ވެމްކޯގެ މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތުގައި. (ދައުރު ފޮޓޯ

ވެމްކޯ

ސްޓެލްކޯ ބިލަށް ކުނި އުކާ ފީ ލައިގެން ގޭބިސީތަކުން އިތުރު 2.5 މިލިއަން ރުފިޔާ ލިބޭނޭ: ވެމްކޯ

ވެމްކޯއިން މާލެ ސަރަހައްދުގައި ކުނި އުކައިދޭ ހިދުމަތަށް ގިނަ މީހުން ފައިސާ ނުދައްކާ މައްސަލަ ވަނީ ބޮޑުވެފައި. އެކަން ހައްލުކުރަން އޭޕްރީލުން ފެށިގެން ސްޓެލްކޯގެ ކަރަންޓު ބިލުގައި ވެމްކޯގެ ފީ ހިމަނާނެ

އޭޕްރީލުން ފެށިގެން ސްޓެލްކޯގެ ކަރަންޓު ބިލަށް ކުނި އުކާ ފީ އިތުރުކޮށްގެން ހަމައެކަނި ގޭބިސީތަކުން ވެމްކޯއަށް މަހަކު 2.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ވެމްކޯއިން ލަފާކޮށްފި އެވެ.

ވީ ކިހިނެއް؟ - މާލެ ސަރަހައްދުގައި ގިނަ ބަޔަކު ވެމްކޯގެ ކުނި އުކައިދޭ ހިދުމަތަށް ރަޖިސްޓްރީ ނުކުރުމާއި ފައިސާ ނުދެއްކުމުގެ ސަބަބުން އެ ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.

އެ މައްސަލަ ހައްލުކުރަން އެ ކުންފުންޏާ މަޝްވަރާކުރުމަށްފަހު އެންވަޔަރަމަންޓް މިނިސްޓްރީން ނިންމީ ސްޓެލްކޯގެ ކަރަންޓު ބިލުގައި ވެމްކޯގެ ފީ ހިމެނުމަށެވެ. މި ބަދަލު ފެންނާނީ މެއި މަހު ފޮނުވާ، އޭޕްރީލް މަހުގެ ކަރަންޓު ބިލުންނެވެ.

ބުނީ ކީކޭ؟ - ވެމްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ކުރި ސުވާލެއްގެ ޖަވާބުގައި، ސްޓެލްކޯގެ ބިލުގައި ކުނި އުކައިދޭ ފީ ހިމެނުމުން ގޭބިސީތަކުން ލިބޭނެ އާމްދަނީގެ އަންދާޒާއެއް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ހިއްސާކުރެއްވި އެވެ.

"މިހާރު ލިބިފައިހުރި ނަންބަރުތަކަށް ބަލާއިރު މާލޭގެ ހައުސްހޯލްޑް ކަލެކްޝަނުން އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާ ރިކަވާ ކުރެވޭނެ ކަމަށް މި ބަލަނީ މަހެއްގެ މައްޗަށް. އެއީ ހަމައެކަނި ހައުސްހޯލްޑް ކަލެކްޝަންގެ ތެރޭގައި،" އޭނާ ވިދާޅުވި އެވެ.

ވެމްކޯގެ އެމްޑީ ޔޫސުފް ސިރާޖު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/ އެންވަޔަރަމެންޓް މިނިސްޓްރީ)

ތަފްސީލު - ވެމްކޯގެ ހިދުމަތަށް ފައިސާ ނުދައްކާ މައްސަލަ ބޮޑުވެފައި އޮތްއިރު، ސިރާޖު ވިދާޅުވީ ހަގީގީ މައްސަލައަކީ މިވީހާ ދުވަހު ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީކުރުން ލާޒިމުކޮށްފައި ނެތުން ކަމަށެވެ.

"އެންމެ ބޮޑު މައްސަލައަކީ ލާޒިމެއް ނޫން ކަންނޭނގެ މިއޮތް ހުރިހާ ދުވަހަކު. އަޅުގަނޑުމެން ކަސްޓަމަރުންގެ ގާތުގައި ރަޖިސްޓްރީ ކުރާށޭ ކިތަންމެ ވަރަކަށް ބުނި ކަމުގައި ވިޔަސް ރަޖިސްޓްރީކޮށްފައި މި ތިބީ މާލޭގެ ގާތްގަނޑަކަށް 24،000 ގޭބިސީ،" އޭނާ ވިދާޅުވި އެވެ.

"50،000 އަށްވުރެ ގިނަ މީޓަރު އެބަހުރި. އެހެންވީމަ އަޅުގަނޑުމެންނަށް އެބަ އެނގޭ [މާލެ ސަރަހައްދުގެ] އާބާދީގެ ބޮޑު ބައެއް ރަޖިސްޓްރީނުކޮށް އުޅޭކަން."

ރަޖިސްޓްރީކޮށްފައިވާ ކަސްޓަމަރުންގެ ތެރެއިން، ސިރާޖު ވިދާޅުވީ ގާތްގަނޑަކަށް %85 މީހުން ގަވާއިދުން ބިލު ދައްކާ ކަމަށެވެ.

އެނގުން މުހިންމު - ގޭބިސީތަކުން ކުނި ނަގައިދޭ ހިދުމަތުން ޗާޖު ކުރާނީ، މިހާރުވެސް ނަގަމުންދާ އަގު، މަހަކަށް 150ރ. އެވެ. އެހެންކަމުން ކުނި ބިލު ކަރަންޓު ބިލަށް ލައިގެން ގޭބިސީތަކުން ލިބޭނެ ކަމަށް ވެމްކޯއިން ލަފާާކުރާ އާމްދަނީއަކީ ގާތްގަނޑަކަށް 16،666 ގޭބިސީއިން ލިބޭނެ އާމްދަނީ އެވެ.

ކޮމާޝަލް ކަލެކްޝަން ހިދުމަތުގެ ބޭސްލައިން ޕެކޭޖުގެ އަގަކީ މަހަކު 972ރ. އެވެ. އެ ތަނަކުން އުފެދޭ ކުންޏަކަށް ބެލުމަށްފަހު ޕެކޭޖު ބަދަލުކުރުމުގެ ފުރުސަތުވެސް ވިޔަފާރިތަކަށް ދީފައިވާއިރު، އެންމެ އަގު ހެޔޮ ޕެކޭޖުގެ މަހު ފީއަށް ޖެހެނީ 324ރ. އެވެ.

ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުނި ނަގައިދޭ ބޭސްލައިން ޕެކޭޖުގެ އަގަކީ މަހަކު 4،572ރ. އެވެ. އަދި މި ބައިގައި އެންމެ އަގުހެޔޮ ޕެކޭޖަށް މަހަކު ޖެހެނީ 2،286ރ. އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް