ކ. ތިލަފުށި.

އެޗްޑީސީ

ތިލަފުއްޓާއި ގުޅީފަޅުގައި ހުއްދަ ނެތި އަޅާފައިވާ އުޅަނދާ ހަވާލުނުވެއްޖެ ނަމަ ނައްތާލަނީ

އެ ގޮތަށް އަޅާފައި ހުންނަ އުޅަނދުފަހަރުގެ ސަބަބުން އެ ސަރަހައްދުގައި ހިންގަން ރާވާފައިވާ މަޝްރޫއުތަކަށް ހުރަސްއެޅޭ ކަމަށް އެޗްޑީސީން ބުނޭ

ކ. ތިލަފުއްޓާއި ގުޅީފަޅުގެ ފަޅުތެރޭގައި ހުއްދަ ނެތި އަޅާފައިވާ ކަނޑު އުޅަނދުތަކާއި އެ ނޫން ވެސް ތަކެތި އެ ސަރަހައްދުން ނުނަގައިފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީ، އެ ގޮތަށް ދޫކޮށްލާފައި ހުންނަ ތަކެއްޗާ މަހެއްގެ ތެރޭގައި ހަވާލުނުވެއްޖެ ނަމަ އެ އެފަދަ ތަކެތި ނައްތާލުމަށް އެޗްޑީސީން މިއަދު އުސޫލެއް އެކުލަވާލައި އަމަލުކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ދެ ރަށުގެ ފަޅުތެރޭގައި ހުރި އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް އެކި ފަހަރު މަތިން މުއްދަތު ދީ، އެތައް އިއުލާނެއް ކުރި ނަމަވެސް، އެ ގޮތަށް ހުރި އުޅަނދުތައް މިއަދާ ހަމައަށް ވެސް އެ ސަރަހައްދުން ނަގާފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ތަފްސީލް - އެ ސަރަހައްދުން އުޅަނދުތައް ނަގަން އެޗްޑީސީން އެންގި ސަބަބުތަކަކީ:

  • އެ ކޯޕަރޭޝަނުންނާއި ސަރުކާރުން އެ ސަރަހައްދުގައި ހިންގަން ރާވާފައިވާ މަޝްރޫއުތަކަށް ހުރަސްއެޅުން

  • އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ދަތިވުން

  • އެ ސަރަހައްދުގެ ތިމާވެއްޓަށް ވެސް ވަރަށް ބޮޑަށް ގެއްލުން ވަމުން ދިއުން

އެޗްޑީސީން ބުނި ގޮތުގައި، ހުއްދަ ނެތި އެ ދެ ރަށުގެ ފަޅުގައި އަޅާފައި ހުންނަ އުޅަނދުފަހަރު ނަގާނެ ގޮތުގެ އުސޫލެއް ވަނީ އެކުލަވާލާފަ އެވެ.

ބުނީ ކީކޭ؟ - "... އުސޫލުގައިވާ ގޮތުގެ މަތިން، ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުތަކަކީ ކޮބައިކަން ކަނޑައަޅައި އެ އުޅަނދުތައް ނެގުމަށް ކުރަން ޖެހޭ މަސައްކަތްތައް މި ކޯޕަރޭޝަންގެ ފަރާތުން ކުރަމުންގެންދާ ވާހަކަ ދަންނަވަމެވެ،" އެޗްޑީސީން ބުނެފައިވެ އެވެ.

ގުޅީފަޅު. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް

އެޗްޑީސީން ވަނީ، އެއްވެސް ފަރާތެއްގެ އުޅަނދެއް ނުވަތަ މުދަލެއް އެ ސަރަހައްދަށް ދޫކޮށްލާފައިވާ ނަމަ، އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516އަށް ގުޅައި މައުލޫމާތު ސާފުކުރުމަށް ފަހު އެ ތަކެތި ނެގުމަށް އިލްތިމާސްކޮށްފަ އެވެ.

އެނގުން މުހިއްމު - އެޗްޑީސީން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އުސޫލުގެ ދަަށުން، ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެތި ކަމަށް އެ ކުންފުނިން ކަނޑައަޅާ ތަކެތި އެ ސަރަހައްދުން ނުނަގާ ނަމަ އެ އެއްޗެއް ނައްތާލާ ނުވަތަ ނީލަމުގައި ވިއްކާލުމުގެ ބާރު އެ ކޯޕަރޭޝަނަށް ލިބެ އެވެ. އެގޮތުން، އެ ބާރު އެ ކޯޕަރޭޝަނަށް ލިބެނީ:

  • ދޫކޮށްލާފައިވާ ތަކެތި ކަމަށް ކަނޑައަޅާ އެއްޗެހީގެ ތެރެއިން އެ އެއްޗެއް އޮތް ހާލަތަށް ރިއާޔަތްކޮށް، ވެރިފަރާތަށް ހަތް ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތެއް ލިޔުމުން ދޭނެ؛ އެ މުއްދަތުގައި އުޅަނދު ނުނަގައިފި ނަމަ 

  • ވެރިފަރާތް ނޭނގޭ ނަމަ، ވެރިފަރާތް ހޯދުމަށް އިއުލާނުކުރުމަށް ފަހު 30 ދުވަހުގެ ތެރޭގައި އެއާ ހަވާލުނުވެއްޖެ ނަމަ

  • ދޫކޮށްލާފައިވާ އެއްޗެއްގެ ގޮތުން، ހާއްސަކޮށް އާންމު ސިއްހަތަށް ގެއްލުން ލިބޭ ބާވަތުގެ ތަކެއްޗާއި ތިމާވެއްޓަށް ނުރައްކަލެއް ފޯރަފާނެ ތަކެތި އަދި އެ ސަރަހައްދެއްގައި ހިންގުމަށް ކަނޑައަޅާފައިވާ މަޝްރޫކަށް ދަތިވާ ގޮތަށް ހުންނަ ނަމަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް