ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕާޓީގެ އިސް މެމްބަރުން ސަން އައިލެންޑުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން
ޑރ. ހުސެއިން، ނަޝީދާއި ގާސިމްގެ ބައްދަލުވުމުގައި
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ، މިހާރުގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރު ކަމުގައި ހުންނެވި ހުސެއިން ރަޝީދު ހަސަން، އެ ޕާޓީ އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ބައްދަލުވުމެއްގައި މިއަދު ބައިވެރިވެވަޑައިގެންފި އެވެ.
ފަސްމަންޒަރު - ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އިބްރާހިމް އިންތިހާބުގައި ވާދަކުރައްވާނެކަން ޔަގީންވުމާ އެކު ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ގެންދަވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާކަން އިއުލާންކުރައްވަމުންނެވެ. އޭގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ހިމެނިވަޑައިގަންނަވަ އެވެ. އަދި ބައެއް ބޭފުޅުން ވަނީ ޖޭޕީ އިން ވަކިވެފަ އެވެ.
ތަފްސީލް - ނަމަވެސް ޑރ. ހުސެއިން އިންތިހާބުގައި ވަކި ބޭފުޅަކަށް ތާއީދުކުރެއްވުމާ ބެހޭގޮތުން މިހާތަނަށް އެއްޗެއް ވިދާޅުނުވެ ހުންނަވައި މިއަދު ފެނުނީ ގާސިމްގެ ވިލާ ކުންފުނީގެ ސަން އައިލެންޑުގައި ބޭއްވި ގާސިމާއި ނަޝީދުގެ ބައްދަލުވުމުންނެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމާ ގުޅިގެން 'ދައުރު' އިން މިނިސްޓަރާ ސުވާލުކުރުމުން ވާހަކަދެއްކެވުމަށް އުޒުރުވެރިވެވަޑައިގެންނެވީ އެވެ.
ކުރިއަށް އޮތް އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ނިންމާފައިވާ ފިކުރެއްގެ ދިރުމާއި ޖޭޕީގެ އެ ބައްދަލުުވުމުގައި ބައިވެރިވެވަޑައިގެންނެވީ:
-
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
-
ޖޭޕީގެ ލީޑަރު ގާސިމް
-
'ފިކުރެެއްގެ ދިރުން' ފެކްޝަނަށް ތާއީދުކުރައްވާ މަޖިލީހުގެ އެމްޑީޕީ މެމްބަރުން
-
ނަޝީދަށް ތައީދުކުރައްވާތީ މަގާމުން ވަކިކުރި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު
-
ޖޭޕީގެ އިސް ވެރިން
އެނގުން މުހިއްމު - މިނިސްޓަރު ހުސެއިން، ފިކުރެއްގެ ދިރުމާ އެކު ބޭއްވި އެ ބައްދަލުުމުގައި ބައިވެރިވެވަޑައިގެންނެވިއިރު، މަގާމުތަކުގައި ތިބި މީހުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ސަރުކާރަށް ތުހުމަތުކުރަމުންނެވެ. އަދި ޖޭޕީގެ މަގާމުތަކުގައި ސަރުކާރުގައި ތިބި މީހުންނަށް މި ދައުރު ނިމެންދެން މަގާމުތަކުގައި ތިބެވޭނެތޯ ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު އިއްޔެ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރައްވަން އުޅުއްވުމަށް ފަހު، އެ މަސައްކަތްތަކާ ދެކޮޅަށް ފަހުން ވާހަކަދައްކާނަމަ އެއީ "އެ މީހަކު އެ މަގާމުގައި ހުރުމުގެ ބޭނުން ކެނޑުން" ކަމަށެވެ.
ނަމަވެސް އިހުލާސްތެރިކަމާ އެކު ސަރުކާރާ އެކު މަސައްކަތް ކުރަން ތިބި ނަމަ ސަރުކާރުގައި މަސައްކަތްކުރުމުގެ ފުރުސަތު ޖޭޕީގެ ބޭފުޅުންނަށް ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް (6)
ހަސަންދީ
އަހަންމަދާ
އަންހެނެއް
ބަވަނަ
ވޯޓޭ
ހުސެއިން