
އަންހެން ކުދިންނަށް ފުޓުބޯޅަ ދަސްކޮށްދިނުމަށް ހިންގާ ޑަބްލިއުއެފްސީ އެކަޑަމީގައި ކުދިންތަކެއް ކުޅެނީ. (ފޮޓޯ/ޑަބްލިއުއެފްސީ
ދިވެހި އަންހެން ކުދިންނަށް ފުޓްބޯޅަ ދަސްކޮށްދޭން އެމެރިކާއަށް ގެންދަނީ
އެމެރިކާގައި ދިވެހި އަންހެން ކުދިންނަށް ފުޓުބޯޅައިގެ ތަމްރީނު ދޭން ޕްރޮގްރާމެއް ހިންގަން އެ ގައުމުގެ ސަރުކާރުން ނިންމައި އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނި ގޮތުގައި، މިއީ ފުޓުބޯޅައިގެ ފުރުސަތުތައް ތަނަވަސްވެފައި ނުވާ އަންހެން ކުދިން ބާރުވެރިކުރުމުގެ ގޮތުން، ޔޫއެސް މިޝަން މޯލްޑިވްސް އާއި ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓްސް އޮފް ސްޕޯޓްސް ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.
މި ފުރުސަތު ފަސް ދިވެހި އަންހެން ކުއްޖަކަށް ދިނުމަށް ހަމަޖެހިފައިވެ އެވެ.
ތަފްސީލް - ޔޫތު މިނިސްޓްރީން ބުނި ގޮތުގައި، ރާއްޖޭން ދާ އަންހެން ކުދިންނާ އެކު، ދިވެހި އަންހެން ކޯޗެއްވެސް ދާނެ އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ޝަރުތުތަކަކީ:
-
އުމުރުން 15-18 އަހަރާ ދެމެދުގެ ދިވެހި ކުއްޖަކަށް ވުން
-
މިހާރު ރާއްޖޭގައި ދިރިއުޅޭ ކުއްޖަކަށް ވުން
-
އިނގިރޭސި ބަހުން ރަނގަޅަށް މުއާމަލާތު ކުރަން އެނގުން
-
ފުޓުބޯޅައިގެ ހުނަރު ލިބިފައިވުން؛ އެކަމަކު ގައުމީ ފެންވަރުގައި އެއްވެސް ޓީމަކަށް ކުޅެގެން ނުވާނެ
މީގެ އިތުރުން، ކޮވިޑް-19ގެ ވެކްސިންތައް ފުރިހަމަކޮށްފައިވުމާއި ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ވިސާ އިންޓަވިއުއަށް ދިއުމަށް އިއުތިރާޒެއް ނެތުން ހިމެނެ އެވެ.
ތަމްރީނަށް އެމެރިކާއަށް ދިއުމަށް ހަމަޖެހިފައިވަނީ ޖޫން އަދި ޖުލައި މަހުގެ ތެރޭގަ އެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާއިރު، އެ ކުއްޖަކު ފުޓުބޯޅަ ކުޅޭ މަންޒަރު ފެންނަ 5 މިނިޓްގެ ވީޑިއޯ ކްލިޕެއް ހުށަހަޅަން ޖެހެ އެވެ.
ޔޫތު މިނިސްޓްރީން ބުނި ގޮތުގައި:
-
ކުރިމަތިލާ ކުދިންގެ ތެރެއިން އެންމެ ގާބިލު ފަސް ކުދިން ކަނޑައަޅާނީ އެ މިނިސްޓްރީ އާއި ޔޫއެސް މިޝަން މޯލްޑިވްސް އިން އިންޓަވިއުކުރުމަށް ފަހުގައި
-
ބައިވެރިވުމަށް އެދި ހުށަހަޅަން ޖެހޭނީ އަންނަ އަންގާރަ ދުވަހުގެ ކުރިން
-
ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅަން ޖެހޭނެ ނަމްބަރަކީ 3347300
ކޮމެންޓް (1)
ފައިހާ