ކުށުން މީހުންގެ ނަން އުނިވެ، ގެއްލި، އެކުވެ، ބަދަލުވުން ބަލަން ޖެހޭނީ ސުވާލާއި ޖަވާބުދާރީކުރުމުގެ ނަޒަރިއްޔާތަކުން
-
ދައުވާ ހުށަހެޅިއިރު ކޮމިޝަންގެ ރެކޯޑުގައި އަމްޖަދުގެ ނަން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އޮތީ އެ ކޮމިޝަންގެ އިދާރީ ކުށަކުން ކަމަށް އެ ކޮމިޝަނުން ބުނާ ހިސާބުން އެ ކޮމިޝަނުގެ ކްރެޑިބިލިޓީއާ މެދު ސުވާލު އުފެ
-
އެއްވެސް މިންވަރަކަށް ޝައްކެއް އުފެދިއްޖެ ނަމަ، އެ ޝައްކުގެ ފައިދާ (ބެނެފިޓް އޮފް ޑައުޓް) ދޭން ޖެހެނީ އިދާރީ ކުށް ނުޖެހި ހުރި، މައުސޫމް ފަރާތަށް؛ އެއީ އަމްޖަދު
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިދިޔަ އަހަރު ބޭއްވި އެތެރޭގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ދައުވާ ކުރާ ފަރާތަށް ޕާޓީން ލިބިދީފައިވީ ނަމަވެސް، ދައުވާކުރާ ފަރާތަކީ ޕާޓީގެ މެންބަރުކަމުގެ ގާނޫނީ ހައިސިއްޔަތު ލިބިދީފައިވާ މީހެއް ކަމަށް ބެލެވެން ނެތް ކަމަށް އެމްޑީޕީން ބުނާ ބުނުމުގެ ރައްދުގައި އަމްޖަދުގެ ފަރާތުން ފާހަގަކުރީ އެއީ "ދެކޮޅު ނުޖެހޭ ވާހަކައެއް" ކަމަށެވެ.
އަމްޖަދު ފާހަގަކުރި ނުކުތާތަކަކީ:
-
އެމްޑީޕީގެ ޗެއަޕާސަން ހޮވުމަށް 14 މެއި 2022ގައި ބޭއްވި އެތެރޭގެ އިންތިހާބާ ގުޅިގެން އެމްޑީޕީން އާއްމުކުރި އެ ޕާޓީގެ މެންބަރުންގެ ވޯޓާސް ލިސްޓުގައި އަމްޖަދުގެ ނަން އޮތްކަން
-
އެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ ކަމަށް ޕާޓީން އާންމުކުރި ލިސްޓުގައި އަމްޖަދުގެ ނަން ހިމެނޭ
-
އެހެންވެ، އަމްޖަދަކީ ޕާޓީގެ މެންބަރުކަމުގެ ހައިސިއްޔަތު އޮތް މީހެއް ކަމަށް ބެލެވެން ނެތް ކަމަށް އެމްޑީޕީން ބުނި ނަމަވެސް، އެއީ ސައްހަ ވާހަކައެއް ނޫންކަން
ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ ޖެނުއަރީގައި ބޭއްވި ވާދަވެރި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވީ ރައީސް އިބްެރާހިމް މުހައްމަދު ސޯލިހެވެ. އަންނަ 9 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުގެ ގޮތުގައި ރިޔާސީ ޓިކެޓު މިހާރު ވަނީ ރައީސް ސޯލިހަށް ރަސްމީކޮށް އަރުވައިފަ އެވެ.
އެކަމަކު، އެ ޕްރައިމަރީގައި އޮޅުވާލުންތަކެއް ހިމެނޭ ކަމަށް ބުނެ، ނަޝީދުގެ ފެކްޝަނުން އެ ޕްރައިމަރީގެ ނަތީޖާ ގަބޫލެއް ނުކުރެ އެވެ. އަދި އެ ފަހުން 'ފިކުރެއްގެ ދިރުން'ގެ ނަމުގައި ނަޝީދު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ވަކި ގޮތްޕެއްގެ ގޮތުގައި ރައީސް ސޯލިހާ ދެކޮޅަށެވެ.