މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ: އޭނާ ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ އަވަހާރަވެފައި. (ފައިލް ފޮޓޯ/މަޖިލިސް)

ރިޒާގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް ގެނެސްފި

މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ރިޒާ އަވަހަރާވި ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ މިއަދު
27 ފެބްރުއަރީ 2023

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިދިޔަ ހަފްތާގައި އަވާހަރުވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން އޭނާގެ ހަނދާނުގައި ސުކޫތެއް ގެނެސްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ރިޒާ އަވަހަރާވި ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ މިއަދު އެވެ. ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޒާގެ ހަނދާނުގައި މިނިޓެއްގެ ސުކޫތެއް ގެންނަވާފަ އެވެ.

ތަފްސީލް - ނަޝީދު ވަނީ ރިޒާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި ދުއާ ދަންނަވާފަ އެވެ. އަދި ރިޒާގެ އާއިލާއަށް ވެސް އެ މަނިކުފާނު ތައުޒިޔާ ވިދާޅުވި އެވެ.

މިދިޔަ އަހަރުން ފެށިގެން ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދެވި ރިޒާ އަވަހާރަވީ ފަރުވާ ހޯއްދަވަން މެލޭޝިޔާގައި ހުންނަވަނިކޮށް މިދިޔަ ބުދަ ދުވަހުގެ ރެ އެވެ. އޭނާގެ ޖަނާޒާ އޮތީ މިދިޔަ ހުކުރު ދުވަހު މެލޭޝިއާގަ އެވެ.

ގުޅުން ހުރި ކަމެއް - ރިޒާ އަވަހާރަވުމުން، ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން 15 އޭޕްރީލްގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިއްޔެ ނިންމާފަ އެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެން ވަހީދު ވެސް 2021 ވަނަ އަހަރު އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ ދެ އަހަރު ވާންދެން އެ ބައްޔަށް ފަރުވާ ހޯއްދެވި އެވެ. އެ ފަހަރު ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރެއްވީ އެމްޑީޕީގެ މުހައްމަދު ރާޝިދެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް