އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ސޯލިހާއި ނަޝީދު އަދި ފައްޔާޒު: ފައްޔާޒު ވިދާޅުވީ، ނަޝީދާ ނުލާ ވެސް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ ޔަޝާއު
ނަޝީދު ސުލްހަވާންވީ؛ ނުލާ ވެސް އިންތިހާބު ކާމިޔާބުކުރާނަން: ފައްޔާޒު
އެމްޑީޕީގެ ތެރެއިން ބާކީ ނުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ހޯދައިދިނުމަށް މަސައްކަތްކޮށްދެެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އިއްޔެ އަނެއްކާވެސް ދައުވަތު ދެއްވައިފި އެވެ. މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ ނަޝީދު އެއްގަލަކަށް އަރާވަޑައިނުގެންފި ނަމަ، އެ މަނިކުފާނާ ނުލާ ވެސް ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމަށެވެ.
ވީ ކިހިނެއް؟ - ފައްޔާޒު މި ގޮތަށް ވިދާޅުވީ، ރައީސް ސޯލިހު އިންތިހާބުކޮށްދިނުމަށް އެމްޑީޕީ އާއި ކޯލިޝަން ހަދަން އެއްބަސްވެފައިވާ އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކު ރައީސް ސޯލިހް މުލިއާއޭގައި އިއްޔެ ބޭއްވެވި ބައްދަލުވުމަށް ފަހު، އެ ތަނުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
ތަފްސީލު - އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ކޯޅުމާއި ހިޔާލު ތަފާތުވުންތަކާ ގުޅޭ ގޮތުން ކުރި ސުވާލުތަކުގެ ޖަވާބުގައި ފައްޔާޒު ވިދާޅުވީ، އެއީ އާ ކަމެއް ނޫން ކަމަށާއި އެހެެން ޕާޓީތަކާ ހިލާފަށް އެމްޑީޕީއަކީ ވަރަށް މިނިވަން ޕާޓީއެއް ކަމަށެވެ. އެ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ ވިސްނުމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑު ރައީސް ނަޝީދަށް ނަސޭހަތްތެރިވަން، އަޅުގަނޑުމެން މި ދަނީ އިރާދަފުޅުކުރެއްވިއްޔާ އަނެއްކާވެސް ކާމިޔާބުވާން... ބާކީވުމަށް ވަޑައިނުގަންނަވާށޭ. އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރައްވާށޭ. އަޅުގަނޑުމެންގެ ހުރި ހިޔާލު ތަފާތުވުންތަކަށް އަދިވެސް ކޮންމެވެސް ވަރަކަށް ސުލްހަ ހޯދޭނެ. [އެކަމަކު] އެންމެން ބޭނުންވާ ހުރިހާ ކަމެއް ހާސިލް ނުވެދާނެ. ދެ މީހުންނަށް އެއް ފަހަރާ ވެރިކަމެއް ނުކުރެވޭނެ،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާ ގާނޫނުއަސާސީން ރައްޔިތުންނަށް ހޯދައިދިން މިނިވަންކަން އެ ގޮތުގައި ދެމެހެއްޓެން އޮތީ، ކުރިއަށް އޮތް ފަސް އަހަރަށް އަނެއްކާވެސް ރައީސް ސޯލިހް އިންތިހާބުކޮށްގެންނެވެ. މިދިޔަ ފަސް އަހަރުގެ ތެރޭގައި މި ސަރުކާރުން ގައުމަށް ގެނައި ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ވެސް އެ ގޮތުގައި ދެމެހެއްޓެން އޮތީ، އޭނާ ވިދާޅުވި ގޮތުގައި، ރައީސަށް ދެ ވަނަ ދައުރެއް ދީގެންނެވެ.
"އެހެންވީމާ އަޅުގަނޑު ރައީސް ނަޝީދަށް ވެސް އަދި އަޅުގަނޑުމެންގެ ޕާޓީގައި ތިއްބެވި ބޭފުޅުންނަށް ވެސް ދަންނަވާނީ އަޅުގަނޑުމެންނާ އެކު މި މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާށޭ، ބާކީ ނުވާށޭ،" ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދިވެހިރާއްޖެ އާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް ކުރިއަށް ދެވޭނެ ގޮތެއް ހޯދަން އެބަ ޖެހޭ. އަޅުގަނޑުމެންގެ އެއްވެސް ކަންބޮޑުވުމެއް ނެތް. ފިޔަވަޅު އެޅުމާއި މިކަން ކަމަކީ އެހާ ބޮޑަށް އަޅުގަނޑުމެން ވިސްނާ ކަމެއް ނޫން."
އަޅުގަނޑުމެން ބަލައިގަންނަން ރައީސް ނަޝީދަކީ މި ޕާޓީ އުފެއްދުމާއި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އިސް ރޯލެއް އަދާކުރައްވާފައިވާ ބޭފުޅެއް. އެހެންވީމާ އަޅުގަނޑުމެން އެ އިހްތިރާމް ރައީސް ނަޝީދަށް ދިނުމުގެ ގޮތުން ބައެއް ފަހަރު ފަހަތަށް ޖެހިލައިގެން މި ތިބެނީ. ކަންބޮޑުވެގެންނެއް ވެސް ނޫން، ބިރަކުން ވެސް ނޫން.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދާ ނުލާ ވެސް އިންތިހާބު ކާމިޔާބުކުރެވިދާނެތޯ ސުވާލުކުރުމުން ފައްޔާޒު ވިދާޅުވީ، އެ މަނިކުފާނުގެ ތާއީދު "ވަރަށް ބޮޑަށް ބޭނުންވާ" ކަމަށެވެ.
"އެހެން ނަމަވެސް، [ނަޝީދުގެ ތާއީދު] ނުލިބިއްޖެ ކަމަށް ވިޔަސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކާމިޔާބުކުރާނަން. އަޅުގަނޑުމެން ބޭނުންވަނީ ރައީސް ނަޝީދާ އެއްކޮށް މިކަން ކުރަން،" އޭނާ ވިދާޅުވި އެވެ.
'ނަޝީދަށް ފިޔަވަޅު ނާޅަނީ ބިރަކުން ނޫން؛ އިހްތިރާމް ކުރާތީީ'
މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައި ނަޝީދަށް ލިބުނު ނާކާމިޔާބަށް ފަހު، ޕާޓީގެ ތެރޭގައި އޮތް ފެކްޝަނުގެ ކޯޅުން އިތުރަށް ބޮޑުވެ، ނަޝީދު ގެންދަވަނީ 'ފިކުރެއްގެ ދިރުން'ގެ ނަމުގައި ވަކިން ހަރަކާތްތައް ބާއްވަމުންނެވެ. ރައީސަށް ތާއީދުކުރުމަށް ވެސް ނަޝީދު ވަނީ ދެކޮޅުހައްދަވައިފަ އެވެ.
އެއީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފު ކަމަކަށް ވާއިރު، ނަޝީދާ މެދު ފިޔަވަޅު ނާޅަނީ ކީއްވެގެންތޯ ނޫސްވެރިން އިއްޔެ ވެސް ތަކުރާރުކޮށް ސުވާލުކުރި އެވެ. އެ ސުވާލުތަކުގެ ޖަވާބުގައި، ކުރިން ދެއްކެވި ވާހަކަތައް ތަކުރާރުކުރައްވަމުން ފައްޔާޒު ވިދާޅުވީ އެ ކަމުގައި ކަންބޮޑުވާ ކަމެއް ނެތް ކަމަށެވެ.
"މި ޕާޓީ އަކީ ވަރަށް ތަފާތު ޕާޓީއެއް. އެ މީހެއްގެ ހިތުގައި އޮންނަ ޝުއޫރެއް ވަރަށް ފަސޭހައިން ބޭރުކޮށްލާ ޕާޓީއެއް. ލީޑާޝިޕުން ފެށިގެން އާންމު މެންބަރުންނާ ހިސާބަށް ވެސް. އެހެންވީމާ އެއީ އަޅުގަނޑަށް އެހާ އާ ކަމެއް ނޫން، އެހާ ކަންބޮޑުވާ ކަމެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ ފުރިހަމަ ކޮންޓްރޯލް ރައީސް ސޯލިހަށް އެބަ އޮތެވެ. އެހެންކަމުން ނަޝީދު ކުރައްވާ ކަމެއްގެ ސަބަބުން 'ކަންބޮޑުވެ، ގުޑުގުޑު ނާޅާ' ކަމަށް ވިދާޅުވި އެވެ. އަދި ޕާޓީގެ ތެރެއިން ކުރިމަތިވާ ފިއްތުންތަކާ އެކު ވެސް ސަރުކާރާއި ޕާޓީ 'ރަނގަޅަށް ހިންގާލެވޭ' ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފިޔަވަޅު އަޅައިގެންނެއް ނޫން ޕާޓީގައި ކަންކަން މި ކުރަނީ އަދި ސަރުކާރުގައި ވެސް ކަންކަން މި ކުރަނީ ފިޔަވަޅު އަޅައިގެންނެއް ނޫން. އެއީ އެއަށް ވުރެ އަޅުގަނޑުމެން ސްޓްރޯންގް. ތި ހުރިހާ ކަމަކާ އެކު ވެސް ސަރުކާރު ހިންގުމަށް ކުރަން ޖެހޭ ކަންކަން އެބަ ކުރެވޭ،" މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އެއް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަލައިގަންނަން ރައީސް ނަޝީދަކީ މި ޕާޓީ އުފެއްދުމާއި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އިސް ރޯލެއް އަދާކުރައްވާފައިވާ ބޭފުޅެއް. އެހެންވީމާ އަޅުގަނޑުމެން އެ އިހްތިރާމް ރައީސް ނަޝީދަށް ދިނުމުގެ ގޮތުން ބައެއް ފަހަރު ފަހަތަށް ޖެހިލައިގެން މި ތިބެނީ. ކަންބޮޑުވެގެންނެއް ވެސް ނޫން، ބިރަކުން ވެސް ނޫން."
ފައްޔާޒު ވިދާޅުވީ ނަޝީދަށް އިހްތިރާމް ކުރުމުގެ ގޮތުން ފަހަތަށް ޖެހިގެން ތިބި ނަމަވެސް، "އަޅަން ޖެހިއްޖެ ފިޔަވަޅެއް އެ ހަލާތަކަށް ގޮސްފި ނަމަ، ކޮންމެ ބޭފުޅަކާ ދޭތެރޭ ވެސް އަޅާނަން" ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އަދި އެ ހާލަތެއް ނެތެވެ.
-
އިތުރަށް ކިޔާލަން - ނަޝީދަށް ވަކި ފެކްޝަނެއް ނެހެދޭނެ: ރައީސް
ކޮމެންޓް (1)
އެހާރާއި މިހާރު