ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މުހަމަދް މައުސޫމް މީގެ ކުރިން 'ދައުރު'އަށް އިންޓަވިއުއެއް ދެއްވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ލޯކަލް ޓޫރިޒަމް

ގެސްޓް ހައުސްތައް %70 އިތުރުވެއްޖެ؛ ރާާސްލާފައި ރަށްތައް ކުރިއަރާނެ: މިިނިސްޓަރު

މިހާރު 118 ރަށުގައި 909 ގެސްޓް ހައުސް އަދި ހޮޓާ މިހާރު ހުރިއިރު، އެއީ 16،308 އެނދު
7 އޭޕްރީލު 2023

މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގައި ހުރި ގެސްޓް ހައުސް އަދި ހޮޓާތަކުގެ އަދަދު %70 އިތުރުވެފައިވާ ކަމަށާއި މިއީ ރާއްޖޭގެ އާންމު ރައްޔިތުންގެ ޖީބުތައް ތަނަވަސް ވާނޭ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މައުސޫމް ދައުރަށް ވިދާޅުވީ 2018ގައި މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ރާއްޖޭގައި ހުރީ 533 ގެސްޓް ހައުސް އަދި ހޮޓާގައި 10،455 އެނދު ކަމަށެވެ. އެހެން ނަމަވެސް މިނިސްޓަރު ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި: 

  • 118 ރަށުގައި 909 ގެސްޓް ހައުސް އަދި ހޮޓާ މިހާރު އެބަހުރި، %70 އިތުރުވުމެއް 

  • އެއީ 16،308 އެނދު ، %56ގެ އިތުރުވުމެއް

  • މުޅި ރާއްޖޭގައި ހުރި ޓޫރިޒަމް އެނދުގެ %27 ހިއްސާކުރަނީ ގެސްޓް ހައުސްތަކުން

ޓޫރިސްޓުންތަކެއް ތޮއްޑޫ މަގުމަތީގައި ހިނގާފައި ދަނީ: ރަށު ފަތުވެރިކަމަށް އިތުބާރު ހޯދިއްޖެ ކަމަށް މިނިސްޓަރު ވިދާޅުވި 

ތަފްސީލް - މައުސޫމް ވިދާޅުވީ އެ ކުރިއެރުމުން އެނގިގެން ދަނީ ޓޫރިސްޓުންނާއި ދިވެހިންގެ މެދުގައި ރަށު ފަތުރުވެރިކަމަށް އޮތް އިތުބާރު ބޮޑުވެފައިވާ މިންވަރު ކަމަށެވެ. އަދި ރަށު ފަތުރުވެރިކަން ކުރިއަރުވަން މި ސަރުކާރުން ކުރަން ފެށި މަސައްކަތުގެ ނަތީޖާ ފެންނަން ފަށާފައިވާކަން ފާހަގަ ކުރައްވައި މައުސޫމް ވިދާޅުވީ ދީނާއި އާދަކާދައަށް އިހުތިރާމް ކުރަމުން ރަށު ފަތުރުވެރިކަން ތަަރައްގީ ކުރެވޭނޭކަން ދިވެހިން މިހާރު ގަބޫލުކޮށްފައިވާ ކަމަށެވެ.

"މި އަލަށް ހުޅުވުނު ގެސްޓް ހައުސްތަކުން މިއީ އާންމު މީހުންގެ ޖީބަށް ތަނަވަސްކަން ގެނެސްދޭނޭ ކަމެއް. މިއީ އެ މީހުންގެ ދިރިއުޅުން ރަނގަޅުވެ އަތް މަތި ތަނަވަސްވާނޭ ކަމެއް. ރަށްރަށުގެ ޓޫރިޒަމް ކުރިއަރުވަން އަޅުގަނޑު ހީވެސް ނުކުރާ ވަރަށް އެ ރަށެއްގެ ރައްޔިތުންގެ އެއްބާރުލުން އެބަ ދޭ،" މައުސޫމް ވިދާޅުވި އެވެ.

އއ. އުކުޅަހުގައި ފަތުރުވެރިންތަކެއް ހިނގާފައި ދަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ގެސްޓް ހައުސްތަކާއި ހޮޓާތަކުގައި ހުރި އެނދުގެ ނިސްބަތް ގިނަވަމުން ދިޔުމަކީ އިންގިލާބީ ބަދަލެއްގެ ފެށުން ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ޓޫރިޒަމުން ރަށްރަށަށް "ރާސްލާފައި ތަރައްގީ އަންނަތަން" ފެންނާނޭ ކަމަށް ވިދާޅުވި އެވެ.

"މާފުށި ތަންތަން އެ ހުރީ ރާސްލާފައި ކުރިއަށް ގޮސްފައި. އެ ބަދަލު ރަށްރަށުން އަޅުގަނޑުމެންނަށް ފެންނަން ފަށާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ގެސްޓް ހައުސް އެނދުގެ ބޮޑު ބައެއް ހުރީ ކ، އދ، އއ އަދި ވ އަތޮޅުގަ އެވެ. ދެން އެންމެ ގިނަ އެނދު ހުރީ ނ، ރ، ބ އަދި ޅ ގަ އެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ރިސޯޓު މުވައްޒަފުން ފަތުރުވެރިންގެ ލަގެޖް ލޯންޗަށް އަރުވަނީ (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

މައުސޫމް ވިދާޅުވި ގޮތުގައި ރާއްޖޭގައި ޓޫރިޒަމް ފުޅާވާއިރު އޮތް ގޮން ޖެހުމަކީ ޓޫރިޒަމަށް ދިވެހިން ތަމްރީން ކުރެވިފައި ނެތުމެވެ. އަދި މިހާރުވެސް ޓޫރިޒަމްގެ ވަޒީފާތަކަށް ދިވެހިން ނުލިބިގެން ރިސޯޓްތަކުން ޝަކުވާ ކުރާ ކަމަށާއި މީހުން ތަމްރީން ކުރުމުގެ މަސައްކަތް އިތުރު ކުރަން ވިސްނަވާ ކަމަށް ވިދާޅުވި އެވެ.

"މިހާރުވެސް އެބަ ހަމަ ވަރަށް ގިނަ ރިސޯޓްތަކުގައި އިސް މަގާމުތަކުގައި ދިވެހިން ތިބުން އެބަ ގިނަވޭ. އަނެއްބައި ތަންތަނަށް އެ އުޅެނީ ދިވެހިން ނުވެސް ލިބިގެން. އެހެން ވީމާ ދިވެހިންގެ ހިއްސާ ޓޫރިޒަމްގައި ބޮޑު ކުރަންޏާ މި ދާއިރާއަށް މީހުން ތަމްރީން ކުރަން އެބަ ޖެހޭ،" މައުސޫމް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް