ހުޅުމާލޭ މެރީނާ ބޭ ސަރަހައްދު. (ދައުރު ފޮޓޯ)

ސަފާރީ ޖިންސީ ގޯނާގެ ކޭސް: މެމްބަރު ޖީހާންގެ ފިރިކަލުންގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

އޭނާގެ މައްޗަށް ކުރީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ، އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އަދި ގައިގާ އަތްލުމުގެ ކުށުގެ ދައުވާ

ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާއަށް ނިސްބަތްވާ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ ފިރިކަލުން އަބްދުﷲ ޝާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.

މައްސަލައިގެ ފެށުން - ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި 26 ޖޫން 2020ގެ ރޭ، ރާއްޖޭގައި ދިރިއުޅެމުން އައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވި އެވެ. އެގޮތުން:

  • އެ މައްސަލަ ތަހުގީގުކޮށް ފުލުހުން ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވީ ތިން މީހެއްގެ މައްޗަށް 

  • އޭގެ ތެރޭގައި ޖީހާންގެ ފިރިކަލުން، އަބްދުﷲ ޝާން، ނޫރަންގޭ/ލ. ގަމު ތުނޑި، ހިމެނޭ

  • ޕީޖީން ޝާންގެ މައްޗަށް ތިން ދައުވާއެއް އުފުލި އިރު، ދެން ތިބި ދެ މީހުންނާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ނެތުމުން ދައުވާއެއް ނުކުރޭ

ވީ ކިހިނެއް؟ - ޝާންގެ މައްޗަށް ދައުވާކުރަން ޕީޖީން ކޯޓަށް ހުށަހެޅީ 6 ޖެނުއަރީ 2021ގަ އެވެ. އޭނާގެ މައްޗަށް ކުރީ:

  • ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ 

  • އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ 

  • ގައިގާ އަތްލުމުގެ ކުށުގެ ދައުވާ

ތަފްސީލް - މި މައްސަލަ ހުޅުމާލޭ ކޯޓުގައި ހިނގަމުންދާތާ ދެ އަހަރު ފަހުން މިދިޔަ މަހުގެ 26 ވަނަ ދުވަހު ކޯޓުން ވަނީ މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ.

ޕީޖީ އޮފީހުން މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި، އެ މައްސަލަ ބޭރުކޮށްލި ސަބަބެއް ކަމަށް ކޯޓުން ބުނެފައިވަނީ، މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ގެންދެވޭނެ ވަރަށް ހެކި ނެތުމެވެ.

މި މައްސަލަ އިތުރު ހެކިތަކާ އެކު އަލުން ހުށަހަޅާނީތޯ ނުވަތަ ހައި ކޯޓުގައި އިސްތިއުނާފު ކުރާނީތޯ އަދި ޕީޖީއަކުން ނުނިންމަ އެވެ.

ގުޅުން ހުރި ކަމެއް - މި މައްސަލައިގައި ދެ މީހަކު ދޫކޮށްލުމުން އާންމުންގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އޭރު ވިދާޅުވެފައި ވަނީ، އެންމެ ފުރަތަމަ އެ ހާދިސާގެ ވާހަކަ އަޑުއިވިވަޑައިގަތުމުން އޭނާ ވެސް ހީކުރެއްވީ އެއީ ވަރަށް ބޮޑު ރޭޕް ކޭސްއެއް ކަމަށް ކަމަށާއި އެކަމަކު އެ މައްސަލަ ރަނގަޅަށް ބަލައި ކައިރިން ދެނެގަތުމުން ސަފާރީގައި ހިނގާފައިވަނީ "އާއްމު ތަނެއްގައި ހުރެފައި ވެސް ކޮށްލެވޭ ވަރު"ގެ ކަމެއްކަން ސާފުވެވަޑައިގަތް ކަމަށެވެ.

މައްސަލަ ބެލުމުގައި މައްސަލަތަކެއް ނެތް ކަމަށް ވިދާޅު ނުވާނެ ކަމަށާއި ނަމަވެސް އާއްމުންގެ ތެރޭގައި ދެކެވޭ ކަަހަލަ "ބޮޑު ރޭޕްކޭސްއެއް ނުހިނގާ" ކަމަށް އިމްރާން އޭރު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް (1)

ކިބަ

10 އޭޕްރީލު 2023
ހެހެ.. ޝެއިޙުން ސިޔާސީ ތާކިހާ އެޅީމަ ދެވޭނީ ތިޔަ ފަދަ ޖަވާބެއް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް