އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް، ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
ސިޔާމާ ބެހޭ ގޮތުން ލިއުނު ރިޕޯޓާ މެދު އުފެދުނު މައްސަލައާ ބެހޭ
'ސިޔާމާއި ހިލްޓަންގެ މައްސަލަ: ރާއްޖެއިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް' މި ރިޕޯޓާ ގުޅިގެން 'ދައުރު'ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) އާއި އެސިސްޓެންޓް އެޑިޓަރު އަދި އެ ރިޕޯޓުގެ ލިއުންތެރިޔާ އަހުމަދު ނާއިފްއަށް، ކާކުކަން ނޭނގޭ ބަޔަކު އިންޒާރުގެ މެސެޖްތަކެއް ވަނީ ފޮނުވައިފަ އެވެ.
އެ އިންޒާރުތަކަކީ ނޫސްވެރިންނަށާއި ރާއްޖޭގެ ނޫސްވެރިކަމަށް ވެސް އޮތް ބިރަކަށް ވާތީ، އެ މައްސަލަ ފުލުހުންނަށް ވެސް ވާނީ ހުށައަޅައިފަ އެވެ. މި ދަނޑިވަޅުގައި ސަން ޓްރެވަލްސް އިން ވަނީ 'ދައުރު'އާ ދެކޮޅަށް ބަޔާނެއް ވެސް ނެރެފަ އެވެ. އެކަމަކު އެ ބަޔާނުގައި ހަގީގަތާ ހިލާފު ގިނަ ވާހަކަތަކެއް ވަނީ ހިމަނައިފަ އެވެ.
'ދައުރު'އަކީ ނޫސްވެރިކަމުގެ މަތީ މިންގަނޑު ހިފަހައްޓަން މަސައްކަތްކުރާ އަދި ރާއްޖޭގެ މައްސަލަތަކާ މެދު ފުޅާ ދާއިރާއެއްގައި ލިއަމުން އަންނަ މިނިވަން މީޑިއާއެކެވެ. ސަން ޓްރެވަލްސްގެ ބަޔާނުގައި، 'ދައުރު'ގެ އެ ރިޕޯޓަކީ ސަން ޓްރެވަލްސްގެ ބާނީ، ރައްޔިތުންގެ މަޖިލިހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އަގުވައްޓާލަން، ބަޔަކު އަޑީގައި ތިބެ، ސްޕޮންސާކޮށްގެން ލިއުނު ލިއުމެއް ކަމަށް ބުނެފައިވެ އެވެ.
'ދައުރު'ގައި ޖަހާ ހަބަރުތަކާއި ރިޕޯޓްތަކާއި ކޮލަމްތަކަކީ، ވަކި ބަޔަކު ފައިސާ ދީގެން، އެހެން ބައެއްގެ އަގު ވައްޓާލަން ނުވަތަ، އެހެން ބައެއްގެ ވިޔަފާރިއަށް ގެއްލުންދިނުމުގެ މަގުސަދު އޮންނާނެ އުފެއްދުންތަކެއް ނޫނެވެ. އެހެންކަމުން ހިޔާލު ތަފާތުވެގެން އުޅޭ ރިޕޯޓްގައި ސިޔާމަށާއި ސަން ޓްރެވަލްސްއަށް ގެއްލުންދިނުން، އަގު ވައްޓާލުން ނުވަތަ އަބުރު ކަތިލުމުގެ އެއްވެސް ނިޔަތެއް ނޯންނާނެ އެވެ. އޭގެ ބަދަލުގައި 'ދައުރު'ން ދެކެނީ އެއީ ކުރިމަތިވެފައި އޮތް މައްސަލައަކަށް ބިނާކޮށް ލިއެފައި އޮތް ނޫސްވެރިކަމުގެ މުހިންމު އުފެއްދުމެއް ކަމަށެވެ.
ރާއްޖޭގައި ބޭރުގެ ބޮޑެތި ކުންފުނިތަކުން ކުރާ ވިޔަފާރިތަކާ ގުޅޭ މައްސަލައެއް ދިމާވެއްޖެ ނަމަ، ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ ބަދަލުގައި ބޭރުގެ އާބިޓްރޭޝަނަށް ދަނީ، ނުވަތަ ދެވޭނެ ގޮތަށް އެއްބަސްވުންތަކުގައި ކަނޑައަޅާފައި އޮންނަނީ ވެސް ސަބަބުތަކެއް ހުރެގެންނެވެ. މައިގަނޑު ސަބަބަކީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ވުރެ ސިންގަޕޫރު ކަހަލަ ތަރައްގީވެފައިވާ ގައުމެއްގެ އަދި ވިޔަފާރީގެ ބޮޑެތި މައްސަލަތައް ބެލުމުގެ ތަޖުރިބާ ބޮޑު ނިޒާމެއްގެ ބޭނުންހިފަން ކުންފުނިތަކުން އިސްކަންދިނުމެވެ.
ސިންގަޕޫރު ފަދަ ގައުމުތަކުގެ އާބިޓްރޭޝަނުން ނިންމި މައްސަލައެއް ހިފައިގެން ރާއްޖޭގެ ކޯޓަކަށް، ސަން ޓްރެވަލްސްގެ ކުރިން އެއްވެސް ބަޔަކު ގޮސްފައި އޮތްކަން އެނގޭކަށް ނެތެވެ. އާބިޓްރޭޝަނުން ނިންމާ ގޮތަކަށް އޮންނަނީ އަމަލްކޮށްފަ އެވެ. މިސާލަކަށް، ޖީއެމްއާރު އަތުން ވެލާނާ އިންޓަނޭޝަލް އެއާޕޯޓް އަތުލުމުން ޖީއެމްއާރަށް ބަދަލުދޭން ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމުމާ އެކު ސަރުކާރުން އެއަށް، ފުރިހަމައަށް ތަބާއަވި އެވެ. އެ ނިންމުމާ ދެކޮޅަށް ދިވެހި ސަރުކާރުން ރާއްޖޭގެ އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއް ނާޅަ އެވެ.
ސިޔާމް ތަރައްގީކުރެއްވި އިރުފުށި ހިންގަން ހިލްޓަންއާ އެކު ހެދި އެއްބަސްވުން ވަގުތުން އުވާލައި، އެ ރަށުން ބޭރުކުރުމުން ހިލްޓަންއިން އާބިޓްރޭޝަންގައި އެދުނީ ބަދަލުގެ ގޮތުގައި 70 މިލިއަން ޑޮލަރު ހޯދާށެވެ. ނަމަވެސް އާބިޓްރޭޝަނުން ނިންމީ 24 މިލިއަން ޑޮލަރުގެ ބަދަލެއް، ސަން ޓްރެވަލްސް އިން ދޭން ޖެހޭނެ ކަމަށެވެ. ދެ އަހަރަށް ދެމިގެން ދިޔަ އާބިޓްރޭޝަންގެ ނިންމުން އައީ އޮގަސްޓް 2015ގަ އެވެ. އެ ދުވަހުން ފެށިގެން މިހާތަނަށް ހަތް އަހަރު ވެގެން ދިޔައިރު ވެސް ރާއްޖޭގެ ކޯޓުތަކުގެ ތެރޭގައި މައްސަލަ ގެންގުޅުމަކީ، ގައުމީ މަސްލަހަތުން ބެލި ނަމަވެސް، ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
ރާއްޖެއަށް ބޭރުގެ އިންވެސްޓަރުންނާއި ބޭރުގެ ކުންފުނިތައް ވަރަށް މުހިންމެވެ. ރާއްޖޭގެ ޓޫރިޒަމް އެންމެ މަތީ ހަރުފަތަށް އެރުވުމުގައި އެ ކުންފުނިތަކުގެ ރޯލު، ސިޔާމް ކަހަލަ ވިޔަފާރިވެރިންގެ މިންނެތް މަސައްކަތެކޭ އެއްގޮތަށް، ބޮޑު ދައުރެއް އަދާކުރެ އެވެ. އެހެންކަމުން ވިޔަފާރީގައި އުފެދޭ ހިޔާލު ތަފާތުވުން ބައިނަލްއަގުވާމީ ކޯޓަކުން ނިންމުމުން އަނެއްކާ ރާއްޖޭގެ ކޯޓުތަކުގެ ތެރޭގައި ދަންމަން ވެއްޖެ ނަމަ، އެ ދެވެނީ ރަނގަޅު މެސެޖެއް ނޫނެވެ. އެއީ، ލިއުންތެރިޔާ ސިފަކުރި ގޮތަށް، އިންވެސްޓަރުންނަށް ނުވަތަ ރާއްޖޭގެ ރިސޯޓްތައް މެނޭޖްކުރަން އަންނަ ބޭރުގެ ކުންފުނިތަކަށް، ރަތް އިންޒާރެއްގެ ގޮތަށް ބެލިދާނެ އެވެ.
'ދައުރު'ން މި މައްސަލަ ނެގީ، އޭގެ ޒާތުގައި ވެސް ބޮޑު މައްސަލައަކަށް ވާތީ އެވެ. އެ ލިއުމުގައި ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ވަކީލުންގެ ބަސް ގެނެސްފައި އެވަނީ، ކާކުކަން އެނގޭ ގޮތަށް ބައެއް މައްސަލަތަކުގައި ވާހަކަ ދެއްކުމުން އެ ބޭފުޅުންނަށް ދިމާވާ ނަފުރަތާއި ރުޅި އާއި ދިމާކުރުންތައް ގިނަކަމުންނެވެ. އެހެންވެ ނަން ޖަހައިގެން ވާހަކަ ދައްކަވަން އެ ބޭފުޅުން ބޭނުމެއްނުވެ އެވެ.
ސިޔާމަކީ ރާއްޖޭގެ އިސް ވިޔަފާރިވެރިއެއްގެ އިތުރުން ސިޔާސީ ގޮތުން ނުފޫޒު ވެސް ގަދަ ބޭފުޅެކެވެ. ރާއްޖޭގައި ކަން ހިނގާ ގޮތް އެއްވެސް މީހަކަށް އޮޅިފައެއް ނޯންނާނެ އެވެ. އެހެންކަމުން ސިޔާމްގެ ނުފޫޒާއި ސިޔާމަށްޓަކައި ގައުމުގެ ވެރިން ގިނަ ކަންތައްތަކެއް ކޮށްދޭނެކަން، ދިވެހި ރައްޔިތުން ވެސް ގަބޫލުކުރާނެ އެވެ. އެކަމަކު ރިޕޯޓްގައި އެ ނުފޫޒުގެ ވާހަކަ ގެނައީ، ސިޔާމްގެ އަގު ވައްޓާލައި، ސަން ޓްރެވަލްސްއަށް ގެއްލުން ދޭކަށެއް ނޫނެވެ.
'ދައުރު'ން މަސައްކަތް މިކުރަނީ، ގައުމީ މައްސަލައެއް ދިމާވެއްޖެ ނަމަ، އެއީ ކޮންމެ ކަހަލަ މަގާމެއްގައި ހުންނެވި، ކޮންމެ ކަހަލަ ބޭފުޅަކަށް ނިސްބަތް ވިޔަސް، ޖެހިލުންވުމެއް ނެތި، އެ މައްސަލައަކާ ބެހޭ ގޮތުން މައުލޫމާތު ފަތުރޭތޯ އެވެ. އެފަދަ ލިއުންތަކުގައި އެ ރައްދުވާ ފަރާތުން ބޭނުންނުވެދާނެ ނުވަތަ، ހިތްހަމަނުޖެހިދާނެ ވާހަކަތައް ހުރުން ހަމަ ވަރަށް އެކަށީގެންވެ އެވެ. އެއީ އެކަން ވާނެ ގޮތް ވެސް މެ އެވެ.
އެކަމަކު އެއްޗެއް ލިއެގެން މިހާތަނަށް މި ގޮތަށް 'ދައުރު'ގެ ނޫސްވެރިންނަށް އިންޒާރުތަކެއް އައިސްފައެއް ނުވެ އެވެ. ހިރިގާ ޒާހިރަށް ގުޅުއްވައި، ވަގުތުން އާޓިކަލް ނަގަން ވެސް، ސިޔާމް އެދިވަޑައިގަތެވެ. އަދި މި ދެއްވަނީ 'ފަހުގެ އިންޒާރު' ކަމަށް ވެސް ވިދާޅުވި އެވެ.
ކިއުންތެރިންނަށާއި ސިޔާމާއި ސަން ޓްރެވަލްސްއަށް އަޅުގަނޑުމެން ދޭން ބޭނުން މެސެޖަކީ، އެއްވެސް މީހަކާ ދިމާކޮށްލައި، އަގުވައްޓާލަން، އެހެން ބަޔަކު ފައިސާ ދީގެން 'ދައުރު'ގައި އެއްވެސް އެއްޗެއް ނުޖެހޭނެ ކަމެވެ. އެއީ 'ދައުރު'ގެ ކޯޑު އޮފް އެތިކްސްއާ މުޅިން ހިލާފު ކަންކަމެވެ.
ނަމަވެސް ސިޔާސީ މީހުންނާއި ވިޔަފާރިވެރިންނާއި ކުންފުނިތަކަށް، މައްސަލައިގެ ގޮތުން، ނޫސްވެރިންގެ ފާޑުކިއުން އަބަދުވެސް އަމާޒުވާނެ އެވެ. އެއީ މިނިވަން ނޫސްވެރިކަމުގައި އެކަން އޮންނާނެ ގޮތް ވެސް މެ އެވެ. އެފަދަ ފާޑުކިއުންތަކާ ގުޅިގެން މަރުގެ އިންޒާރާއި ބިރުގެންނެވުމުގެ ބަސްމަގު ގެންގުޅޭ ނަމަ މި ގައުމަށް ދުވަހަކު ވެސް ތަހުޒީބީ ރީތި ސިފަތަކެއް ނުލިބޭނެ އެވެ.
ކޮމެންޓް (8)
ރަފިއްޔާ
ޢަދު
ދީފްރްއާމްގެ
ރަޝީދު
ޢިސްކުރުބޭބެ
ކ މޫސަ
ބާރުބޭ
އާދަނު