މާފަންނު މުރަނގަމަގުގައި ހުންނަ 'ކްރާސާ' ފިހާރަ ތެރޭ 30 އަހަރުގެ މީހަކަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/އިބްރާހީމް އިފާޒު)
ހުކުރު ދުވަހުގެ ރޭގެ މާރާމާރީއާ ގުޅިގެން އެކަކު ހައްޔަރުކޮށްފި
މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ފިހާރައެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައާ ގުޅިގެން ރޭ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް މިއަދު 15 ދުވަސް ޖަހައިފި އެވެ.
ވީ ކިހިނެއް؟ - ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ މާފަންނު ފިހާރައެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އެކަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ބުނީ ކީކޭ؟ - ހަމީދު ވިދާޅުވީ އޭނާ ހައްޔަރު ކުރީ ފުލުހުންގެ ތަހުގީގަށް ހޯދުނު ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރު ކަމަށެވެ.
ތަފްސީލް - ފުލުހުން ފަހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި:
-
ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއް
-
އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ދީފައި
"މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުން،" ފުލުހުންގެ މެސެޖުގައިވެ އެވެ.
ހުކުރު ދުވަހުގެ ރޭ ވަޅިން ހަމަލާދީ ޒަހަމްކޮށްލި 30 އަހަރުގެ ދިވެހި ފިރިހެން މީހާ އޮތީ އައިޖީއެމްއެޗުގެ އައިސީޔޫގައި، ވެންޓިލޭޓަރުގަ އެވެ.
މާފަންނު މުރަނގަމަގުގައި ހުންނަ، ކޮސްމެޓިކްސް ވިއްކާ 'ކްރާސާ' ފިހާރައިގެ ތެރޭގައި އެ ރޭ 10 ޖަހާކަށް ހާއިރު އޭނާއަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ހެލްމެޓް އަޅައިގެން ތިބެ އެ ފިހާރަ ތެރެއަށް ވަން ދެ މީހަކު ކަމަށް މަންޒަރު ދުށް މީހުން 'ދައުރު'އަށް ބުނެފައިވެ އެވެ.
އެނގުން މުހިންމު - މާލޭގައި މި ފަހުން ހިންގި މާރާމާރީތަކާއި ހުޅުމާލޭގައި ހުންނަ 'ޖޫސް ޓައިމް' ކެފޭއަށް ބުރާސްފަތި ދުވަހުގެ ރޭ ގެއްލުން ދިން މައްސަލަ ގުޅެނީ މާލޭގައި ހަރަކާތްތެރިވާ ހަތަރު ގޭންގެއްގެ މެދުގައި ހިންގާ ހަމަނުޖެހުންތަކާ ކަމަށާއި އެ މައްސަލަތަކާ ގުޅިގެން މިދިޔަ ދެ މަސްދުވަހުގެ ތެރޭގައި 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު ހަމީދު ވަނީ އިއްޔެ ވިދާޅުވެފަ އެވެ.
ކޮމެންޓް (1)
ޔާރޭސް