ރައީސް އޮފީސް އިމާރާތް. (ފޮޓޯ/ ގޯ ޓު ޓްރެވެލް ގައިޑްސް)

ސިޔާސީ

ހަރަދު ކުޑަކުރަން އަންގާފައިވަނިކޮށް ގިނަ ސިޔާސީ ވަޒީފާތަކެއް ދީފި

ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން، މަދުވެގެން ހަތަރު ބޭފުޅުން ވަނީ މިނިސްޓަރުންގެ ނައިބުންގެ ގޮތުގައި މި ފަހުން އައްޔަންކޮށްފައި

ހަރަދު ކުޑަކުރުމަށާއި ދައުލަތުގެ ބަޖެޓުން ހޭދަކުރާ ގޮތަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި އާ މަގާމުތައް ނުއުފެއްދުމަށް ފިނޭންސް މިނިސްޓްރީން ދައުލަތުގެ އިދާރާތަކަށް އަންގާފައިވަނިކޮށް، ގިނަ ސިޔާސީ ބޭފުޅުންތަކެއް މަގާމުތަކަށް އައްޔަންކޮށްފި އެވެ.

އެނގުން މުހިންމު - ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންނަށް ކުރާ ހަރަދާއި ދަތުރު ހަރަދު އަދި އޮފީސް ހިންގުމުގެ ހަރަދުތައް ވެސް ކުޑަކުރަން އަންގައި މިދިޔަ މަހު ފިނޭންސް މިނިސްޓަރު ސޮއިކުރައްވައި މާލިއްޔަތާ ބެހޭ ސާކިއުލާއެއް ނެރުއްވާފައިވެ އެވެ.

ވީ ކިހިނެއް؟ - މީގެ ކުރިން، މިނިސްޓްރީތަކަށް ނައިބުންނާއި ސްޓޭޓު މިނިސްޓަރުން އައްޔަނުކުރުމުން، ރައީސް އޮފީހުގެ ވެބްސައިޓުގައި އެކަން ހަބަރެއްގެ ގޮތުގައި އިއުލާނުކުރެ އެވެ.

ނަމަވެސް، މި ފަހުން ބައެއް މިނިސްޓަރުންގެ ނައިބުންގެ ގޮތުގައި ބޭފުޅުން އައްޔަނުކޮށްފައި ވިޔަސް، އެ ގޮތަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރި އިރު އެކަން އާންމުކޮށްފައެއް ނުވެ އެވެ.

ތަފްސީލް - ރައީސް އޮފީހުގެ ވެބްސައިޓުގައިވާ މައުލޫމާތަށް ބަލާއިރު، ނައިބުން އައްޔަނުކުރި މިނިސްޓްރީތަކުގެ ތެރޭގައި:

  • ޓޫރިޒަމް މިނިސްޓްރީ - ސާމިއު އަންވަރު

  • ޕްލޭނިން މިނިސްޓްރީ - ހުސައިން އާދަމް

  • ޔޫތު މިނިސްޓްރީ - އަހުމަދު މުހައްމަދު އަދި އަހުމަދު ތޮލާލް މުހައްމަދު

  • ޖެންޑާ މިނިސްޓްރީ - އިމްރާން އިބްރާހިމް އަދި މުހައްމަދު ސުއާދު

ބުނީ ކީކޭ؟ - އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުހައްމަދު ވިދާޅުވީ، މިނިސްޓަރުންގެ ނައިބުން އައްޔަނުކުރުމަށް ފަހު ރައީސް އޮފީހުގެ ވެބްސައިޓުގައި ސަރުކާރުގެ އިސްވެރިންގެ ލިސްޓަށް އެ ނަންތައް އިތުރުކުރަމުން އަންނަ ކަމަށެވެ.

"މަގާމުތަކަށް މީހުން އައްޔަނު ކުރަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާ އިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން،" މިއުވާން ވިދާޅުވި އެވެ.

ކޮމެންޓް (2)

ޙެހެ

30 މާރިޗު 2023
ބާރުގެ ދަށުން ރޮއެލަބަލަ
0 0

އަހުމަދު ނައީމް

30 މާރިޗު 2023
ދެން ރައީސް އަށް ލިބިފައިވާ ބާރުގެ ދަށުން،ޤައުމަށް ގެއްލުންވާ ހުރިހާ ކަމެއްވެސް ކުރަންވީ!!!!😡👹👺
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް