ސާއިދު. (ފޮޓޯ/ލެޓްސް ހެޕް ސާއިދު ޓީމް)

ކިޑްނީ ބަލި

ލަންކާއިން ނުވުމުން، ކިޑްނީގެ އޮޕަރޭޝަނަށް ސާއިދު ތުރުކީއަށް

ކިޑްނީ ބަދަލު ކުރުމަށް މިދިޔަ އަހަރު އޭނާ ލަންކާއަށް ދިޔަ ނަމަވެސް، ހަ މަސް ފަހުން އޭނާ އެނބުރި އައީ އެކަން ނުކުރެވިގެން

ދެ ކިޑްނީ ފެއިލްވެ، ބަލީގެ ވޭނާ އެކު ޑޯނަރެއް ހޯދުމުގެ ހަނގުރާމައިގައި ވެސް އެތައް އަހަރެއް ވާންދެން އުޅުމަށް ފަހު، ފަރުވާ ހޯދުމަށް ކުޅިވަރު ނޫސްވެރިޔާ ސާއިދު އަހުމަދު ތުރުކީއަށް ފުރައިފި އެވެ.

ވީ ކިހިނެއް؟ - ޑޯނަރެއް ނުލިބި އަހަރުތަކެއް ވުމަށް ފަހު ސާއިދަށް ޑޯނަރެއް ލިބުނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެއާ އެކު، ކިޑްނީ ބަދަލު ކުރުމަށް، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އޭނާ ސްރީ ލަންކާއަށް ދިޔަ ނަމަވެސް، ހަ މަސް ފަހުން އެނބުރި އައީ އެކަން ނުކުރެވިގެންނެވެ.

އޭނާ އެނބުރި އައީ ހޮސްޕިޓަލަށް ދާތާ އެއް މަސްދުވަސް ފަހުން އޮޕަރޭޝަން ކުރެވޭނެ ކަމުގެ ޔަގީންކަން އެ ތަނުން ދިން ނަމަވެސް، އެ މުއްދަތު ދިގުލައި އެންމެ ފަހުން ކައިރި މުސްތަގްބަލެއްގައި އޮޕަރޭޝަން ކުރެވެން ނެތްކަން ހޮސްޕިޓަލުން އެންގުމުންނެވެ.

ތަފްސީލު - ސާއިދު ބުނި ގޮތުގައި، އާސަންދައިގެ އެހީގައި ކައިރި ހިސާބަކުން އޮޕަރޭޝަން ނުކުރެވުމުން، އޭނާ ތުރުކީއަށް ދިޔައީ އާއްމުން އޭނާއަށް ދިން އެހީ އާއި އަމިއްލަ ހަރަދުގަ އެވެ.

އޭނާ ބުނި ގޮތުގައި:

  • ވަރަށް އަވަހަށް އޮޕަރޭޝަން ކުރެވޭނެ

  • އޮޕަރޭޝަނަށް ފަހު ގިނަ ވެގެން ތިން މަސްދުވަހު ތުރުކީގައި މަޑުކުރާނެ

"މިއީ ސަރުކާރުގެ އެއްވެސް އެހީއެއް ނެތި، އާއްމުންގެ އެހީއާ އެކު ކުރާ އޮޕަރޭޝަނެއް،" ސާއިދު ބުންޏެވެ.

އެނގުން މުހިއްމު - ޑޯނަރެއް ލިބުމާ ހަމައަށް ކިޑްނީ ބައްޔާ ދެކޮޅަށް ކުރި ހަނގުރާމައިގައި ސާއިދު ވަނީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 600އެއްހާ ފަހަރު ޑަޔަލަސިސް ހަދައިފަ އެވެ.

  • ފުރަތަމަ ތިން އަހަރު، ދެ ދުވަހުން އެއް ދުވަހު ޑަޔަލަސިސް ހަދަން ޖެހުނު 

  • އޭގެ ކޮންމެ ދުވަހަކު ވެސް ހަތަރު ގަޑިއިރު އެނދުމަތިވެގެން އޮންނަން ޖެހުނު 

  • އެ ދުވަސްތަކުގައި ހާލު ގޯސްވެގެން ތިން ފަހަރު އައިސީޔޫގައި އެޑްމިޓްކުރި

އޭގެ ކުރިން ސާއިދުގެ އަމިއްލަ މަސައްކަތުން ވެސް ޑޯނަރުން ހޯދި އެވެ. އެގޮތަށް ހޯދި 14 ޑޯނަރުންގެ ތެރެއިން ބައެއް މީހުން އެ ކަމަށް ބޮޑެތި އަގުތައް ހުށަހެޅިއިރު، ބައެއް މީހުން ކްރޮސްމެޗު ހަދަން ގުޅުމުން ފޯނަށް ޖަވާބު ނުދީ ފިލި ކަމަށް އޭނާ ބުނެ އެވެ. އަދި ބައެއް މީހުން ފަހު ވަގުތު އެކަން ކުރަން އުޒުރުވެރިވި ކަމަށް ވެސް ސާއިދު ބުންޏެވެ.

ސާއިދު މިއަދު ފަރުވާއަށް ފުރީ ޑޯނަރެއް ހޯދަން ކުރި މަސައްކަތުގެ ތެރެއިން ލިބުނު 15 ވަނަ ޑޯނަރު ގޮވައިގެންނެވެ.

ކޮމެންޓް (3)

ފާތު

7 މާރިޗު 2023
މާތްﷲގެހެޔޮ ރަޙްމަތްފުޅުން ސާއިދުގެ އޮޕަރޭޝަން ކާމިޔާބު ވެ ޑޯނަރ އާއި ސާއިދުއަށްފުރިހަމަ ސިއްހަތެއް ދެއްވާނދޭވެ. އާމީން.
2 0

عبدالله

7 މާރިޗު 2023
މާތް ﷲ ސާއިދުއަށް ހެޔޮ ރަހުމަތް ލައްވާށި. އާމީން
1 0

އޯގާތެރިޔާ

6 މާރިޗު 2023
ސާއިދުއަށް އެހީވި ޑޯނަރއަށް މާތް ﷲ ހެޔޮރަޙްމަތް ލައްވާ ދިގު އުމުރެއް ދެއްވާށި، އާމީން
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް