އެމްޑީއޭ އިން 24 ފެބްރުއަރީ 2023ގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި ސިޔާމް ވާހަކަދައްކަވަނީ. (ފޮޓޯ/އެމްޑީއޭ)

ސަން ސިޔާމް

ސިޔާމްގެ ކުންފުނިން ހިލްޓަންއަށް 24 މިލިއަން ޑޮލަރު ދެއްކުން ފަސްކުރަން އަމުރުކޮށްފި

ހައި ކޯޓުގެ އަމުރުގައި ބުނީ ސިވިލް ކޯޓުގެ ނިންމުން ތަންފީޒުުކުރުން މި ވަގުތު ފަސްނުކޮށްފި ނަމަ، ސަން ޓްރެވަލްސްގެ މަސްލަަހަތަށް އުނިކަން އަތުވެދާނެ ކަމަށް

ސަން ޓްރެވެލްސް އިން ހިލްޓަންއަށް 24 މިލިއަން ޑޮލަރު (370.8 މިލިއަން ރުފިޔާ) ދެއްކުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމަށް ތާއިދުކޮށް އެ ފައިސާ 14 ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ސަން ޓްރެވަލްސްގެ މައްޗަށް ކުރި އަމުރު ތަންފީޒުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް މިއަދު ހައި ކޯޓުން ނެރެފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސްއާ ދެކޮޅަށް މައްސަލަ ނިމި، ފައިސާ ދައްކަން މިދިޔަ ފެބްރުއަރީ މަހު އަމުރުކޮށްފައިވަނީ ރާއްޖޭގެ ކޯޓުތަކުގައި މިކަމާ ގުޅޭ އެކި މައްސަލަތައް ހިނގަމުން ދާތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. 

މިދިޔަ ފެބްރުއަރީގައި ސިވިލް ކޯޓުން ކުރި އަމުރު ސަން ޓްރެވަލްސްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި އެވެ. އަދި އިސްތިއުނާފީ މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން، ސިވިލް ކޯޓުގެ އަމުރު ތަންފީޒުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެ ކުންފުނީގެ ފަރާތުން ހައި ކޯޓުގައި އެދިފައިވެ އެވެ.

ތަފްސީލް - ހައި ކޯޓުން ސަން ޓްރެވަލްސްގެ އެދުނު ގޮތަށް މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ، އެ މައްސަލައިގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ސިވިލް ކޯޓުން 5 ފެބްރުއަރީގައި ނެރެފައިވާ އަމުުރު ތަންފީޒުކުރުން މަޑުޖައްސާލަން އަމުރުކުރާ ކަމަށެވެ.

ހައި ކޯޓުގެ އަމުރުގައި ބުނީ ސިވިލް ކޯޓުގެ ނިންމުން ތަންފީޒުުކުރުން މި ވަގުތު ފަސްނުކޮށްފި ނަމަ، ސަން ޓްރެވަލްސްގެ މަސްލަަހަތަށް އުނިކަން އަތުވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެނގުން މުހިންމު - ހިލްޓަންއަށް 24 މިލިއަން ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ކުރި އަމުރު ތަންފީޒުކުރުން މަޑުޖައްސާލަން މިއަދު ހައި ކޯޓުން އަމުރު ނެރުނުއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރުމަށް ސިޔާމް ވަނީ ނިންމަވާފަ އެވެ.

ސިޔާމް، ރައީސް ސޯލިހަށް ތާއިދުކުރަން ނިންމެވީ 24 މިލިއަން ދައްކަން އަމުރު ނެރެފައިވާ ދަނޑިވަޅެއްގައި ކަމުން، އެއީ އެ ފައިސާ ދެއްކުމުން ރެކުމަށް ސަރުކާރާ އެކު ހެދި އެއްބަސްވުމަށް ކަމަށް އޭރު އަޑުތައް ފެތުރުނެވެ.

އެކަމަކު އެ ތުހުމަތުތައް ސިޔާމްގެ އެމްޑީއޭ އާއި ސަރުކާރުން ވެސް ވަނީ ދޮގުކޮށްފަ އެވެ. 

މައްސަލައިގެ ހުލާސާ

  • ނ. މެދުފުށީގައި ސަން އިން ހަދާފައިވާ އިރުފުށި ރިސޯޓް ހިންގަން ހިލްޓަންއާ ހަވާލުކުރީ 27 ފެބްރުއަރީ 2009ގައި 

  • އެ އެއްބަސްވުމާ ހިލްޓަން ހިލާފުވެފައިވާ ކަމަށް ބުނެ، ސަން އިން އެ އެބަސްވުން 2013 ވަނަ އަހަރު ބާތިލުކުރި

  • އެއްބަސްވުން ބާތިލުކުރި މައްސަލަ ހިލްޓަން އިން ސިންގަޕޫރުގެ ބައިނަލްއަގުވާމީ އާބިޓްރޭޝަން ކޯޓަށް ހުށަހެޅި 

  • އެ މައްސަލައިގައި، 2015 ވަނަ އަހަރު އާބިޓްރޭޝަނުން ނިންމީ، ބަދަލުގެ ގޮތުގައި ސަން ޓްރެވެލްސް އިން، ހިލްޓަންއަށް 24 މިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށް

ކޮމެންޓް (1)

ކޯޓު މީހާ

2 އޭޕްރީލު 2023
މިވަގުތު ހުކުމް ފަސް ނުކޮށްފިނަމަ، އިންތިހާބަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފާނެތީ ހުކުމް ތަންފީޒް ކުރުން ފަސްކުރަން އަމުރު ކުރަމެވެ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް