އަރަބިއްޔާ ސްކޫލު: އެ ސްކޫލުގައި މިހާރު މޫނު ބުރުގާއެއް ނޭޅޭނެ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު

އަރަބިއްޔާގެ ދަރިވަރުން މޫނު ބުރުގާ އެޅުން މަނާކޮށްފި

އަރަބިއްޔާގެ ޑްރެސްކޯޑުގެ ތެރޭގައި މޫނު ބުރުގާ ނުހިމެނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައި

އަރަބިއްޔާ ސްކޫލުގައި މޫނު ބުރުގާ އަޅައިގެން ކިޔަވަންދާ ކުދިންނަށް، އެކަން ނުކުރުމަށް އަންގައިފި އެވެ.

ވީ ކިހިނެއް؟ - ދަރިވަރުން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދާ މައްސަލަ މީގެ ކުރިން ވެސް ފެންމަތިވި އެވެ. އަދި އެ މައްސަލައިގައި ގޮތެއް ނިންމުމަށް، ސްކޫލުން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީގެ ލަފައަކަށް އެދި ފޮނުވާފަ އެވެ.

އެކަން އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހު އެ ސްކޫލުގެ ހިންގުމާ ހަވާލުވެވަޑައިގެންނެވި އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެން ސައީދެވެ.

ވީ ކިހިނެއް؟ - އެ މައްސަލައާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ، އަރަބިއްޔާ ސްކޫލުގެ ޑްރެސް ކޯޑުގެ ތެރޭގައި މޫނު ބުރުގާ ނުހިމެނޭ ކަމަށެވެ. އެހެންވެ، މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިޔުމަކީ މަނާ ކަމެއް ކަމަށް ވެސް އަންގާފައިވެ އެވެ.

އެ އެންގުން ތަންފީޒު ކުރަން ފެށީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

"މިހާރު ކުދިންނަށް އަންގާފައި އޮންނަނީ މޫނު ނިވާކޮށްގެން ކްލާހަށް ނުވަދެވޭނެ ކަމަށް،" ސްކޫލުގެ ޕީޓީއޭގައި ހިމެނޭ ބެލެނިވެރިއަކު ބުންޏެވެ.

ބުނީ ކީކޭ؟ - އޭނާ ބުނި ގޮތުގައި، މޫނު ބުރުގާ އަޅަނީ 11-12ގައި ކިޔަވާ މަދު ދަރިވަރުންކޮޅެކެވެ. އަދި އާއްމުކޮށް އެ ގޮތަށް ހެދުން އަޅާ މީހުންނާ ހިލާފަށް އެ ކުދިން ހަމައެކަނި ފޮތިކޮޅަކުން އަނގަމައްޗާއި ނޭފަތް ނިވާކޮށްލާފައި ހުންނަނީ ކަމަށް އޭނާ ބުންޏެވެ.

އާ ޕްރިންސިޕަލްއާ މެދު ބެލެނިވެރިންގެ ޝަކުވާތައް ގިނަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އިސްލާމީ މަންހަޖަށް ކިޔަވައިދޭ ސްކޫލެއްގެ އިސް ވެރިއަކަށް، އިނގިރޭސި މީޑިއަމްއަށް ކިޔަވައިދޭ ސްކޫލެއްގެ ޕްރިންސިޕަލެއް އައްޔަންކުރުން

  • އާއްމުކޮށް ވަގުތީ ޕްރިންސިޕަލުން އައްޔަން ކުރަނީ ތުމަސް ދުވަހަށް ނަމަވެސް، މިހާރު އޭގެ ފަހުން ހަ މަސް ފާއިތުވެފައިވުން

"އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އެބަހުރި. އެކަމަކު ދަރިވަރުން ބަލާ ވިޔަސްް މިހާރު ބެލެނިވެރިންނަކަށް ސްކޫލުގެ ގޯތި ތެރެއަކަށް ނުވަދެވޭ. މެނޭޖްމެންޓަކާ ވާހަކައެއް ނުދެއްކޭ،" ޕީޓީއޭގެ މެމްބަރު ބުންޏެވެ.

ހުސެން ސައީދާ އަރަބިއްޔާ ސްކޫލުގެ ހިންގުން ހަވާލުކުރީ، ކުރިން ހުންނެވި ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް އެހެން އިދާރާއަކަށް ބަދަލުކުރުމަށް ފަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް