ތިލަފުށި

ދަގަނޑާއި ދަބަރު، ކުންޏާއި ތެޔޮ؛ ތިލަފުށީ ފަޅުގެ މި ހާލަތު ބަދަލުކުރަން އެޗުޑީސީން ވަނީ ނުކުމެފައި

ތިލަފުށި ފަޅު ތެރެއަށް އަޅާނުލައި ދޫކޮށްލާފައި ހުރި އޮޑިފަހަރު ދަބަރަށް ވެ އެއްކޮށް ފެތިފައިވާއިރު، އެއީ އެޗުޑީސީން ހެދި މާސްޓަޕްލޭންއަށް ވެސް އޮތް ހުރަހެއް

ކުންޏާއި ތެލުން ކިލަނބުވެފައިވާ ތިލަފުށީގެ ފަޅުތެރެއިން ދަތުރުކޮށްފައި ދިޔައިރު ފާހަގަވީ އެއަށްވުރެ ވަކި ކަންބޮޑުވުން ކުޑަ ނޫން މައްސަލައެކެވެ. އެތައް އަހަރެއް ވަންދެން ބޭނުންނުކޮށް ފަޅުތެރެއަށް ދޫކޮށްލާފައި ހުރި އޮޑިފަހަރެވެ. އެހެން އޮވެއޮވެ ބައެއް އުޅަނދުތައް ހަލާކުވެ، ފަޅުތެރެއަށް ވަނީ ފެތިފަ އެވެ.

ތިލަފުށީގެ ފަޅަށް ނުފަރިތަ މީހަކަށް އެއީ އެނގޭނެ ކަމެއް ނޫނެވެ. ފަޅުތެރެ ކިލަނބުކަމުން އެއްގޮތަކަށް ވެސް ލޮނުގަނޑުގެ އަޑި ނުފެނެ އެވެ.

"އެ އޮތީ ވެސް މުޅިން ފެތިފައި އޮތް އެއްޗެއް،" ފަޅުތެރެއިން ދަމުން ލޯންޗުގައި ހުރެ އެޗުޑީސީގެ ސީނިއަ ޕީއާރު އޮފިސަރު އަލީ މަޝާރު، އަތުގެ އިޝާރާތުން ދައްކާލެއްވި އެވެ.

ފެތިފައި ހުރި އޮޑިތައް އެކަންޏެއް ނޫނެވެ. ފަޅު މެދަށް ދޫކޮށްލާފައި ހުރި ބާޖުތަކެވެ. ދުވަސްވެގެން ގޮސް، އޭގައި މިހާރު ގަސް ހެދި، ކުދިކުދި 'ފްލޯޓިން އައިލެންޑްތަކަކަށް' ވަނީ ބަދަލުވެފަ އެވެ.

މިކަހަލަ ދަގަނޑު ކުނިބުނިތަކުން ތިލަފުށީ ފަޅަށް ލިބޭ ގެއްލުން ކުޑައެއް ނޫން --ދައުރު ފޮޓޯ/ އިބްރާހިމް އިފާޒު)
ތިލަފުށީ ފަޅަށް ދޫކޮށްލާފައިވާ އުޅަނދެއް: އެޗުޑީސީން ވަނީ އުސޫލުތަކެއް ކަނޑައަޅާފައި -- ދައުރު ފޮޓޯ/ އިބްރާހިމް އިފާޒު)

އަހަރެމެންގެ ލޮލުން ކައްސާލި އެކަހަލަ އެތައް އުޅަނދެއް އެޗުޑީސީގެ ޓީމުން ދެއްކި އެވެ. އެއީ ތިލަފުށީގެ މާސްޓަޕްލޭންގައި ހިންގަން ރާވާފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދަން ދިމާވެފައި ހުރި 'ނަގިލީގެ' ހުރަސްތަކެކެވެ.

ސަރުކާރުގެ އެކި ވުޒާރާތަކުގެ މަސައްކަތްތަކާއި މަޝްރޫއުތައް ތިލަފުށީގައި ހިންގަން ރާވާފައި އެބަ ހުއްޓެވެ. ނަމަވެސް އެކަންކަން ފެށެން އޮތީ، ތިލަފުށީގެ ފަޅުތެރެ ހަމައަކަށް އަޅުވައިގެންނެވެ. އެއީ މިހާރު އެޗުޑީސީގެ ޒިންމާއެކެވެ.

"އެޗުޑީސީއާ ޖީއެމްއައިޒެޑްއެލް މާޖްވި ހިސާބުން ތިލަފުށި އަދި ހުޅުމާލޭގެ ފަޅުތެރެ ވެސް މައިތިރިކުރުމުގެ ޕްރޮގްރާމެއް ފަށައިގެން މި އުޅެނީ،" އެ ދަތުރުގައި އިސްކޮށް އުޅުއްވި އެޗުޑީސީގެ މެނޭޖަ ޓްރާންސްޕޯޓް، ޕްލޭނިން އެންޑް އެނަލިސިސް އަހްމަދު ސޮފްވާން ވިދާޅުވި އެވެ.

"ތިލަފުށީގައި ފެތިފައި ހުރި އުޅަނދުތަކާއި ފަޅު މެދަށް ދޫކޮށްލާފައި ހުރި އުޅަނދުފަހަރު ނެގުމުގެ މަސައްކަތް މިދަނީ ކުރަމުން."

އެޗުޑީސީގެ މެނޭޖަ ޓްރާންސްޕޯޓް، ޕްލޭނިން އެންޑް އެނަލިސިސް އަހްމަދު ސޮފްވާން. (ދައުރު ފޮޓޯ

'މިއީ ބޮޑު ނުރައްކަލެއް'

ސޮފްވާން ވެސް ހިއްސާކުރެއްވީ ބައެއް އުޅަނދުތައް އެއްކޮށް ފެތިފައި ހުރުމުން އޮތް ނުރައްކަލުގެ ކަންބޮޑުވުމެވެ.

"އެއްވެސް ތަރުތީބެއް ނެތި މިގޮތަށް ލައްވެފައި ނޫނީ އަޑިއަށް ގޮސްފައި ހުންނަ އެއްޗެހީގެ ސަބަބުން ފަޅު ބޭނުންކުރާ ފަރާތްތަކާއި ފަޅުތެރޭގައި ދުއްވާ ފަރާތްތަކަށް ވެސް މީގެ ނުރައްކާ ފޯރާ،" ސޮފްވާން ވިދާޅުވި އެވެ.

"ހާއްސަކޮށް، އަޑީގައި އޮންނަ އެއްޗަކީ ކިހާ ތިލައެއްގައި ކިހިނެއް އޮންނަ އެއްޗެއް ކަމެއް ނޭނގޭނެ އަލަށް ވަދެގެން އަންނައިރު. އެހެންވީމަ އެ ފަރާތްތަކަށް ވެސް މި ތަނުން ނުރައްކާތެރި ކަމެއް ހިނގުމަކީ އެކަށީގެންވާ ކަމެއް."

ތިލަފުށި ފަޅުތެރެއަށް ބޭނުންނުކޮށް ދޫކޮށްލާފައިވާ އުޅަނދުފަހަރު. ދައުރު ފޮޓޯ/ އިބްރާހިމް އިފާޒު)
ތިލަފުށީ ފަޅަށް މިހެން ދޫކޮށްލާފައި އޮންނަ ކޮންމެ އެއްޗަކީ ވެސް ގެއްލުމެއް -- ދައުރު ފޮޓޯ/ އިބްރާހިމް އިފާޒު)

އަނެއް މައްސަލައަކީ، އޭނާ ވިދާޅުވި ގޮތުގައި މި ގޮތަށް އެތައް އަހަރެއް ވަންދެން ދޫކޮށްލާފައި ހުންނަ އުޅަނދު ބާ ދަގަނޑަށްވެ، ދަބަރު ޖަހައި އޭގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރުމެވެ.

ކުންޏާއި ތެލާއި ދަބަރުން ފަޅުތެރެ ކިލަނބުވެފައި އޮތީ، ފީނަން ވެސް ރައްކާތެރި ނޫން މިންވަރަށެވެ.

ތަރައްގީގެ މަޝްރޫއުތަކުގެ ބުރެކި ޖެހިފައި

ތިލަފުށީގެ ފަޅުތެރެ މިހާރު އޮތް ހާލަތުގެ ސަބަބުން ނުކުންނަ އަނެއް މައްސަލައަކީ އެ ތަނަށް އެކުލަވާލާފައި އޮތް މާސްޓަޕްލޭންގެ މަސައްކަތްތައް މަޑުޖެހުމެވެ.

ތިލަފުށި މާސްޓަޕްލޭން

  • ޒަމާނީ އިންޑަސްޓްރިއަލް ޒޯނުތަކެއް ތަރައްގީކުރާނެ

  • ކަނޑު އުޅަނދުފަހަރުތަކަށް ފަސޭހައިން ކައިރިކޮށްލެވޭ ޖެޓީ ސަރަހައްދެއް ތަރައްގީކުރާނެ

  • ރެޑީމޭޑް އޮފީސް ޖާގަތަކާއި ގުދަންތަކާއި މަސައްކަތް ކުރާނެ ޖާގަ ލިބޭނެ

  • ސިނާއީ އެކި ބޭނުންތަކަށް ބޭނުންވާ ފަރާތްތަކަށް ބިން ގަތުމަށާއި ބިން ކުއްޔަށް ދޫކުރުމަށް ފުރުސަތު ހުޅުވާލާނެ

  • 5،000 - 35،000 އަކަފޫޓާ ދެމެދުގެ ބިންތައް ހުންނާނެ

"މި ޑިވެލޮޕްމަންޓުގައި ވެސް މިހާރު އަޅުގަނޑުމެން ފަޅުތެރެ ހުސްކޮށްފައި އެ ބައިބައި ކުރިއަށްގެންދެވެން އޮތީ. ކޮންމެ ގޮތެއްވިޔަސް އެ ސަރަހައްދެއްގައި ހުންނަ ވެސެލްތައް އެހެން ސަރަހައްދަކަށް ގެންގޮސްގެން މަޝްރޫއު ފެށޭނީ ވެސް،" ސޮފްވާން ވިދާޅުވި އެވެ.

ތިލަފުށި ހިއްކުމުގެ މަސައްކަތް ކުރަނީ: އެޗުޑީސީން ގެންގުޅޭ ޕްލޭން ބޮޑު (ފޮޓޯ/އެޗްޑީސީ)
ތިލަފުށީގައި ކުރިއަށް އޮތް ތަނުގައި ގިނަ ހިދުމަތްތަކެއް ތައާރަފުކުރާނެ (ފޮޓޯ/އެޗްޑީސީ)

ހާއްސަ އުސޫލެއް ހަދައި، މަސައްކަތް ފެށުން

ތިލަފުށީގެ ފަޅު އޮތް ހާލަތަށް ނުދިޔަ ނަމަވެސް ގުޅީފަޅަށް ވެސް ކޮންމެވެސް ވަރަކަށް އުޅަނދުތައް ދޫކޮށްލާފައި އެބަ ހުއްޓެވެ. އެހެންވެ، އެ ދެ ރަށުގެ ފަޅު ހަމައަކަށް އަޅުވަން ހާއްސަ އުސޫލެއް އެކުލަވާލައި، 9 މާޗުގައި ވަނީ ގެޒެޓުކޮށްފަ އެވެ.

އެ އުސޫލުގައި ފަޅުތެރެއަށް ދޫކޮށްލާފައި ހުންނަ އުޅަނދާއި ތަކެތި ކަނޑައަޅާނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮވެ އެވެ. އެ އުސޫލުގައި އެފަދަ ތަކެއްޗާ މެދު އަމަލުކުރާނެ ކަމަށް ބަޔާންކޮށްފައިވަނީ:

  • ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދާއި ތަކެތީގެ ތެރެއިން ވެރިފަރާތް އެނގޭ ތަކެތި އެ ތަނަކުން ނެގުމަށް ހަތް ދުވަހާއި 30 ދުވަހާ ދެމެދުގެ ނޯޓިހެއް ލިޔުމުން ދޭނެ

  • އެ މުއްދަތުގައި ނުނަގައިފި ނަމަ، އެ އެއްޗެއް ނައްތާލުން ނުވަތަ ނީލަމުގައި ވިއްކާލުމުގެ ބާރު އެޗުޑީސީއަށް ލިބިގެންވޭ

  • ވެރިފަރާތް ނޭނގޭ ނަމަ، ވެރިފަރާތް ހޯދުމަށް އިއުލާނުކުރުމަށް ފަހު 30 ދުވަހުގެ ތެރޭގައި އެއާ ހަވާލުނުވެއްޖެ ނަމަ އެ އެއްޗެއް ނެގުމަށް ފަހު ނައްތާލެވޭނެ ނުވަތަ ނީލަމުގައި ވިއްކާލެވޭނެ

  • މުއްދަތެއް ދީފައި އޮތަސް، މަޝްރޫއުތައް ހިންގަން ހުރަސް އެޅޭ ތަކެއްޗާއި ތިމާވެއްޓަށް ގެއްލުންވާ އަދި އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ތަކެތި ވަގުތުން ނަގައި ނައްތާލުމުގެ ބާރު އެޗުޑީސީއަށް އޮވޭ

ތިލަފުށި ފަޅު މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ އެޗުޑީސީ)

"އެ ފަރާތެއްގެ ބަލަދުވެރިކަމުގައި އޮތް އެއްޗެއް ވެއްޖެއްޔާ، މި ކޯޕަރޭޝަންގެ އެދުމަކީ އަވަހަށް އެ އެއްޗެއް ނެގުން. އޭގެ އެއްވެސް ކަމެއް [އެހީތެރިކަމެއް] ބޭނުންވާ ނަމަ، ރަސްމީކޮށް އެޗުޑީސީއަށް ފޮނުވުމުން އަޅުގަނޑުމެން މި ތިބީ އެކަމެއް ކޮށްދިނުމަށް ވެސް ތައްޔާރަށް،" ސޮފްވާން ވިދާޅުވި އެވެ.

"މި ތަނުގެ ތަރައްގީއަކީ މި ތަނުގެ ހުރިހާ ވިޔަފާރިވެރިންނަށް ވެސް ލިބޭނެ ފަސޭހައެއް. އެހެންވީމަ މިކަމަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެން ވަރަށް އެދޭ ކަމެއް."

ކޮމެންޓް (1)

ޙެހެ

29 މާރިޗު 2023
މާސްޓަރ ޕްލޭން ހެދުނު އިރު ވެސް ފަޅުތެރެ އޮތީ ތިހެން ދޯ؟ އެހެންވީމަ އެއި އުޒުރަކަށް ހަދަން ނޫޅޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް