ވެމްކޯގެ އެމްޑީ ޔޫސުފް ސިރާޖު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/ އެންވަޔަރަމެންޓް މިނިސްޓްރީ)

ވެމްކޯ

ސްޓެލްކޯ - ވެމްކޯ ބިލު ގުޅުވާލުން: ކަރަންޓު މީޓަރު ނުހިނގާނަމަ ކުނި އުކާ ފީ ނުނަގާނެ

ވެމްކޯގެ ހިދުމަތަށް މާލެ ސަރަހައްދުން ފައިސާ ނުލިބޭ މައްސަލަ ހައްލުކުރަން އަންނަ އޭޕްރީލް މަހުން ފެށިގެން ކުނި އުކައިދޭ ފީ ކަރަންޓު ބިލުގައި ހިމަނަން ވަނީ ނިންމާފައި

އޭޕްރީލް މަހުން ފެށިގެން ސްޓެލްކޯގެ ކަރަންޓު ބިލަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ކުނި އުކައިދޭ ފީ އިތުރުކުރި ނަމަވެސް، ކަރަންޓު މީޓަރު ނުހިނގާ ހާލަތްތަކުގައި ކުނި އުކުމުގެ ހިދުމަތުގެ ފީ ބިލުގައި ނުހިމަނާނޭ ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެންވަޔަރަމަންޓް މިނިސްޓްރީން ސްޓެލްކޯ ބިލުގައި ކުނީގެ ފީ ހިމަނަން ނިންމީ، ވެެމްކޯއިން މާލެ ސަރަހައްދުގައި ކުނި އުކައިދޭ ހިދުމަތަށް ގިނަ ގޭބިސީތަކުން ފައިސާ ނުދައްކާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.

ވެމްކޯގެ ހިދުމަތަށް ގަވާއިދުން ފައިސާ ނުދައްކާތީ:

  • ކުންފުނީގެ ކޭޝްފްލޯ ދަތިވެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ ބައެއް އާލާތްތައް އެކަށީގެންވާ ގޮތެއްގައި މަރާމާތު ނުކުރެވި، ބޭނުން ނުކުރެވޭ ހާލަތަށް އާދޭ

  • އެކަން ހައްލުކުރަން ކުރަން ޖެހޭ ހަރަދު އިތުރުވެ، ގަވާއިދުން ކުނި ނަގައި މެނޭޖްކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވޭ

މެއި މަހުގައި ފޮނުވާ އޭޕްރީލް މަހުގެ ކަރަންޓު ބިލުގައި ވެމްކޯގެ ފީ ހިމަނާއިރު، އެކަން ކުރާނެ ގޮތް ހިއްސާކުރަން މިއަދު ވެމްކޯއިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

ބުނީ ކީކޭ؟ - އެ ބައްދަލުވުމުގައި 'ދައުރު'ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ މިހާރު ހަމަޖެއްސި ގޮތަކީ ކޮންމެ ކަރަންޓު ބިލަކަށްވެސް އެތަނެއްގެ ކުނި ބިލު ގުޅުވާލުން ކަމަށެވެ.

އެހެންކަމުން، އޭނާ ވިދާޅުވި ގޮތުގައި ކަރަންޓު މީޓަރު ވަކި ވަރަކަށް ނުހިނގާތީ ކަރަންޓު ބިލު ނުފޮނުވާ މަސްތަކުގައި ވެމްކޯއިންވެސް ކުނި އުކާލުމުގެ ޗާޖެއް ނުނަގާނެ ކަމަށެވެ.

"ބިލުކުރުމުގައި ސްޓެލްކޯއިން ގެންގުޅޭ މިންގަނޑެއް އޮވޭ. ވަކި ވަރަކަށް މީޓަރު ރީޑިން ވަކި ވަރަކަށް ނާރަންޏާ ނުވަތަ ޖުމްލަ އަދަދު ވަކި ވަރަކަށް ނާރާނަމަ ސްޓެލްކޯއިން ބިލެއް ނުކުރާނެ. އެ ހާލަތްތަކުގައި އަޅުގަނޑުމެންވެސް ބަލާނެ،" ސިރާޖު ވިދާޅުވި އެވެ.

ތަފްސީލު -  އެކަމާ ގުޅޭގޮތުން ވެމްކޯއިން ހިއްސާކުރި މައުލޫމާތަށް ބަލާއިރު:

  • ހައުސްހޯލްޑް ކަލެކްޝަންގައި - ބިލު ކުރުމުގައި ޑޮމެސްޓިކް މީޓަރަކަށް ސްޓެލްކޯއިން ބިލު ތައްޔާރުކުރާ މުއްދަތުގައި 34 ކިލޯވޮޓް ނާރާނަމަ އެ ތަނަކީ ބޭނުން ނުކުރާ ތަނެއް ކަމުގައި ކަނޑައަޅައި، އެ ތަނަކަށް ކުނީގެ ބިލެއް ނުކުރާނެ

  • ކޮމާޝަލް ކަލެކްޝަންގައި - ބިލު ކުރުމުގައި ކޮމާޝަލް ކެޓަގަރީގެ މީޓަރަކަށް ސްޓެލްކޯއިން ބިލު ތައްޔާރުކުރާ މުއްދަތުގައި 16 ކިލޯވޮޓު ނާރާނަމަ އެ ތަނަކީ ބޭނުން ނުކުރާ ތަނެއް ކަމަށް ބަލައި، ކުނީގެ ބިލެއް ވެސް ނުކުރާނެ

ލިފްޓާއި މެއިންޓަނެންސް މީޓަރުތަކުން ނުނަގާނެ

އެ ބައްދަލުވުމުގައި ވެމްކޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ދެ ބިލު ގުޅުވާލަން ތައްޔާރުވަމުން އަންނައިރު، އެކަން ކުރުމުގައި ބަލާނީ ސްޓެލްކޯގެ ޑޭޓާބޭސްގައި ހިމެނޭ މީޓަރުތަކުގެ ލިސްޓަށް ކަމަށެވެ.

"އެ ލިސްޓުން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މެއިންޓަނެންސް މީޓަރުތަކާއި ލިފްޓު މީޓަރުތައް، ކޮމާޝަލް އަދި ރެސިޑެންޝަލް ބިލްޑިންތަކުގައި،" އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް ބައެއް މީޓަރުތަކަކީ އެގޮތަށް ފާހަގަނުވާ މީޓަރުތައް، ސްޓެލްކޯގެ ލިސްޓުންވެސް."

ލިފްޓާއި މެއިންޓަނެންސް މީޓަރުތަކުގެ ބިލާ ވެމްކޯ ފީ ނުގުޅުވި ނަމަވެސް، އެފަދަ މީޓަރުތަކުގެ ގޮތުގައި ފާހަގަނުވާ މީޓަރުތަކެއް ހުރުމުން، އެ މީޓަރުތަކުގެ ބިލުގައި ވެމްކޯ ފީ ހިމެނޭނެ އެވެ.

މިގޮތަށް ފާހަގަނުވެ ހުރި މީޓަރުތަކުގެ މައުލޫމާތު ހިއްސާކުރަން ވެމްކޯއިން 'މީޓަރު އެކްސްކްލޫޝަން' ފޯމެއް ކުރިއަށް މި އޮތް ދުވަސްތަކުގައި ތައާރަފްކުރަން ވަނީ ނިންމާފަ އެވެ.

އެ ފޯމު ހުށަހެޅުމުން ވެމްކޯއިން ފަސް ދުވަހުގެ ތެރޭގައި އެ މީޓަރެއް ދިރާސާކުރުމަށްފަހު ކުނީގެ ހިދުމަތަށް ބިލުކުރުމުން އުނިކުރާނޭ ކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯ މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތުގައި. (ދައުރު ފޮޓޯ

އެނގުން މުހިންމު - އޭޕްރީލް މަހުން ފެށިގެން ކަރަންޓު ބިލުގައި ކުނި އުކާ ފީ ހިމަނަން ފަށާއިރު، ވެމްކޯއިން ހިދުމަތްދޭ ގޮތަށްވެސް ބައެއް ބަދަލުތައް ގެނައުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން:

  • ގޭބިސީތަކުން ކުނި އުކައިދޭނީ މިހާރުވެސް ނަގާ އަގު 150ރ.އަށް (މަހަކަށް 150ރ.ގެ ރޭޓުން އަހަރަކަށް ޖެހޭ މިންވަރު 1،800ރ. 365 ދުވަހަށް ބެހުމަށްފަހު ދުވާލަކަށް 4.9ރ.ގެ ރޭޓުން)

  • ބިލު ކުރާނީ ސްޓެލްކޯއިން ތައްޔާރުކުރާ ކަރަންޓު ބިލުގައިވާ ދުވަހުގެ އަދަދަށް

  • އޭޕްރީލް މަހުން ފެށިގެން ގޭބިސީތަކާއި ކޮމާޝަލް ތަންތަނުގެ ކުނި ނަގާނީ އިމާރާތުގެ ތިރިން؛ ކުނި ނެރެންވީ ގަޑިއަކީ ހަވީރު 5 އާއި ރޭގަނޑު 7އާ ދެމެދު

  • ކޮމާޝަލް ކަލެކްޝަން ހިދުމަތުގެ އަގު ފަށާނީ 972ރ.އިން ފެށިގެން (އެއީ ދުވާލަކު 120 ލީޓަރުގެ ބޭސްލައިން ޕެކޭޖެއް)

  • އެ މިންވަރަށްވުރެ މަދުން ކުނި އުފެދޭ ތަންތަނަށް، އެއަށްވުރެ ކުދި ޕެކޭޖުތަކަށް އެދި ހުށަހެޅޭނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް