ފ. މަގޫދޫ ރުއްތަކުން ރޯދަމަހަށް ހޯދި ކާށި: ގިނަ ރަށްރަށުގައި ރުއްތަކަށް ބަލި ޖެހި ވަނީ ހަލާކުވެފައި.

ކާށި

ދިވެހި ރުއްތަކަށް ބަލި؛ ގައުމު ކާއްޓަށް ޖެހިފައި

މި ފަހުން ރުއްތަކަށް ގެއްލުން ނުވާ ވަރަށް، ގިނަ ރަށްރަށުގެ ރުއްތަކުގައި ބަލި އަޅައި ވަނީ ގެއްލުންވެފައި

ރޯދަމަހު އާއްމު ގޮތެއްގައި ކާށީގެ އަގު އުޅޭނީ 5-10ރ.އާ ދެމެދުގެ އަގެއްގަ އެވެ. ބޮޑުވާ ދުވަސްވަރެއްގައި އެންމެ ބޮޑުވެގެން 15ރ. އަށެވެ. އެކަމަކު މި އަހަރުގެ ރޯދަމަހަށް އަލިވިލުނު އިރު ކާށީގެ އަގު ވަނީ ދުވަހަކު ނުދާ ވަރަށް މައްޗަށް ގޮހެވެ.

ރޯދަމަހުގެ ފުރަތަމަ ދެ ދުވަހު މާލޭގެ ބާޒާރުގައި ކާށި ލިބެން ހުރީ 35ރ. އަށެވެ. ކިރިޔާ ވެސް އަތްފޯރާ ފަށަށް އަގު ތިރިވީ، ކައިރި ގައުމުތަކުން ކާށި އެތެރެ ކުރުމުންނެވެ. ދެން އުފެދޭ ސުވާލަކީ، ކުއްލިއަކަށް ދިވެހި ކާށި ރަނަށް މިވީ ކީއްވެހެއްޔެވެ؟

"ހަމަ ނެތީ އިނގޭތޯ ކާށި. ރުއްތައް ސަލާމަތުން ހުރެގެން ދެއްތޯ ކާށި ލިބޭނީ،" މާލޭގެ މާރުކޭޓަށް އެންމެ ގިނައިން ކާށި ގެންނަ ކ. ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވި އެވެ.

ކާށިދޫގެ ރުއްދަނޑު: މި ރަށުގެ ގިނަ ރުއްތަކަށް ވަނީ ބަލި ޖެހި، ހަލާކުވެފައި. (ފޮޓޯ/ފޭސްބުކް)

ކާށިދޫގެ އިތުރުން ބާޒާރަށް ކާށި ގެންނަ އެހެން ބައެއް ރަށްތަކަށް ވެސް ގުޅާލުމުން ލިބުނީ މި ޖަވާބެވެ. ހއ. ފިއްލަދޫގެ ރުއްތަކުގައި އެޅީ ކަޅު ކޫޑި އެވެ. މީގެ ހަ މަހެއްހާ ދުވަސް ކުރިން ހުރިހާ ރުއްތަކަކަށްހެން ކޫޑި ފެތުރި، މަތިވަރު އެއްކޮށްހެން ހަލާކުވީ އެވެ. ކާށިދޫގެ ރުއްތަކުގައި އެޅި ހުދު ކޫޑިން ވެސް، ރުއްތައް އެއްކޮށް ބަލިކޮށްލައި މަތިވަރު އެއްކޮށް ހުސްކޮށްލީ އެވެ. ދެކުނުގެ ބައެއް ރުއްތައް ވެސް ކޫޑި އާއި މަޑީގެ އުނދަގުލުން ސަލާމަތެއް ނުވި އެވެ.

"އަޅުގަނޑުމެންގެ ރުއްތަކަށްް ބަލި މި ޖެހުނީ ހަ މަހެއްހާ ދުވަސް ކުރިން. އެހެންވެ، ކޮންމެވެސް ވަރަކަށް ކާށި ލިބުނު. އެކަމަކު މިހާރު ނެތް ހަމަ އެކައްޗެއް ވެސް،" ރާއްޖޭގެ ބާޒާރަށް ގިނަ އަދަދަކަށް ކާށި ނެރޭ ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރުއްތަކުގެ ފަންތަކުގައި ކަޅު ކޫޑި އަޅައި މަޑި ކަހަލަ ސޫފިއެއްގެ ސަބަބުން، ރުކުގެ ބޮންތި އެއްކޮށް ހިކެނީ އެވެ. އޭގެ ސަބަބުން، ރުއް ހުންނަނީ މަރުވެ، ގިނަ ފަހަރު ބަލިވެފަ އެވެ. ރުކުގައި އެއްވެސް އެއްޗެއް ނާޅަ އެވެ.

ފިއްލަދޫގެ އިތުރުން، ހދ. ކުމުންދޫގެ ހަތަރު ބައިކުޅަ ތިން ބައި ރުއްތައް ބަލި އަޅައި ހަލާކުވެފަ އެވެ. މީގެ ތިން އަހަރު ކުރިން ފެށިގެން ރުއްތަކަށް ބަލި ޖެހި، ކުރުނބާ ފަދަ އެއްޗެއް ވެސް ބޯލަން ނުލިބެ އެވެ.

ކާށިދޫ ކައުންސިލްގެ ރައީސް އާމިރު ވިދާޅުވި ގޮތުގައި، އާއްމުކޮށް ދިއްގާ ގަހާއި ހިރުނދުގަހުގައި އަޅާ ހުދު ކޫޑި، ރަށުގެ ރުއްތަކުގައި އެޅިތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެ އެވެ. ގަހުގައި ހުދު ކޫޑި އެޅުމުން، ވިއްސާރަ ވެއްޖެ ނަަމަ ފެނާ އެކު ކޫޑިތައް ދެ އެވެ. އެކަމަކު ރުކުގައި ކޫޑި އަޅަނީ ފަންވަތްތަކުގެ ދަށުގައި ކަމުން، ވާރެ އާއި އަވިން އެއަށް ހިމާޔަތް ލިބެ އެވެ.

"ދެން އެހެން ތިބެ ފަންތައް ބޮއި އެއްކޮށް ހަމަ ހަލާކުކޮށްލަނީ،" އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަރަށް ދިގު ރުކަކަށް ނޫނީ، އެ ރަށުގައި ހުރިހާ ރުއްތަކަކަށް ވަނީ ކޫޑި ބަލި ޖެހިފަ އެވެ. ހާއްސަކޮށް ޖައުފާނު ރުއްތައް އެއްކޮށް ހުރީ ބަލި އަޅައި ހަލާކުވެފަ އެވެ.

ކާށިދޫގެ ރުއްދަނޑު: މި ރަށުގެ ގިނަ ރުއްތަކަށް ވަނީ ބަލި ޖެހި ހަލާކުވެފައި. (ފޮޓޯ/ފޭސްބުކް)

އަހަރުތަކަކުން ހެދި ބޮޑުވާ އަދި އެތައް އަހަރަކަށް ދެމިގެންދާ މި ރުއްތަކަށް ބަލި ޖެހި ހަލާކުވާ މައްސަލަ އެ ކައުންސިލުން ވަނީ ސަރުކާރަށް ހުށަހަޅާފަ އެވެ. ހާއްސަކޮށް، މި އަހަރުގެ ދަނޑުވެރިންގެ ދުވަސް ކާށިދޫގައި ފާހަގަކުރި އިރު، އެ މައްސަލައަށް ހައްލު ގެނެވޭނެ ގޮތަކާ މެދު މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށް އާމިރު ވިދާޅުވި އެވެ.

އެކަމަކު އެ ވާހަކަތަކުން ވެސް ކުރިއެރުމެއް ނާންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގުދުރަތީ ގޮތުން ކޫޑި ނައްތާލުމަށް ގިނަ ދުވަސްތަކެއް ވާންދެން، އަވަސް އަވަހަށް ރުއްތަކަށް ބޭސް އަޅަން ޖެހެ އެވެ. މިއީ ކާށިދޫ ކަހަލަ ބޮޑު އަދި ރުއް ގިނަ ރަށެއްގައި، ވަރަށް ބޮޑު ސްކޭލެއްގައި ނޫނީ ނުކުރެވޭނެ ކަމެކެވެ. ހައްޓަށް ބުރަވެ، ދާނެ ހަރަދު ވެސް ބޮޑުވާނެ އެވެ.

ދެން އޮތީ ކެމިކަލެއް ބޭނުންކޮށްގެން، ސޫފިތައް ނައްތާލުމެވެ. އެކަމަކު މި ގޮތަށް ކެމިކަލް ބޭނުން ކުރުމުން ކޫޑި އާއި މަޑިއާ އެކު ކުޅަނދުރާއި މާބުރު ފަދަ އެެހެން ސޫފިތައް ވެސް މަރުވާނެ އެވެ. އެ ތަކެތި މަރުވުމަކީ ދަނޑުވެރިކަމަށް ލިބޭނެ ބޮޑު ގެއްލުމެކެވެ.

"އެކަމަކު މި ކަމަށް އެބަ ޖެހޭ އަވަސް ހައްލެއް ގެންނަން. އެހެން ނޫނީ މިއީ މުޅި ރާއްޖެއަށް ވެސް ލިބިދާނެ ބޮޑު ގެއްލުމެއް،" އޭނާ ވިދާޅުވި އެވެ.

ރަނަށް ވެގެން ދިޔަ ކާށީގެ އަގު ތިރިކުރީ، އެސްޓީއޯ ފަދަ ކުންފުނިތަކުން ބޭރުން ވަގުތީ ގޮތުން ކާށި އެތެރެކޮށްގެންނެވެ. އެކަމަކު ރުއްތަކަށް ދިމާވާ ބައްޔަށް ފަރުވާއެއް ނުހޯދިއްޖެ ނަމަ، މިއީ ދާއިމީ ކަމަކަށް ވެދާނެ ކަމުގެ ބިރު އެބަ އޮތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް