އިދިކޮޅުން 25 ޑިސެމްބަރު 2022 ގައި ކުރި މުޒާހަރާއެއްގައި ޝިޔާމް ބައިވެރިވެވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި މެމްބަރު ޝިޔާމް ހައްޔަރުކޮށްފި

ރޭގެ މުޒާހަރާއިން 20 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ޕީޕީއެމް-ޕީއެންސީ އިން ބުނި

ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރަށް ޖަލަށް ލުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭގެ އެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - މުޒާހަރާގެ ބައިވެރިން ވަނީ ރައީސް އިބްރާހީމް މުހަައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއަޅާފަ އެވެ. ޝިޔާމް ހައްޔަރުކުރީ ވެސް އެކަމުގެ ތުހުމަތުގަ އެވެ.

ބުނީ ކީކޭ؟ - ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ޝިޔާމާ އެކު މުޒާހަރާއިން 20 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މެމްބަރު ޝިޔާމް ހައްޔަރުކުރި ވަގުތު ނަގާފައިވާ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް
ރައީސްގެ މޮޓޯކޭޑަށް އިދިކޮޅު މުޒާހަރާގެ ބައިވެރިން ހުރަސްއަޅަން މަސައްކަތް ކުރަނީ

ތަފްސީލް - ޝިޔާމް ހައްޔަރުކުރަނީ ސުލްހަވެރިވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް އޭނާ އިސްވެ ހުރެ މުޒާހަރާކޮށް، އެ މުޒާހަރާގެ ބައިވެރިން ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅުމުގެ ތުހުމަތުގައި ކަމަށް، އޭނާ ހައްޔަރުކުރި ފުލުސް އޮފިސަރު ބުނާ އަޑު، ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ވީޑިއޯއަކުން އިވެ އެވެ.

އެނގުން މުހިއްމު - ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގައިވާ ގޮތުން ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހާލަތެއްގައި ނޫނީ މަޖިލިސް މެމްބަރަކު ހައްޔަރު ކުރެވޭނީ ޕީޖީ މެދުވެރިކޮށް ކޯޓު އަމުރެއް ހޯދައިގެންނެވެ. 

ފާހަގަކޮށްލެވޭ ކަމެއް - މުޒާހަރާގެ ބައިވެރިން ރޭ ރައީސް ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއެޅީ، ބޮޑުތަކުރުފާނުމަގުގައި ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދުންނެވެ. ރައީސް އޭރު ކާރުގައި އެ މަގުން ވަޑައިގެންނެވީ ހުޅުމާލޭގައި ބޭއްވި އަންހެނުންގެ ދުވަހުގެ ޖަލްސާއިންނެވެ.  

ފަސްމަންޒަރު -  އިދިކޮޅު ލީޑަރު ޔާމީން ޖަލަށް ލުމުން ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކޮންމެ ރެއަކު ގެންދަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް