އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު ބޭއްވި ރަސްމިއްޔާތެއްގައި ގާސިމްއާ އެކު. (ފައިލް ފޮޓޯ/އަވަސް އޮންލައިން
ގާސިމް ކޯލިޝަން މަޝްވަރާގެ ދައުވަތު އަދީބަށް ވެސް ދެއްވައިފި
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ އެކު ކޯލިޝަން ހެދުމަށް މަޝްވަރާކުރުމުގެ ދައުވަތު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މޭސްތިރިއަކަށް ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)އަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ފޮނުއްވައިފި އެވެ.
ވީ ކިހިނެއް؟ - ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ސޮއިކުރައްވައި އެމްޓީޑީއަށް ވަނީ އިއްޔެ ސިޓީއެއް ފޮނުއްވާފަ އެވެ.
ތަފްސީލް - އެ ސިޓީގައި ގާސިމް ވިދާޅުވެފައިވަނީ، އެމްޓީޑީއާ އެކު މަޝްވަރާކުރަން ބޭނުންވަނީ ގިނަ ބައެއްގެ ބައިވެރިވުން އޮންނާނެ ގޮތުގެ މަތިން ގައުމުގެ ކަންކަން އިސްލާހުކުރުމަށް މަގުފަހިކުރުމަށް ކަމަށެވެ.
ޖޭޕީއާ އެކު މަޝްވަރާތަކުގައި ބައިވެރިވާނެ އެމްޓީޑީގެ ބޭފުޅުންގެ ނަންތައް ވީހާ ވެސް އަވަހަކަށް ޖޭޕީގެ ސެކްރެޓޭރިއޭޓަށް ފޮނުވަން އެ ސިޓީގައި ގާސިމް އެދިވަޑައިގެންފައިވެ އެވެ.
އެނގުން މުހިންމު - އެމްއެމްޕީއާރްސީ ހިޔާނާތުގެ ކުށް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އަދީބު މިވަގުތު ހުންނެވީ ގޭބަންދުގަ އެވެ.
ފަސްމަންޒަރު - ޖޭޕީއާ އެކު ކޯލިޝަން ހެދުމުގެ ދައުވަތު ގާސިމް ވަނީ ފަސް ފަރާތަކަށް މިދިޔަ ހޯމަ ދުވަހު ދެއްވާފަ އެވެ. އެއީ:
-
މައި އިދިކޮޅު ޕާޓީ، ޕީޕީއެމް/ޕީއެންސީ ހިމެނޭ ކޯލިޝަން
-
މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ، ނަމަވެސް ކުރިއަށް އޮތް އިންތިހާބާ މެދު އަދި ގޮތެއް ނިންމާފައިވާ ނުވާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް
-
އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރާ އެމްއެންޕީ
-
އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
އޭގެ ތެރެއިން، ޖޭޕީއާ އެކު މަޝްވަރާކުރަން ނިންމީ އެމްއާރުއެމުން އެކަންޏެވެ. ޕީޕީއެމް އާއި އެމްއެންޕީގެ އިތުރުން، މުނައްވަރާއި އުމަރު ވެސް ވަނީ އެ ދައުވަތު ގަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.