ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރަސްމިޔާތުގައި ރައީސް ސޯލިހު ވާހަކަފުޅުދައްކަވަނީ

ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުން: ގަޑިިއިރެއްގެ ދަތުރު މި ކުރުވީ ގެ އާއި ބަދިގޭގެ ދުރުމިނަށް: ރައީސް

ރައީސް ސޯލިހު ވިދާޅުވީ އާ އެއާޕޯޓްގެ ސަބަބުން އިޖުތިމާއީ އާއި އިގުތިސާދީ ހަމަޖެހުންތަކެއް އަންނާނެ ކަމަށް

ގދ. ފަރެސްމާތޮޑާގައި ތަރައްގީކޮށް މިރޭ ހުޅުވި އެއާޕޯޓާ އެކު ރަަށުގެ ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ ކަމަށާއި ކުރިއަށް އޮތީ އަދި މާ ފަހި ދުވަސްތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެެވެ.

ވީ ކިހިނެއް؟ - ފަރެސްމާތޮޑާ އެއާޕޯޓް ހެދީ ސަރުކާރުގެ މައި ކޮންސްޓްރަކްޝަން ކުންފުނި، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި ހަފުތާގެ ކުރީކޮޅު ޓެސްޓް ފްލައިޓްތައް ޖެއްސި އެވެ. ރަސްމީކޮށް އެއާޕޯޓް ހުޅުއްވައިދެއްވީ އެ ރަށުގައި މިރޭ އޮތް ރަސްމިއްޔާތެއްގައި ރައީސް ސޯލިހު އެވެ.

ތަފްސީލް - މި ރަސްމިޔާތުގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ވިިދާޅުވީ ފަރެސްމާތޮޑާގެ އެއާޕޯޓަކީ އެ ރަށުގެ އިތުރުން، ވާދޫ، ފިޔޯރީ، ރަތަފަންދޫ އަދި ނަޑައްލާގެ ރައްޔިތުން ކުރަމުން އައި ދިގު އިންތިޒާރަށް ގެނެސްދިން ވަރަށް ފޮނި ނިމުމެއް ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އެރަށް އެއް ގަޑިއިރާއި 15 މިނިޓަށް ކައިރިވެފައިވާ ކަމަށް ވިދާޅުވި އެވެ. ދެން އޮތީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގެ ރައްޔިތުންގެ ހިތްވަރާއި ޒުވާނުންގެ ފަންވަރެވެ.

"ވާދޫ ރައްޔިތުން މީގެ ކުރިން ކުރަމުން އައި އެއް ގަޑިއިރުގެ ދަތުރު އެންމެ 15 މިނިޓަށް ކުރުވެއްޖެ. ފިޔޯރީ މީހުންގެ 50 މިނިޓްގެ ދަތުރު 10 މިނިޓަށް، އަދި ރަތަފަންދޫ މީހުން 45 މިނިޓުން ކުރި ދަތުރު 20 މިނިޓަށް ކުރުވެއްޖެ. އަދި މި ރަށުގެ ރައްޔިތުން، އެއް ގަޑިއިރުން ކުރި ދަތުރު، ނިސްބަތުން ބަލާ ނަމަ އެ ކުރުވީ، ގާތްގަނޑަކަށް ގެ އާއި ބަދިގެއާ ދެމެދުގެ ދުރުމިނަކަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެތެރޭގެ ދަތުރުފަތުރުގައި ރައްޔިތުންނަށް ދުރު ގާތް ކޮށްދޭން ޖެހޭނެ ކަމަށް ގަބޫލުކުރާ މިންގަނޑެއް އެބަ އޮތް ކަމަށެވެ. އެއީ ކޮންމެ ރަށަކުން ވެސް ފުރައިގެން، އެންމެ ގިނަވެގެން 20-30 މިނިޓުން ދެވޭ ހިސާބުގައި ވައިގެ ބަނދަރެއް އޮތުން ކަމަށް ވިދާޅުވި އެވެ. ފަރެސްމާތޮޑާ އެއާޕޯޓާ އެކު، އެންމެ ރަށެއް ފިޔަވައި، މުޅި ހުވަދު އަތޮޅު އެ މިންގަނޑަށް ފެތި ބަރާބަރުވީ ކަމަށް ރައީސް ވިދާޅުވި އެވެ.

ވައިގެ ބަނދަރުން އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބޭނީ ހަމައެކަނި ދަތުރުފަތުރުގެ ލުއިފަސޭހަކަން ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ރަށްރަށަށް އިޖްތިމާއީ ހަމަޖެހުން އަންނާނެ ކަމަށެވެ. އަދި އެއާޕޯޓްގައި ޒުވާނުން އަދާކުރާ ވަޒީފާތަކާ އެކު، އިގްތިސޯދީ އެތައް މަންފާއެއް ވެސް އަންނަނީ ލިބެމުން ކަމަށް ވިދާޅުވި އެވެ. 

މި އުންމީދު ހާސިލުވުމާ އެކު، ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތީ އަދި މާފަހި ދުވަސްތަކެއް ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ:

  • ފަރެސްމާތޮޑާ ކައިރި ރަށްތަކާ ދެމެދު ލޯންޗު ދަތުރުތައް އިތުރުވާނެ 

  • އެންމެ އަވަހަށް ދެން ފުޅާވާނެ ކަމަށް ފެންނަނީ ޓެކްސީގެ ހިދުމަތް 

  • ހޮޓާ ރެސްޓޯރަންޓާއި އެނޫން ވިޔަފާރިތަކަށް ވެސް ހުޅުވުނީ ތަނަވަސް ދޮރެއް 

  • އެންމެ ހެޔޮ ބަދަލެއް އައީ ކަރަންޓުގެ ހިދުމަތަށް

  • އެއާޕޯޓް ސަރަހައްދުގައި މަރުކަޒީ އިންޖީނުގެއެއް ގާއިމްކޮށް، ކަރަންޓް ވިއުގައިގެ ފެންވަރު ރަނގަޅު ކުރެވިއްޖެ

  •  ބާ ކޭބަލްތަކުގެ ބަދަލުގައި މުޅިން އާ ކޭބަލް މިހާރު ވަނީ އަޅައި ނިމިފައި

  • ފަރެސްމާތޮޑާގެ ނަރުދަމާގެ މަސައްކަތް މާ ގިނަ ދުވަސްތަކެއް ނުވެ ނިމޭނެ

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ދެން އެންމެ އަވަހަށް ފަރެސްމާތޮޑާއަށް އަންނާނެ އެއް ބަދަލަކީ، އެއާޕޯޓާ ގުޅުވައިދޭ ދާއިމީ ކޯޒްވޭގެ މަސައްކަތެވެ. އެކަން ނިމުމާ އެކު، ބަނދަރު ސަރަހައްދުން އެއާޕޯޓަށް ގެންގޮސްދޭނެ ތާރު މަގުގެ މަސައްކަތް ވެސް މާ ލަސްތަކެއް ނުވެ ފެށޭނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ފަރެސްމާތޮޑާ އެއާޕޯޓްގެ ލުއިފަސޭހަކަން ފުރިހަމައަށް ލިބެން ފަށާނީ އޭރުންނެވެ.

އެނގުން މުހިންމު - ހުވަދޫ އަތޮޅުގައި ސަރަހައްދީ ތިން އެއާޕޯޓެއް މިހާރު ވެސް ހިންގަ އެވެ. އެއީ ކާޑެއްދު އާއި ކޫއްޑޫ އަދި މާވާރުލު އެއާޕޯޓް އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް