ޖެނުއަރީ 25، 2023: ހިޔާ ފްލެޓްތައް (ދައުރު ފޮޓޯ/ އަބްދުﷲ އިޔާން)
ހިޔާގެ ބައެއް ފްލެޓުތަކުން ކަރަންޓް ކެނޑިއްޖެ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާގެ ބައެއް ޓަވަރުތަކުން މިއަދު އިރުއޮއްސުނު ވަގުތު ކަރަންޓު ކެނޑި ދަތިތަކާ ކުރިމަތިވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑުނީ މިއަދު ހަވީރު އިރުއޮއްސެން އުޅެނިކޮށެވެ.
ބުނީ ކީކޭ؟ - އެކަމާ ގުޅިގެން ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނީ އެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއާ ޝޯޓުވުމާ ގުޅިގެން ކަމަށެވެ. އެ މައްސަލަ ހައްލުކުރަން ތިން ގަނޑިއެއްހާއިރު ނަގާނޭ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
"ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެންގެ މުވައްޒަފުން ދަނީ ކުރަމުން." ސްޓެލްކޯއިން ބުންޏެވެ.
އެނގުން މުހިއްމު - 30،000 އެއްހާ މީހުންގެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ހިޔާގައި ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭތީ އެތަނުގައި ދިރިއުޅޭ އާއްމުންގެ ޝަކުވާ ބޮޑެވެ. އެގޮތުން މިއަދު މަގްރިބް ނަމާދާ ދިމާކޮށް ކަރަންޓު ކެނޑުމުގެ ސަބަބުން ހިޔާގައި ދިރިއުޅޭ ގިނަ ބަޔަކަށް އެޕާޓްމެންޓްތަކަށް ނުވަދެވި ތިރީގައި ތާށިވެސް ވި އެވެ.