ރައިސްކަމުގައި ހުންނެވި ބޭފުޅަކާ މެދު ސުވާލު އުފައްދައި އިދިކޮޅުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަނީ. (ފޮޓޯ/ޕީޕީއެމް)

2 ރައީސުން ތިއްބަވާ ކަމަށް ބުނެ އިދިކޮޅުން ސުޕްރީމް ކޯޓަށް މައްސަލަ ވައްދައިފި

މިދިޔަ އަހަރު ވެސް އެ މައްސަލަ ކޯޓަށް ހުށަހެޅި؛ އެ ފަހަރު ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައި
27 ފެބްރުއަރީ 2023

ނައިބު ރައީސް ފައިސަލް ނަސީމް ރައީސްކަމުގެ ހުވާކުރައްވާފައި ވާތީ ރައީސްކަމުގައި ހުންނެވި ބޭފުޅަކާ މެދު ސުވާލު އުފައްދައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.

މައްސަލައިގެ ފެށުން - ނައިބު ރައީސް ފައިސަލް ރައީސް ކަމުގެ ހުވާކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ 25ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިންގަޕޫރުގައި ހޭނައްތައިގެން އޮޕަރޭޝަނެއް ކުރެއްވި ވަގުތުކޮޅަށެވެ. އެއީ، ގާނޫނު އަސާސީބުނާ ގޮތުން ރައީސްގެ މަސްއޫލިއްޔަތު އަދާނުކުރެވޭނެ ހާލަތަކަށް ވާތީ، ނައިބު ރައީސް އެ ޒިންމާތައް އުފުއްލަވަން ޖެހިވަޑައިގަންނަވަ އެވެ.

  • ގާނޫނުއަސާސީގެ 123 ވަނަ މާއްދާގައި ބުނަނީ ރައީސްގެ މަސްއޫލިއްޔަތު އަދާކުރަން ވަގުތީ ގޮތުން އުޒުރުވެރިވެއްޖެ ނަމަ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެންގުމަށް ފަހު މަސްއޫލިއްޔަތުތައް ނައިބު ރައީސްއާ ހަވާލުކުރަންވާނެ ކަމަށް؛ އެކަމަކު ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނައިބު ރައީސް ވަކި ހުވައެއް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކަށް ބަޔާންކޮށްފައެއް ނުވޭ

  • ރައީސްގެ މަސްއޫލިއްޔަތު އަދާކުރަން ވަގުތީ ގޮތުން އުޒުރުވެރި ވެއްޖެކަން ރައީސަށް ނޭނގޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެކަން އަންގަން ޖެހޭނީ ކެބިނެޓްގެ އަގުލަބިއްޔަތުން، ނައިބު ރައީސް އަދި އޭގެ ފަހުން ރައީސްގެ މަސްއޫލިއްޔަތުތަކާ ނައިބު ރައީސް ހަވާލުވެވަޑައިގަންނަވަން ޖެހޭ؛ އެކަމަކު އެ ހާލަތުގައި ވެސް ރައީސްގެ ހުވާ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކަށް ބުނެފައެއް ނުވޭ

  • އިދިކޮޅުން ސުވާލު އުފައްދަނީ، ރައީސްކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވުމަށް ނައިބު ރައީސްކަމުގައި ހުންނަވާ ބޭފުޅަކު ރައީސްކަމުގެ ހުވާކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާއިރު، އެ ހުވާކުރެއްވުމުން، އިދިކޮޅުން ގަބޫލުކުރާ ގޮތުގައި އެ ދުވަހުގެ ފަހުން ރައީސްކަމުގައި ހުންނެވީ ފައިސަލް

  • މި އަހަރުގެ ރިޔާސީ ބަޔާންދެއްވީ ރައީސް ނޫން ކަމަށް ބުނެ އިދިކޮޅުން ވަނީ ރިޔާސީ ބަޔާނަށް ޖަވާބުދިނުމަށް ވެސް އުޒުރުވެރިވެފައި

މައްސަލަ ހުށަހެޅުއްވުމަށް ފަހު ވަކީލު ރާގިބް ނޫސްވެރިންނާ ވަހަކަދައްކަވަނީ. (ފޮޓޯ/ޕީޕީއެމް)

ބުނީ ކީކޭ؟ - އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ފަހު މިއަދު ހެނދުނު ނޫސްވެރިންނާ ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަންގެ ވަކީލު މުހައްމަދު ރާގިބް ވިދާޅުވީ، ނައިބު ރައީސް ފައިސަލް ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު، ރައީސް ސޯލިހަށް ރައީސް ކަމުގެ މަގާމުގައި "ގަދަ ބާރުލާފައި" ނުހުންނެވޭނެ ކަމަށެވެ.

"އެހެން ކަމަށް ވާނަމަ، އިބްރާހީމް މުހައްމަދު ސޯލިހު އަތްގަދަކޮށްލައިގެން އޭނާ އަކީ މިއަދު ރައީސަކަށް ނުވާ ހާލު، ގައުމުގެ ހުރިހާ ކަމަކަށް ނުފޫޒާ ބާރު ފޯރުވަމުން ދާތީ އެ ކަމަށް އަޅުގަނޑުމެން ކަންބޮޑުވޭ،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަނެއްކާ ކިހިނެއްބާވައޭ ވާނީ މި ވަރުގެ މީހަކު ހުރެގެން އޭނާގެ މެނޭޖްމެންޓުގެ ދަށުން ކުރިއަށް ދާނީ ކިހިނެއްތޯ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ސުވާލު އުފެދޭ."

ރާގިބް ވިދާޅުވީ ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު ފައިސަލް އަކީ ރާއްޖޭގެ ރައީސް ކަމަށާއި އެ މަގާމުގެ ނުފޫޒު ރައީސް ސޯލިހު ފޯރުވުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށެވެ. އަދި އޭގެ ފަހުން ނައިބު ރައީސަކު އައްޔަނުކުރައްވާފައި ނުވާތީ ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ނައިބު ރައީސް ފައިސަލް (ވ)އަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން (ކ) ރައީސްކަމުގެ ހުވާ ލައިދެއްވާއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަޑުއައްސަވަނީ. (ފޮޓޯ/ މަޖިލިސް)

އެނގުން މުހިންމު - މިއަދު އިދިކޮޅުން ސުޕްރީމް ކޯޓަށް ވެއްދި މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމާއިރު، އިިދިކޮޅުން މިދިޔަ އަހަރު ވެސް އެ މައްސަލަ ކޯޓަށް ހުށަހެޅި އެވެ. އެކަމަކު އެ ފަހަރު ކޯޓުން އެ މައްސަލަ ބަލައިގެންފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް