ކުރިން އެމްއީއެސް ހިންގި އިމާރާތް. (ފޮޓޯ/ޕީއެސްއެމް)
15 މިލިއަން ރުފިޔާގެ ބަދަލު ދިންލެއް ލަސްވެގެން އިބްރާހިމް އިސްމާއިލް ކޯޓަށް ހިނގައްޖެ
މަންދު ކޮލެޖަށް ބަދަލު ދިނުމަށް ކޯޓުން ބޭރުގައި އެއްބަސްވި 15 މިލިއަން ރުފިޔާގެ ބަދަލުގެ މައްސަލަ ތަންފީޒު ކުރުމުގައި އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ ގާނޫނުއަސާސީއާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި މަންދު ކޮލެޖުގެ ޗެއާމަން އިބްރާހީމް އިސްމާއީލް (އިބްރާ) ދައުވާކުރައްވައިފި އެވެ.
ބުނީ ކީކޭ؟ - އިބްރާހީމް އިސްމާއީލް މިއަދު 'ދައުރު'އަށް ވިދާޅުވީ އޭނާ ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓުން ބަލައިގަތީ ހަ ފަހަރަށް ހުށަހަޅައިގެން ކަމަށާއި އަދި އެއީ ގާނޫނުއަސާސީގައި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ވަރަށް ދިގު މަރުހަލާއެއް ކަމަށެވެ.
"އަދި މައްސަލަ ސުޕްރީމް ކޯޓަށް ވެސް ގެންދާނަން. ކޯޓުތަކަށް މައްސަލަ ބަލައިގަތުމުގައި މި އަށް ވުރެ ފަސޭހަ ނިޒާމެއް އޮންނަން ޖެހޭނެ. ފޮންޓް ގޯހޭ، މިވެނި އަކުރެއް ރަނގަޅުކޮށްލާށޭ، މިއަކީ އެއްގޮތަށް ވެސް ރަނގަޅު ގޮތެއް ނޫން. އެއަށް ވުރެ ފަސޭހަ އިން މައްސަލަތައް ކޯޓަށް ހުށަހެޅެން ޖެހޭނެ،" އިބްރާހިމް އިސްމާއީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ފުރަތަމަ ހުށަހެޅީ މިދިޔަ މޭ މަހުގެ ތެރޭގައި ކަމަށާއި ނަމަވެސް ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތް ކަމަށެވެ. އަދި އެންމެ ފަހުން އެ މައްސަލަ މިދިޔަ ހަފުތާގައި ބަލައިގަތުމަށް ނިންމީ ކޯޓުގެ ބެންޗުން ކަމަށެވެ.
އެނގުން މުހިންމު - ކުރިން އެމްއީއެސް ހިންގި އިމާރާތުގައި މަންދު ކޮލެޖު ހިންގަނިކޮށް ކުރީގެ ސަރުކާރުން އެތަން ނެގުމުން އެ ކޮލެޖުގެ ފަރާތުން ކޯޓަށް ދިޔަ އެވެ. ކޯޓުގެ އެކި މަރުހަލާތަކުން ގޮސް އެންމެ ފަހުން ސުޕްރީމް ކޯޓުން ނިންމީ ބަދަލު ހޯދުމުގެ ހައްގު މަންދު ކޮލެޖަށް އޮންނާނެ ކަމަށެވެ.
އެއަށް ފަހު ސިވިލް ކޯޓަށް މައްސަލަ ވައްދައި މަންދު ކޮލެޖުން ބަދަލުގެ ގޮތުގައި އެދުނީ 18 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް ޑިސްޕިއުޓް މަރުހަލާގައި ދެ ފަރާތުން އެއްބަސްވީ 15 މިލިއަން ރުފިޔާ އަށެވެ.
މަންދު ކޮލެޖުން މައްސަލަ ހުށަހެޅީ އެ ފައިސާ ދިނުން ލަސްވުމާ ގުޅިގެންނެވެ.