އަދްހަމް އަދި ގާސިމް.

ގާސިމްގެ މަރަށް އަދަބު ކަނޑައެޅުމަށް ވާރިސުން ސާބިތުކޮށްފި

ގާސިމް މަރާލިއިރު އޭނާގެ އަންހެނުންނާއި މައިންބަފައިން ދުނިޔެއަކު ނެތް؛ އޭނާގެ ފަސް ދަރިން އެބަތިބި

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި، ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށް ސާބިތުވެފައިވާ އަދުހަމް މުހައްމަދުގެ މައްޗަށް އަދަބު ކަނޑައެޅުމަށް ގާސިމްގެ ވާރިސުންގެ ބަސް ނެގުމަށް މިއަދު ވާރިސުން ސާބިތުކޮށްފި އެވެ.

މައްސަލައިގެ ފެށުން - ހުޅުމާލޭގައި ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ 4 ޑިސެމްބަރު 2019 ވަނަ ދުވަހުގެ ރޭ އެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ:

  • އަދުހަމް މުހައްމަދު، ބޮޑުހިޔާގެ/ޅ. ހިންނަވަރުގެ މައްޗަށް

  • ގާސިމް މަރާލުމަށް ފަހު ފިލައިގެން އުޅެނިކޮށް ފުލުހުން އަދުހަމް ހޯދައި ހައްޔަރުކުރީ އެ މަހުގެ 20 ވަނަ ދުވަހު 

  • އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ

  • އަދުހަމް، ގާސިމް މަރާލީ ބިރުދައްކައިގެން ގާސިމްގެ އަތުން ފައިސާ ފޭރެން އުޅުމުގެ ތެރޭގައި ކަމަށް ދައުލަތުން ބުނޭ

މި މައްސަލައިގައި ހުކުމް އިއްވުމަށް މި މަހުގެ 19 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ކޯޓުން ހުކުމްކުރީ ގަސްތުގައި މީހަކު މެރުމުގެ ކުށް އެއްވެސް ޝައްކެތް ނެތް މިންވަރަށް އަދުހަމްގެ މައްޗަށް ސާބިތުވާ ކަމަށެވެ. 

ވީ ކިހިނެއް؟ - މިއަދު އޮތް އަޑުއެހުމުގައި އޮތީ ގާސިމްގެ ވާރިސުން ސާބިތުކުރުމެވެ.

ތަފްސީލް - މި އަޑުއެހުމުގައި ވާރިސުން ސާބިތުކުރުމަށް ހެކިބަސް ދިން މީހުން ބުނި ގޮތުގައި:

  • ގާސިމް މަރާލިއިރު އޭނާގެ އަންހެނުންނާއި މައިންބަފައިން ދުނިޔެއަކު ނެތް 

  • އޭނާގެ ފަސް ދަރިން ދުނިޔޭގައި އެބަތިބި

މިއަދުގެ އަޑުއެހުން ނިންމާލަމުން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ވާރިސުންގެ ބަސް ނަގައި އަދަބު ކަނޑައެޅުމުގެ އަޑުއެހުމެއް ވަރަށް އަވަހަށް ތާވަލު ކުރައްވާނެ ކަމަށެވެ.

އަދުހަމް މެރުމަށް ގާސިމްގެ ވާރިސުން އެދިއްޖެ ނަމަ، އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާނެ އެވެ. ނަމަވެސް، އެ ކަމަށް އެއްވެސް ވާރިސަކު ދެކޮޅު ހަދައިފި ނަމަ، ދައުލަތާ އެކު ހަދާފައިވާ އެއްބަސްވުމުގެ ސަބަބުން، އޭނާގެ އަދަބު ޖަލު ހުކުމަކަށް ލުއިވާނެ އެވެ. އޭރުން އަދުހަމްގެ މައްޗަށް އިއްވާނީ 17 އަހަރާއި ހަ މަސްދުވަހުގެ ޖަލު ހުކުމެކެވެ.

ކޯޓުން އަދްހަމްގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވަނީ:

  • ހަމަލާއަކުން ދިފާއު ނުވެވޭ ވަރުގެ އުމުރުން ދުވަސްވީ މީހެއްގެ ޓެކްސީއެއް އިހުތިޔާރުކުރީ ފޭރި، މަރާލުމުގެ ގަސްތު މާ ކުރިން ހިތުގައި ބާއްވައިގެން

  • ކާރަށް އެރުމުގެ ކުރިން އަދުހަމް ގެންގުޅުނު ވަޅި ތޫނުކޮށްފައިވާ ކަމަށް އަދުހަމް ބުނެފައިވޭ

  • މީހުން ނޫޅޭ އަނދިރި މަގުމަގުން ދުއްވަން ގާސިމަށް އިރުޝާދު ދެމުންދިޔަ

  • ގާސިމް މަރާލަން ކަރަށް ވަޅިން ހަމަލާދީފައިވަނީ މަރާލުމުގެ ނިޔަތް އޮވެގެން

  • ކަރުން ވަޅި ދަމައިގެންއިރު ކާރުގެ ސީޓެއްގައިި ވަޅިން އެޅި، ކެފިވާ ކަމަށް އަދުހަމް ބުނާއިރު، އެކަމުގެ ނިޝާން ކާރުގެ ސީޓަކުން ފެނިފައިވޭ

  • ގާސިމްގެ ކަރަށް ވަޅި ހެރުމަށް ފަހު އަދުހަމް ފިލަން މަސައްކަތް ކުރީ ގާސިމް އެހީއަށް އެދި އެދި ގޮވަގޮވާ އޮއްވާ

  • ގާސިމަށް އަވަސް ފަރުވާ ލިބުނު ނަމަ، ފުރާނަ ސަލާމަތް ކުރެވޭނެކަން ޑޮކްޓަރު ފާހަގަކުރެއްވި

  • އެހީއަށް އެދި އެދި އޮއްވާ މީހުން ނޫޅޭ ދުރު ތަނަަކަށް ދޫކޮށްލާފައި ދިއުމަކީ ސީދާ ގަސްތުގައި މީހަކު މަަރަށް ހުށަހެޅިގެން ދިޔަ ކަމެއް

  • މަރާލުމުގެ ނިޔަތް ނެތް ކަމަށް އަދުހަމް ބުނި ނަމަވެސް، ގާސިމްގެ ކަރުން ގިނަ އަދަދެއްގެ ލޭ އަންނަމުން ދިޔަ ތަނާއި ގާސިމް ކާރުން ނުކުމެ އެހީތެރިކަމަށް އެދި ގޮވަމުން ދިޔަ ތަން އަދުހަމަށް ފެނުނު ނަމަވެސް، އެހީ ނުވެ، އޭނާ އެ ތަނުން ގޮސްފައިވޭ

  • އިނގިލީގެ ނިޝާނުގެ އިތުރުން، ސީސީޓީވީ ފުޓޭޖުން ވެސް އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވޭ

މައްސަލައިގެ ހުލާސާ 

ގާސިމް މަރާލި ކަމަށް އަދުހަމް މީގެ ކުރިން ވަނީ ފުލުހުންގެ ތަހުގީގުގަ އާއި 12 ފެބްރުއަރީ 2020ގައި ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް އިއުތިރާފް ވެފަ އެވެ. އަދުހަމް އެ ދުވަހު ކުށަށް އިއުތިރާފްވީ ދައުލަތާ އެކު އެއްބަސްވުމެއް ހެދުމަށް ފަހު އެވެ.

ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން އަދުހަމް އެ ދުވަހު ބުނީ:

  • ދައުވާ ސާފުވެއްޖެ ކަމަށާއި ގާސިމް މަރާލި ކަމަށް އިއުތިރާފްވާ ކަމަށް 

  • އެކަން ކުރެވުނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށް 

  • އެކަމާ މިހާރު ދެރަވެ، ހިތާމަކުރާ ކަމަށް

  • ކުރެވުނު ކުށަށް ތައުބާވެ، ތައުބާގެ ނަމާދު ވެސް ކޮށްފައިވާ ކަމަށް 

  • ކުރެވުނު ކުށަށް ގާސިމްގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށް

ގާސިމް މަރާލި ގޮތް ކިޔައިދީ، ކުރި ކުށާ މެދު ދެރަވެ، މާފަށް އެދޭ ކަމަށް ބުނުމަށް ފަހު، އޭގެ ފަހުން އޮތް އަޑުއެހުމެއްގައި އޭނާ ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. ދައުވާތަކަށް އިންކާރުކުރުމަށް ފަހު އެ އަޑުއެހުމުގައި އަދުހަމް ބުނީ:

  • ކުށަށް އިއުތިރާފުވީ ފުލުހުން އަނިޔާކުރުމުން ކަމަށް 

  • އޭގެ ފަހުން އަނެއްކާވެސް އަދުހަމް ވަނީ ދައުވާތަކަށް އިއުތިރާފްވެފައި 

  • އެ ފަހަރު އަދުހަމް ވަނީ ގަސްތު ނޫން މަރެއްގެ ގޮތުގައި އެ މައްސަލަ އަވަހަށް ނިންމައިދިނުމަށް ޝަރީއަތުގައި އެދިފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް