
ގއ. ކޮލަމާފުށީގެ އިމާރާތެއްގައި އަލިފާން ރޯވުމުން، އެ ނިއްވަން އެ ރަށުގެ އަންހެނުންތަކެއް ބާލިދީއިން ފެން އުފުލަނީ
ފެން ބާލިދީ އެކަކު އަތުން އަނެކަކަށް: އަލިފާން ގަނޑު ނިއްވާލަން ކޮލަމާފުށިން ދެއްކީ ނަމޫނާއެއް
ގއ. ކޮލަމާފުށީގައި ހުންނަ ޗާޕުކުރުމުގެ ހިދުމަތްދޭ އިމާރާތުގައި ރޯވީ، މެންދުރުގެ އެންމެ ހަލަބޮލި ވަގުތު އެވެ. އޮފީސްތަކުގައި މީހުން އެންމެ ބިޒީވި ވަގުތު އެވެ. އެކަމަކު އަލިފާން ރޯވި މަންޒަރު ފެނުނު މީހާ އެ ހަބަރު ހިފައިގެން ދުއްވައިގަތުމާއެކު، ދެން އެ ރަށުން ފެނުނީ، މި ޒަމާނުގައި އާއްމުކޮށް ނުފެންނަ ފަދަ، ނަމޫނާ މަންޒަރެކެވެ.
އަމިއްލަ މީހެއްގެ ގެއެއްގެ ތަންކޮޅެއްގައި އެހެން މީހަކު ހިންގާ އެ ޗާޕުކުރާ ތަނުގައި ރޯވި ހަބަރާއެކު، އެ ރަށުގައި ހިންގާ ހުރިހާ މުއައްސަސާތަކެއްގެ މީހުން އެތަނަށް ދުވެފައި ދިޔަ އެވެ. ކައުންސިލްގެ އިދާރާއި ކޯޓާއި ސިއްހީ މަރުކަޒުގެ މުވައްޒަފުންނެވެ. ސްކޫލުގެ ކިޔެވުން މެދުކަނޑާލާފައި ދަރިވަރުންނާއި ޓީޗަރުން ވެސް ދިޔައީ، އަލިފާންގަނޑު ނިއްވާލުމަށެވެ.
ކޮލަމާފުށިން ފެނުނީ ތަފާތު މަންޒަރެކެެވެ. ރައްޔިތުން ކުޅި ބަލަން ތިބީއެއް ނޫނެވެ. އަޅައިގެން ހުރި ހެދުމަކަށް، ޓައީ އަކަށް ނުބައި އެ މީހަކަށް ޖެހުނު އެއްޗެއް ހިފައިގެން ނުކުމެ މަސައްކަތް ކުރީ އަލިފާންގަނޑު ނިއްވާލެވޭތޯ އެވެ.
އަލިފާން ރޯވެފައި ހުރި ތަނާ އެންމެ ކައިރިން، ފެން ލިބޭނެ ގޮތަކަށް ހުރީ މީހެއްގެ ގޯއްޗެކެވެ. ރޯވި ތަނާ އެ ގެއަކާ މާކައިރިއެއް ނޫނެވެ. އެހާ ހަމައަށް ފޯރާވަރުގެ ހޮޅިއެއް ނެތެވެ. އެކަމަކު އެ ވަގުތު އަންހެނުންތައް އެއްބައި ވެލާފައި ނިންމީ، ހޮޅިއެއް ލިބެންދެން، ބާލިދީއަކުން ފެން ޖަހާށެވެ.

އެހެންވެ، ހުރިހާ އަންހެނުން ސަފަކަށް އެތުރިލައި، ހެދީ 'ބަކެޓް ބްރިގޭޓް' އެކެވެ. ގޭގެ ވަޅުން ބާލިދީއަކަށް ފެން އަޅާފައި ޖެހިގެން ހުރި މީހާގެ އަތަށް ދެނީ އެވެ. ދެން އެކަކު އަތުން، އަނެކަކު އަތުން ބާލިދީ ގެންގޮސް، ރޯވެފައި ހުރި ތަނަށް ފެން ޖަހަނީ އެވެ. ދެތިން ބާލިދީ އާއި ޓައްޕު އެ މީހުން އެކަމުގައި ގެންގުޅުނެވެ.
އެއީ މުޅިން ވެސް އިދާރާތަކުގެ މުވައްޒަފުންނާއި ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިންނެވެ. ޔުނީފޯމުގައި ތިބި އަންހެން އަދި ފިރިހެން ދަރިވަރުން ވެސް ފެން ބާލިދީ ހިފައިގެން ދުވާތަން ފެނެ އެވެ.

'ބަކެޓް ބްރިގޭޑް'ގެ މި މަންޒަރު، އަލިފާން ނިއްވުމާއި އިމަޖެންސީ އަދި ޑިޒާސްޓާ މެނޭޖްމެންޓުގެ ދާއިރާއިން ކިޔަވައި އެ ދާއިރާގައި މަސައްކަތްކުރާ ކާޝިފް ނަސީރުގެ ލޮލުގައި ވެސް އަޅައިގަތެވެ.
މި މަންޒަރު ފެންނަ ވީޑިއޯ ޓްވިޓާގައި ހިއްސާކޮށް ކާޝިފް ވަނީ އެ މީހުންގެ ހިތްވަރަށް ތައުރީފްކޮށްފަ އެވެ.
އޭނާ ބުނިގޮތުގައި އިމަޖެންސީގެ މި ހާލަތުގައި ފެނުނީ މުޖުތަމަތުގެ ވިލުންވެރިކަމާއި އެމެޖެންސީ ހާދިސާތަކުގައި އެއްބައިވަންތަ ކަމުގެ ރޫހެވެ. އެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް އޭނާގެ ޝައުގުވެރިކަން ދަމައިގަތީ، ކާޝިފް ބުނިގޮތުގައި، އަންހެނުންތަކެއް އިސްނަގައިގެން، ބާލިދީ ބޭނުންކޮށްގެން އަލިފާން ނިއްވުމަށް ކުރި މަސައްކަތެވެ.

"މިއީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން، ފަޔާ އެންޑް ރެސްކިއު ސާވިސްތައް ދުނިޔޭގެ ސިޓީތަކުގައި ގާއިމް ނުކުރާ އިރު އަލިފާން ނިއްވުމަށް ރައްޔިތުން ނިކުމެ ކަން ކުރަމުން އައި ގޮތް،" ކާރިސާތަކާއި އަލިފާނުގެ ހާދިސާތަކާ ގުޅޭގޮތުން، އާއްމުކޮށް ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރާ ކާޝިފް ބުންޏެވެ.
ކޮލަމާފުށި ކައުންސިލްގެ އިދާރާއިން އާއްމު ކުރި އެ ވީޑިއޯ އިން ފެންނަނީ، ހިތާމަވެރި ވަގުތެއްގައި އެންމެން އަތުގުޅާލައިގެން ތިބި މަންޒަރެވެ. އެކަމަކު މިއީ އެ ރަށުގައި އާ ކަމެއް ނޫނެވެ.

" ހަމަ މި މަންޒަރު ފެނުން 2019 އަހަރު މި ރަށަށް އުދަ އެރި އިރު ވެސް. އެ ބޮޑު އުދައިގައި ރަށުތެރެއަށް ލޮނުގަނޑު އެރުމުން ހަމަ މިގޮތަށް ރަށުގެ ރައްޔިތުން އެހީވާން ނުކުުތް،" ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެންގަނޑު ހިންދުމަށް އެދުވަހު ވެސް ރަށުގެ ކުދިބޮޑު އެންމެން ނުކުތެވެ. ގޭގޭ ދޮށުގައި ވެލި ބަސްތާ ޖެހުމާއި ޕަމްޕުން ފެން ހިއްކުމަށް ހުރިހާ އެންމެން ވެސް ބައިވެރިވި އެވެ.
"މި ރަށުގައި މީހަކު ބަލި ވިޔަސް ހަމަ އެންމެން ކަހަލަ ގޮތަކަށް ދާނެ އޭނާގެ ހާލު ބަލަން. މިއީ އެންމެ ކުރިއްސުރެ މި ރަށުގައި މިކަން އޮންނަ ގޮތް،" ވަހީދު ވިދާޅުވި އެވެ.

"ހިތާމަވެރި މި ފަދަ ހާލަތްތަކުގައި އެއީ ހަމަ އެއްބަނޑު އެއްބަފާ ބައެއް."
ޗާޕު ކުރާ ތަނުގައި ރޯވި އަލިފާންގަނޑު ދެ ގަޑިއިރު ފަހުން ނިއްވާލެވުނު އެތަން ވަނީ އަނދާހުލިވެފަ އެވެ. އެކަމަކު މި ކަހަލަ ކޮންމެ މަންޒަރަކުން ވެސް ދައްކައިދެނީ، އެ ރަށެއްގެ ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަ ކަމާއި އެހީތެރިކަމާއި ލޯތްްބެވެ.
ކޮމެންޓް (1)
ލާމަސީލު