ރޭ ގުޅީގައި އޮތް އެމްޑީޕީގެ ޖަލްސާގައި ސަމީރު ވާހަކަދައްކަވަނީ. (ފޮޓޯ/އެމްޑީޕީ

ސިޔާސީ

ޖޭޕީން ވަކިވި ސަމީރު އެމްޑީޕީގެ ޕޯޑިއަމަށް؛ ގާސިމަށް ފާޑުވިދާޅުވެއްޖެ

ޖޭޕީން "ބޭނުންވާ ކަންކަން ފުދުމުން"، ރައީސް ސޯލިހް ދޫކޮށްލައި ވަކިން އިންތިހާބަށް ނުކުންނަށް ނިންމީ ކަމަށް ސަމީރު ވިދާޅުވި

މި ސަރުކާރުގެ ކޯލިޝަންގައި އޮތް ނަމަވެސް އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކޮށް ވަކިން ވާދަކުރަން ނިންމި ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ވަކިވެވަޑައިގަތް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ރޭ ނުސީދާކޮށް ފާޑުވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ހއ. އަތޮޅު މެންބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރުކަން ކުރިން ކުރެއްވި ސަމީރު ޖޭޕީން ވަކިވެވަޑައިގަތީ ޖޭޕީން ވަކިން އިންތިހާބުގައި ވާދަކުރުމަށް އެ ޕާޓީގެ ކައުންސިލުން މި މަހުގެ 14ގައި ނިންމި ބައްދަލުވުމުގަ އެވެ.

އެ ދުވަހު އޭނާ ވިދާޅުވީ ވަކި ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ވިސްނުމެއް އަދި ނެތް ކަމަށާއި، ނަމަވެސް ރައީސް ސޯލިހް އަންގަވާ ގޮތަކަށް ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

މަޖިލީހުގެ ގުރައިދޫ ދައިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް ޝާޒްގެ ކެމްޕެއިން ފެށުމަށް ކ. ގުޅީ ބަނދަރު ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން، ސަމީރު ވަނީ ވާހަކަދައްކަވާފަ އެވެ.

އެކުގައި ތިއްބަވާފައި ހުރިހާ ކަމެއް ލިބިވަޑައިގަތީމާ ދެން ވެސް ނިކުމެ މަސައްކަތް ކުރަން ފެއްޓެވީމަ ކެތްތެރިކަމާ އެކު ދެން ވެސް ރައީސް އެ ވިދާޅު ވަނީ އަދިވެސް އިރާދަކުރެއްވިއްޔާ ތިމަން މަނިކުފާނު ކުރިއަށޭ ދާނީ.

އަހުމަދު ސަމީރު / ރައީސް އޮފީހުގެ މިނިސްޓަރު

ބުނީ ކީކޭ؟ - ސަމީރު ރޭ ވިދާޅުވި ގޮތުގައި، ރައީސް ސޯލިހަކީ އެ މަނިކުފާނާ އެކު މަސައްކަތްކުރައްވާ ކޯލިޝަން ޕާޓީތަކާއި ވާދަވެރިންނަށް ވެސް ގިނަ، ފަހި ފުރުސަތުތަކެއް ދެއްވައިގެން ސިޔާސީ މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ނަމަވެސް، އެކަން އެ ގޮތަށް ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތްތޯ ބައެއް ފަހަރު ހިތަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯލިޝަންގެ ތެރެއިން މިހާރު ފެންނަމުން ދަނީ އެ ކަމުގެ ހިތި ނަތީޖާއެއްކަން ދޭހަވާ މޭރުމަކުން ވާހަކަދައްކަވަމުން ސަމީރު ސިފަކުރެއްވި ގޮތުގައި، ޖޭޕީން "ބޭނުންވާ ކަންކަން ފުދުމުން"، ރައީސް ސޯލިހް ދޫކޮށްލައި ވަކިން އިންތިހާބަށް ނުކުންނަށް ނިންމީ އެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ގާސިމަށް އަމާޒުކޮށް، ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ކަނޑައެޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހު، ރައީސް ސޯލިހުގެ ވެރިކަމުގައި އަނބުރާ ގެންދެވި 

  • އޭގެ ސަބަބުން، ގާސިމް ފަދަ އުމުރުން 60 އަހަރުން މައްޗަށް ގޮސްފައިވާ ބޭފުޅަކަށް ވެސް ވެރިކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ފަހިވެގެން ދިޔަ

"ނަތީޖާއަކީ ކޮބައިތޯ؟ ވާދަކުރައްވަން ފުރުސަތު ލިބިވަޑައިގަތީ. އެކުގައި ތިއްބަވާފައި ހުރިހާ ކަމެއް ލިބިވަޑައިގަތީމާ ދެން ވެސް ނިކުމެ މަސައްކަތް ކުރަން ފެއްޓެވީމަ ކެތްތެރިކަމާ އެކު ދެން ވެސް ރައީސް އެ ވިދާޅު ވަނީ އަދިވެސް އިރާދަކުރެއްވިއްޔާ ތިމަން މަނިކުފާނު ކުރިއަށޭ ދާނީ،" ގާސިމްގެ ނަން ނުގެންނަވައި އޭނާއަށް ނުސީދާކޮށް ފާޑުވިދާޅުވަމުން ސަމީރު ވިދާޅުވި އެވެ.

މިދިޔަ މަހު ބޭއްވި ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ސަމީރު (ވ-2) ބައިވެރިވެވަޑައިގަންނަވަނީ، (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

މިދިޔަ ރިޔާސީ އިންތިހާބުގައި ޖޭޕީގެ މަސައްކަތުގައި އިސްކޮށް އުޅުއްވުމުން، އޭރު އެމްޑީޕީ އާއީ ޖޭޕީއާ ދެެމެދު ދެކެވުނު ވާހަކަތަކާއި ހިނގި ވަރަށް ގިނަ ކަންކަން އެނގިވަޑައިގަންނަވާ ކަމަށް ސަމީރު ވިދާޅުވި އެވެ. އޭރުގެ ވަރަށް ގިނަ "އެއްޗެހި" ވެސް އަތުގައި އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

'އެމްޑީޕީން ފެނުމުން އެންމެ އުފާވާނީ މަންމަ'

ޖޭޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވުމަށް ފަހު އެމްޑީޕީއަށް ބަދަލުވެވަޑައިގެންނެވި ސަމީރު އެމްޑީޕީން ވަކިވެވަޑައިގެން، ދެ ވަނަ ފަހަރަށް ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ 2014ގެ މަޖިލިސް އިންތިހާބަށް ފަހު އެވެ. ރޭގެ ވާހަކައިގައި އޭނާ ވަނީ އޭނާގެ ސިޔާސީ ކުރިމަގާ ގުޅޭ ގޮތުން ވެސް ވާހަކަދައްކަވާފަ އެވެ.

"އަޅުގަނޑު މި ޕޯޑިއަމްގައި ހުރީމާ މި ވަގުތު ބައެއް ކަހަލަ ސުވާލު އުފެދޭނެ އެހެން ނަމަވެސް، އެއީ މާ ބޮޑު ސުވާލެެއް ކަމަކަށް އަޅުގަނޑު ނުދެކެން. އެއީ މި ޕޯޑިއަމަކީ އަޅުގަނޑަށް އެހާ އާ ޕޯޑިއަމެއް ވެސް ނޫން. އަދި އެހާ ބާ ޕޯޑިއަމެއް ވެސް ނޫން،" ސަމީރު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ސަމީރު ވާހަކަދައްކަވަނީ. (ފޮޓޯ/ޖޭޕީ)

ސަމީރު ވިދާޅުވި ގޮތުގައި، ދެން ޕާޓީއަކާ ގުޅިވަޑައިގަންނަވާ ނަމަ، އޭނާ ސޮއިކުރައްވާނީ އޭނާގެ "މަންމަގެ ޕާޓީ"، އެމްޑީޕީ އަށެވެ.

"އަޅުގަނޑު އަހައިފިން މަންމާއޭ، ކޮން ޕާޓީއަކަށްހޭ އަޅުގަނޑު ވަންނަންވީ. ބުނީމާ ބުނީ މަންމަ ޕާޓީއަށޭ ވަންނަން ވާނީ. ދެން އަޅުގަނޑު ސަމާސަކޮށްފައި ހަމަ އަހާލިން މަންމަ ޕާޓީއަކީ މިހާރު ކޮބައިހޭ؟ ބުނީމަ ބުނީ އެއީ އެމްޑީޕީއޭ،" އެމްޑީޕީއަށް އަދި ސޮއިކުރައްވާފައި ނުވާކަން ފާހަގަކުރައްވައި ސަމީރު ވިދާޅުވި އެވެ.

ސަމީރު ރޭ ވެސް ވިދާޅުވީ އޭނާ ކުރިއަށް ވަޑައިގަންނަވާނީ ރައީސް ސޯލިހް ނިންމަވާ ގޮތެއްގެ މަތިން ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް