ޕީޕީއެމްއިން ބޭއްވި އެތެރޭގެ އިންތިހާބެއްގައި ވޯޓު ގުނަނީ: މަޖިލީހުން ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް އެ ޕާޓީން ވަނީ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލާފައި. (ފޮޓޯ/ޕީޕީއެމް)

ގުރައިދޫ ބައި-އިލެކްޝަންގެ ޕްރައިމަރީއަށް ކުރިމަތިލާން ޕީޕީއެމުން ހުޅުވާލައިފި

ޕްރައިމަރީއަށް ކުރިމަތުލުމުގެ މުއްދަތު ހަމަވާނީ މާދަމާ މެންދުރު ފަހު 2:30އަށް

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަވާހަރުވުމާ ގުޅިގެން ބާއްވާ އެ ދާއިރާގެ ބައި-އިލެކްޝަނަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.

އެނގުން މުހިއްމު - މެލޭޝިޔާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ރިޒާ އަވަހާރަވީ މިދިޔަ މަހުގެ 23ގަ އެވެ. ޖެހިޖެހިގެން ތިން ދައުރު މެމްބަރުކަން ކުރެއްވި ރިޒާ އަވަހާރަވުމާ ގުޅިގެން އެ ދާއިރާއަށް މެމްބަރަކު ހޮވުމަށް ބައި-އިލެކްޝަން ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ 15ގަ އެވެ.

ވީ ކހިނެއް؟ - ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި:

  • މާދަމާ މެންދުރު ފަހު 2:30ގެ ކުރިން ޕްރައިމަރީގައި ވާދަކުރުމަށް ކުރިމަތިލެވޭނެ

  • ޕްރައިމަރީ އޮންނާނީ އަންނަ ހުކުރު ދުވަހުގެ މެންދުރު ފަހު 2:30 އިން 6އަށް

ޕީޕީއެމް އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ރިޒާ އަވަހާރަވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަނާ މެދު އިދިކޮޅުން ގޮތެއް ނިންމާފައި ވަނީ ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ބައްދަލުވުމެއް ރޭ ބޭއްވުމަށް ފަހު އެވެ.

ގުޅުންހުރި ކަމެއް - އިދިކޮޅު ކޯލިޝަންގެ ޓީމެއް ވަނީ މިދިޔަ ހުކުރު ދުވަހު ގުރައިދޫ ދާއިރާއަށް ވަޑައިގެންފަ އެވެ. އެކަމާ ގުޅޭ ގޮތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އިއްޔެ ވިދާޅުވީ، އެ ކޯލިޝަންގެ އިސް ބޭފުޅުން ގުރައިދުއަށް ވަޑައިގެންނެވީ، ރިޒާ އަވަހާރަވުމާ ގުޅިގެން ލިބުނު ހިތާމައިގައި ދާއިރާގެ ރައްޔިތުންނާ ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ފުނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވެސް ހިމެނޭ ގޮތަށް އިދިކޮޅުގެ ޓީމުން ވަނީ އެ ދާއިރާގައި ހިމެނޭ ގުރައިދޫ، މާފުށި އަދި ގުޅިއަށް ވަޑައިގެންފަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އިދިކޮޅު ޕީޕީއެމްގެ ސަޕޯޓު ބޮޑު ގުރައިދޫ ދާއިރާއަށް ވާދަކުރުމަށް، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީންނާއި ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އެމްއެންޕީން ވެސް ވަނީ ހުޅުވާލާފަ އެވެ. އެމްޑީޕީގެ ޕްރައިމަރީއަށް ހަތަރު ބޭފުޅަކު ކުރިމަތިލެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް