ފެމިލީ ކޯޓު. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ފެމިލީ ކޯޓު

އަޅާނުލައިގެން ދައުލަތަށް ނެގި ކުއްޖެއްގެ ހަރަދު ދޭން ބައްޕައަށް އަމުރުކޮށްފި

މިއީ މިފަދަ އަމުރެއް ރާއްޖޭގައި ކުރި ފުރަތަމަ ފަހަރު

ރައްކާތެރިކުރުމުގެ އަމުރެއް ނެރެ، ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ނިންމި ކުއްޖެއްގެ ހުރިހާ ހަރަދެއް އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ މުއްދަތުގައި ދައުލަތަށް ދެއްކުމަށް އެ ކުއްޖާގެ ބައްޕަގެ މައްޗަށް ފެމިލީ ކޯޓުން މިއަދު އަމުރުކޮށްފި އެވެ. މިއީ މިފަދަ އަމުރެއް ރާއްޖޭގައި ކުރި ފުރަތަމަ ފަހަރެވެ.

ވީ ކިހިނެއް؟ - މި ގޮތަށް ކޯޓުން ނިންމާފައިވަނީ، މައިންބަފައިންގެ ފަރާތުން ރައްކާތެރިކަން ފޯރުކޮށްދީފައި ނުވާތީ އާއި އާއިލާގެ ތެރޭގައި ހަވާލުވާނެ ފަރާތެއް ނެތުމުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްގެ މައްސަލައިގަ އެވެ. މި މައްސަލަ ފެމިލީ ކޯޓަށް ދައުލަތުން ހުށަހެޅީ 'ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު'ގެ ދަށުންނެވެ.

ދައުލަތުން ފެމިލީ ކޯޓުގައި އެދުނީ:

  • 'ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު'ގެ ދަށުން ރައްކާތެރިކުރުމުގެ އަމުރެއް ނެރެދިނުމަށް

  • ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖާ ހުންނައިރު، ކުއްޖާގެ ހުރިހާ ހަރަދުތައް ކުއްޖާގެ ބައްޕަގެ ފަރާތުން ދައުލަތަށް ލިބިދިނުމަށް އަމުރުކޮށްދިނުމަށް

ތަފްސީލް - މި މައްސަލާގައި މިއަދު ފެމިލީ ކޯޓުން ކުރި ހުކުމުގައި ކުއްޖާގެ ބައްޕަގެ މައްޗަށް އަމުރުކޮށްފައިވަނީ، ކުއްޖާގެ ހަރަދަށް، ކޮންމެ މަހަކު 16،219ރ. ދެއްކުމަށެވެ. މި އަދަދު ދެއްކުމަށް ހުކުމްކޮށްފައިވަނީ ކުއްޖާގެ ބައްޕަގެ ވެސް ރުހުމާ އެކު އެވެ.

ކުއްޖާ ބެލެހެއްޓުމަށް ހިނގާނެ ހަރަދު ކަނޑައެޅުމުގައި ކޯޓުން ބަލާފައިވަނީ:

  • ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖާ ބަހައްޓާފައިވާ ތަނުގައި ކުއްޖާ ހުންނަ މުއްދަތުގައި ކެއުމުގެ ހަރަދު

  • ކުއްޖާ ބަހައްޓާފައިވާ ތަނުގެ ކަރަންޓް އަދި ފެނުގެ ހަރަދު

  • ކުދިން ބެލެހެއްޓުމަށް މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ އާއި އެ ތަނުގައި މަސައްކަތް ކުރާ ގުރުއާން މުދައްރިސުންގެ މުސާރަ؛ މި ހަރަދު ނެގުމުގައި އެ ތަނުގައި މި ވަގުތު ދިރިއުޅޭ ކުއްޖަކަށް ޖެހޭނެ މިންވަރު ބަލާފައިވޭ

  • ކުއްޖާގެ އަންނައުނާއި އެހެނިހެން ހަރަދުތަކުގެ ގޮތުގައި މަހެއްގެ މައްޗަށް ހޭދަކުރާނެ މިންވަރު

  • ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމުން، ކުއްޖާ ނަގަން ޖެހޭ ތަފާތު ތެރަޕީތަކަށް ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ މިންވަރު

އެނގުން މުހިންމު - ކުޑަކުދިންގެ ހަރަދުތައް ބެލެހެއްޓުމީ މައިންބަފައިންގެ އަސާސީ ޒިންމާއެއް ކަމަށް ވުމުން، މައިންބަފައިން ދުނިޔޭގައި ތިބެ، ކުއްޖާ ބަލަހައްޓަމުން ގެންދަނީ ދައުލަތުން ނުވަތަ ގާނޫނުގެ ދަށުން ކަނޑައެޅޭ އެހެން ފަރާތަކުން ނަމަ، ކުއްޖާގެ ހަރަދު، މައިންބަފައިން ކުއްޖާ ބަލަހައްޓަމުން ގެންދާ ފަރާތަކާ ހަވާލުކުރުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 43 ވަނަ މާއްދާއިން ލާޒިމް ކުރެ އެވެ.

މައިންބަފައިން އެ މީހުންގެ ދަރިންނަށް ދޭން ޖެހޭ ހަރަދު ދިނުމުގައި އިހުމާލު ވެއްޖެ ނަމަ، މައިންބަފައިން ޒިންމާދާރު ކުރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް ވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް