އެމްޓީޔޫސީގެ އަހަރީ ދުވަހު ބޭއްވި މަސައްކަތްތެރިންގެ ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވާހަކަފުޅު ދައްކަވަނީ. ފޮޓޯ/ރައީސް އޮފީސް

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު އަންނަ ހަފްތާގައި މަޖިލީހަށް ފޮނުވާނަން: ރައީސް

ވަޒީފާ ދޭ މީހުންނާއި ވަޒީފާ އަދާކުރާ މީހުންނާ ދެމެދު އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ހައްލުކުރުމަށް ހަރުދަނާ ނިޒާމެއް އެ ބިލުން ކަށަވަރުވެގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި

ޔޫނިއަންތައް އުފައްދައި ހިންގުމުގެ ހައްގު ގާނޫނީ ގޮތުން މަސައްކަތަތެރިންނަށް ކަށަވަރުކޮށްދޭ 'އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު' އަންނަ ހަފްތާގައި މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)ގެ އަހަރީ ދުވަހާ ގުޅިގެން ބާއްވާ މަސައްކަތްތެރިންގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވާލެއްވި އެވެ.

ތަފްސީލް - ރައީސް ވިދާޅުވީ ރާއްޖޭގައި ޔޫނިއަންތައް ރަޖިސްޓްރީކޮށް ހިންގޭނެ މަގެއް ކޮށައިދިނުމަކީ މަސައްކަތްތެރިންގެ ހައްގުގައި ކޮށްދޭން ޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ. ރައީސް ވިދާޅުވިގޮތުގައި އެކަމަށް ބޭނުންވާ 'އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު' އެކުލަވައިލުމުގެ މަސައްކަތް މިހާރު އޮތީ ނިމިފަ އެވެ.

ބުނީ ކީކޭ؟ - "އިރާދަކުރެއްވިއްޔާ މި ފެށޭ ހަފްތާގައި އަޅުގަނޑު އެ ބިލު މަޖިލީހަށް ފޮނުވައިދޭނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޓީޔޫސީގެ އަހަރީ ދުވަހު ބާއްވާ މަސައްކަތްތެރިންގެ ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިއްމު - ރައީސް ވިދާޅުވި ގޮތުގައި ބިލު މިހާރު އެކުލަވާލާފައިވަނީ އެމްޓީޔޫސީއިން އެ ބިލާ މެދު ފާޅުކުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އަލުން މުރާޖައާ ކުރުމަށް ފަހު އެވެ.

ރައީސް ވިދާޅުވިގޮތުގައި އެ ބިލު ގާނޫނަކަށް ވުމުން:

  • ޔޫނިއަންތައް އުފައްދައި ހިންގުމުގެ ހައްގު، މަސައްކަތްތެރިންނަށް ގާނޫނީގޮތުން ކަށަވަރުވެގެން ދާނެ

  • ވަޒީފާ ދޭ މީހުންނާއި ވަޒީފާ އަދާކުރާ މީހުންނާ ދެމެދު އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ހައްލުކުރުމަށް ހަރުދަނާ ނިޒާމެއް ކަނޑައެޅޭނެ

  • ދެފަރާތުގެ ދެމެދުގައި އުފެދޭ ދެބަސްވުންތައް ވާހަކަ ދައްކައިގެން ހައްލުކޮށް، ވަޒީފާ ދޭ މީހުންނާއި ވަޒީފާ އަދާކުރާ މީހުންގެ ދެމެދުގައި ބަދަހި ގުޅުމެއް އުފައްދަން މަގުފަހިވެގެންދާނެ

"އަޅުގަނޑުގެ އުންމީދަކީ ރާއްޖޭގެ ތަފާތު ސިނާއަތްތަކުގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ވެސް ރާއްޖެއަކީ ހައްގުތައް ކަށަވަރުވެފައިވާ އަމާން މާހައުލެއް ކަމުގައި ވެގެންދިއުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމްޓީޔޫސީގެ އަހަރީ ދުވަހު ބޭއްވި މަސައްކަތްތެރިންގެ ކޮންގްރެސްގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، އާމްދަނީ އިތުރުކުރަން މި ސަރުކާރުން ކުރި ބައެއް ކަންކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ މިނިމަމް ވޭޖް އެވެ.

ރައީސް ވިދާޅުވީ މިނިމަމް ވޭޖުގެ ފައިދާ ހުރިހާ ދާއިރާތަކުގެ މަސައްކަތްތެރިންނަށް ކުރަމުން އަންނަ ކަމަށެވެ.

"ހާއްސަކޮށް މިނިމަމް ވޭޖަށް ގެނައި ބަދަލުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 13،000 އަށް ވުރެ ގިނަ މުވައްޒަފުންނަށް އޭގެ ފައިދާ ނޫނީ ރަނގަޅު ގޮތްތަކެއް މިހާރު ލިބޭ ކަމަށް އަޅުގަނޑު އުންމީދު ކުރަން،" ރައީސް ވިދާޅުވި އެވެ.

"އަދި ސަރުކާރުގެ ވަޒީފާ އަދާކުރާ 15،000 އަށް ވުރެ ގިނަ މުވައްޒަފުންގެ އާމްދަނީއަށް ހެޔޮ ބަދަލެއް މިހާރުވަނީ ގެނެވިފައި."

އެމްޓީޔޫސީގެ އަހަރީ ދުވަހު ބޭއްވި މަސައްކަތްތެރިންގެ ކޮންގްރެސްގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

އޭގެ އިތުރުން ސާވިސް ޗާޖުގެ ފައިދާ ހަމަހަމައަށް ލިބިދިނުމަށް ގާނޫނަށް ގެނައި ބަދަލު ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި ކުރިއަށް ރާވާފައިވާ ކަމެއްގެ ގޮތުގައި އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ބެނިފިޓް ތައާރަފްކުރަން ކުރަމުން އަންނަ މަސައްކަތާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ.

"އެކަމަށްޓަކައި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭ ގޮތުން ބޭރުގެ ފަންނީ އެހީއާ އެކު ކަމާބެހޭ ގާނޫނުގެ ދެލިކޮޕީ އެކުލަވައިލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މާ ލަސްތަކެއް ނުވެ އެ ބިލު ވެސް މަޖިލީހަށް ފޮނުވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް