ވެމްކޯގެ މުވައްޒަފުންތަކެއް މާލޭގެ ގޭބިސީތަކުން ކުނި އުކާލުމުގެ މަސައްކަތް ކުރަނީ (ފޮޓޯ/ވެމްކޯ)
ވެމްކޯގެ ފީ އަންނަ މަހުން ފެށިގެން ކަރަންޓު ބިލުގައި ހިމަނަން ނިންމައިފި
ކުނި އުކާލުމުގެ ހިދުމަތުން ނަގާ ފީ އަންނަ މަހުން ފެށިގެން ކަރަންޓު ބިލުގައި ހިމެނުމަށް ނިންމައިފި އެވެ.
މައްސަލައިގެ ފެށުން - ވެމްކޯ އިން މާލެ ސަރަހައްދުގައި ކުނި އުކާލުމުގެ ހިދުމަތް ދެމުން އަންނައިރު، އެ ހިދުމަތް ހޯދާ ބައެއް ކަސްޓަމަރުން ބިލަށް ފައިސާ ނުދެއްކުމަކީ އެ ކުންފުންޏަށް ދިމާވެފައި އޮތް ބޮޑު މައްސަލައެކެވެ. އެ މައްސަލައަށް ހައްލެއް ހޯދުމަށް، ކުނި އުކާލުމުގެ ފީ ފެން ނުވަތަ ކަރަންޓު ބިލުގައި ހިމެނުމުގެ ވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ.
ވެމްކޯގެ ހިދުމަތަށް ގަވާއިދުން ފައިސާ ނުދައްކާތީ:
-
ކުންފުނީގެ ކޭޝްފްލޯ ދަތިވެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ ބައެއް އާލާތްތައް އެކަށީގެންވާ ގޮތެއްގައި މަރާމާތު ނުކުރެވި، ބޭނުން ނުކުރެވޭ ހާލަތަށް އާދޭ
-
އެކަން ހައްލުކުރަން ކުރަން ޖެހޭ ހަރަދު އިތުރުވެ، ގަވާއިދުން ކުނި ނަގައި މެނޭޖްކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވޭ
ވީ ކިހިނެއް؟ - އެ މައްސަލަ ހައްލުކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީ އާއި ވެމްކޯއާ ދެމެދު ކުރި މަޝްވަރާތަކަށް ފަހު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލައަށް އެންމެ އެދެވޭ ހައްލެއް ލިބޭނީ ވެމްކޯ އިން ދޭ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ބަރާބަރަށް ލިބިގެންކަން މަޝްވަރާތަކުން ހާމަވި ކަމަށެވެ. އެގޮތުން:
-
މާލެ ސަރަހައްދުގައި ފީ ދައްކަން ޖެހޭ ޖުމްލަ 53,690 ގޭބިސީ ހުރޭ
-
ބަރާބަރަށް ފީ ދައްކަމުން އަންނަނީ ގާތްގަނޑަކަށް 20,000 ގޭބިސީން
-
އެންމެ ފަސޭހައިން، ހަރަދު ކުޑަކޮށް އެ ފީ ލިބިގަނެވޭނީ އާންމު ބޭނުންތަކުގެ އެހެން ހިދުމަތެއްގެ ބިލުގައި ހިމަނައިގެން ފީ ނަގައިގެން
ބުނީ ކީކޭ؟ - "އެހެންކަމުން، ވެމްކޯއިން މާލެ ސަރަހައްދުގައި ދެމުންދާ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ބިލުގައި ހިމަނައިގެން ނެގުމަށް ވަނީ މިހާރު ނިންމާފަ އެވެ،" މިނިސްޓްރީން ބުންޏެވެ.
"ވެމްކޯ އިން މާލެ ސަރަހައްދުގައި ދެމުންގެންދާ ކުނި މެނޭޖްކުރުމުގެ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ސްޓެލްކޯގެ ބިލުގައި ހިމަނައިގެން 1 އޭޕްރީލް 2023 އިން ފެށިގެން ނެގުމަށް ވެމްކޯއަށް ހުއްދަ ދީފައިވާތީ އެކަން އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ދެންނެވީމެވެ."
މިނިސްޓްރީން ބުނީ މި ބަދަލާ ގުޅިގެން:
-
ސީދާ ވެމްކޯއިން މާލޭގައި ދެމުން އަންނަ ހިދުމަތްތަކުން ނަގާ ފީއަކަށް ބަދަލެއް ނާންނާނެ
-
އެގޮތަށް ފީ ނަގަން ފެށުމުން، ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީ ނުކުރިޔަސް، ވެމްކޯއިން ހުރިހާ ގޭބިސީތަކަކުން ވެސް ގަވާއިދުން ކުނި ނަގަމުން ގެންދާނެ؛ މީގެ ތެރޭގައި ގޭތެރެ ސާފުކޮށްފައި އުކާލާ ބޮޑެތި ކުނި (ބަލްކީ ވޭސްޓް) ނުހިމެނޭނެ
ކޮމެންޓް (1)
އައްދު