ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް (ފޮޓޯ/އަވަސް)

ޖުޑިޝަރީ

ޔާމީނަށް ހުކުމްކުރި ގާޒީ ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމާ ހަވާލުވެއްޖެ

ޔާމީންއަށް ހުކުމް އިއްވިތާ މާގިނަ ދުވަހެއް ނުވެ ގާޒީ ޝަކީލް ހައިކޯޓަށް ހަމަޖެއްސުމުން އިދިކޮޅުން ވަނީ އެކަމަށް ފާޑުކިޔާފައި

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ޝަކީލް ހައިކޯޓް ފަނޑިޔާރުކަމުގެ ހުވާ ކުރައްވައި ފަނޑިޔާރުކަމާ ރަސްމީކޮށް ހަވާލުވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި މީގެ ކުރިން ހުންނެވި ގާޒީ ޝަކީލް، ހައިކޯޓުގެ ފަނޑިޔާރުކަމަށް ހަމަޖައްސަން ޖޭއެސްސީއިން ނިންމީ މި މަހުގެ 5 ވަނަ ދުވަހު އެވެ. ޖޭއެސްސީން އެގޮތަށް ނިންމީ އެ މަގާމަށް ކުރިމަތިލީ ހަތަރު ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު އެވެ. 

ޖޭއެސްސީއިން ބުނި ގޮތުގައި ޝަކީލް މަގާމު ހުވާކުރައްވާފައި ވަނީ އިއްޔެ އެވެ.

ޝަކީލްގެ ތައާރަފެއް

  • ޝަކީލް ފުރަތަމަ ފަނޑިޔާރަކަށް އައްޔަން ކުރީ 23 މާޗް 2003ގައި

  • އޭނާ ވަނީ ވިލާ ކޮލެޖުން ގާނޫނީ ދާއިރާއިން ބެޗްލާ އޮފް ޝަރީއާ އަދި މާސްޓާ އޮފް ޝަރީއާ ހާސިލްކުރައްވާފައި

  • ޝަކީލް ފަނޑިޔާރުކަން ކުރައްވާތާ 19 އަހަރުވަނީ ވެފައި

  • ކްރިމިނަލް ކޯޓްގެ އިތުރަށް އޭނާ ވަނީ އއ.އުކުޅަސް ކޯޓާއި، ޖުވެނައިލް ކޯޓް އަދި ފެމެލީ ކޯޓުގެ ގާޒީކަން ކުރައްވާފައި

އެނގުން މުހިންމު - އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި އެ މުއާމަލާތުގެ ފައިސާއިން މަނީ ލޯންޑާކޮށްފައިވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ގާޒީ ޝަކީލް އިއްވެވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ ހުކުމުގެ މައްސަލަ މިހާރު އޮތީ ހައިކޯޓްގައި އިސްތިއުނާފުވެސް ކޮށްފަ އެވެ.

އެހެންވެ، ޝަކީލް ހައިކޯޓަށް އައްޔަންކުރަން ނިންމުމުން، އެކަމަކީ ޔާމީނަށާއި އެ މަނިކުފާނުގެ އާއިލާއަށް އަނިޔާވެރިވުން ކަމަށް ބުނެ އިދިކޮޅުން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފަ އެވެ. 

ގުޅުންހުރި ކަމެއް - ޝަކީލްގެ އިތުރުން އިއްޔެ ވަނީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓް އަދި ބައެއް މެޖިސްޓްރޭޓް ކޯޓްތަކަށް އައްޔަންކުރި ގާޒީންވެސް ހުވާކޮށްފަ އެވެ. އެގޮތުން އެ ކޯޓްތަކަށް އައްޔަން ކުރި ނުވަ ގާޒީއަކު އިއްޔެ ހުވާކޮށް ވަނީ މަގާމާ ހަވާލުވެފަ އެވެ.

ކޮމެންޓް (1)

ފާތުމާ

14 މާރިޗު 2023
އެނޫން ހުކުމެއް ނުކުރޭތަ މި ގާޒީ؟ ޔާމީނަށް ހުކުމްކުރި ގާޒީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް