ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ގޭންގު ކުށްތައް

މާރާމާރީތަކާއި ކެފޭ ސުންނާފަތިކޮށްލުން ގޭންގުތަކާ ގުޅިފައި؛ 16 މީހަކު ހައްޔަރުކޮށްފި

މި މައްސަލަތަކާ ގުޅިގެން މިދިޔަ ދެ މަސްދުވަހުގެ ތެރޭގައި 16 މީހަކު ހައްޔަރުކޮށް، ތަހުގީގު ފަށާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި
25 ފެބްރުއަރީ 2023
2

މާލޭގައި މި ފަހުން ހިންގި މާރާމާރީތަކާއި ހުޅުމާލޭގައި ހުންނަ 'ޖޫސް ޓައިމް' ކެފޭއަށް ބުރާސްފަތި ދުވަހުގެ ރޭ ގެއްލުން ދިން މައްސަލަ ގުޅެނީ މާލޭގައި ހަރަކާތްތެރިވާ ހަތަރު ގޭންގެއްގެ މެދުގައި ހިންގާ ހަމަނުޖެހުންތަކާ ކަމަށާއި އެ މައްސަލަތަކާ ގުޅިގެން މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި މައްސަލަތަކާ ގުޅޭ ފަހުގެ މައުލޫމާތު ފުލުހުންގެ ފަރާތުން ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މިކަމާ ގުޅޭ ގޮތުން ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވަނީ 'އަދަދު' ނޫހަށް އިންޓަވިއުއެއް ދެއްވާފަ އެވެ. 'ދައުރު'ން ގުޅުމުން ހަމީދު ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ތަފްސީލް - ހަމީދު 'އަދަދު' ނޫހަށް ވިދާޅުވީ:

  • މި ފަހުން މާލެ ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގަމުން ދާ ނުރައްކާތެރި މާރާމާރީތަކަކީ 'ކުޑަހެންވޭރު' އާއި 'އެންސީ' ކިޔާ ދެ ގޭންގަކުން ހިންގާ މާރާމާރީތަކެއް

  • މި ސިލްސިލާ މާރާމާރީތައް ހިންގަމުން ދަނީ މި ދެ ގޭންގަށް ނިސްބަތްވާ ދެ މީހެއްގެ ދެމެދުގައި މި އަހަރުގެ ކުރީކޮޅު ޖެހުނު މައްސަލައަކާ ގުޅިގެން

  • ހުޅުމާލޭގެ ކެފޭއަށް ގެއްލުން ދިނުމަކީ 'މަސްއޮޑި' އާއި 'ވައިކަންމަތި' ނަމަކަށް ކިޔާ ދެ ގޭންގުގެ ދެމެދު ޖެހިގެން އުޅޭ މައްސަލައަކާ ގުޅިފައިވާ ކަމެއް

ބުނީ ކީކޭ؟ - މި މައްސަލަތަކާ ގުޅިގެން މިދިޔަ ދެ މަސްދުވަހުގެ ތެރޭގައި 16 މީހަކު ހައްޔަރުކޮށް، ތަހުގީގު ފަށާފައިވާ ކަމަށް ހަމީދު އެ އިންޓަވިއުގައި ވިދާޅުވި އެވެ.

ހަމީދު ފާހަގަކުރެއްވި ގޮތުގައި، މި މާރާމާރީތަކުގައި ހަރަކާތްތެރިވާ މީހުން ކުށްކުރަނީ ހެލްމެޓު އަޅައިގެން ތިބުމުގެ އިތުރުން ސައިކަލުތަކުގެ ނަންބަރު ޕްލޭޓްތައް ވެސް ބަދަލުކޮށްގެންނެވެ. އެ ގޭންގުތަކަށް ނިސްބަތްވާ މީހުން ފިލަން އެކި 'ސޭފް ހައުސް' ބޭނުންކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގެ ފިހާރައެއްގެ ތެރޭގައި ރޭ މީހަކަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ހަމީދު ވިދާޅުވި ގޮތުގައި، އެފަދަ ހަތަރު 'ސޭފް ހައުސް'އެއް ބަލައި ފާސްކޮށް، އެ ތަންތަނުން އެކި ބާވަތުގެ ހަތިޔާރު ފުލުހުންގެ ތަހުގީގަށް ހޯދާފައިވެ އެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން އިތުރު ފިޔަވަޅުތައް އަޅާނެކަން ފާހަގަކުރައްވައި މިފަދަ ނުރައްކާތެރި މީހުންނާ މެދު ރައްޔިތުން ވެސް ސަމާލުވާން އޭނާ އިލްތިމާސްކުރެއްވި އެވެ. އެގޮތުން: 

  • މަގުމަތީގެ އަދަބު އަހުލާގާއި އާންމު އިޖުތިމާއީ މިންގަނޑުން ބޭރުވާ އަމަލުތަކާއި މާރާމާރީއަށް ޝައްކުކުރެވޭ ފަދަ އަމަލުތައް ފުލުހުންނަށް ރިޕޯޓުކުރަން އިލްތިމާސްކުރެއްވި

  • ހެލްމެޓު އަޅައި މޫނު ނިވާކޮށްގެން ހަރަކާތްތެރިވާ ބަޔަކު ފާހަގަކުރެވޭ ނަމަ، އެކަން ވެސް ފުލުހުންނަށް ރިޕޯޓުކުރުމަށް އިލްތިމާސްކުރެއްވި

  • ރާއްޖޭގައި އެކި ނަންނަން ކިޔައިގެން ހަރަކާތްތެރިވާ ގޭންގުތަކަށް ނިސްބަތްވާ މީހުންގެ އާއިލާގެ މެންބަރުން އެ މީހުންނަށް ނަސޭހަތްތެރި ވާން ގޮވާލެއްވި 

  • މިފަދަ މާރާމާރީތަކުގެ ސަބަބުން އަނެކާއަށް ލިބޭ ގެއްލުންތަކާ ގުޅޭ ގޮތުން ވެސް އެ މީހުންނާ ވާހަކަދައްކަން އާއިލާތަކަށް އިރުޝާދު ދެއްވި

ޖޫސް ޓައިމް ކެފޭއަށް ވަދެ ބަޔަކު އެ ތަނަށް ގެއްލުން ދެނީ.

އެނގުން މުހިއްމު - މާލޭގައި ހިންގަމުންދާ ސިލްސިލާ މާރާމާރީތަކުގައި އެންމެ ފަހުން ރޭ ވަޅިން ހަމަލާދީ ޒަހަމްކޮށްލި 30 އަހަރުގެ ދިވެހި ފިރިހެން މީހާ އޮތީ ވެންޓިލޭޓަރުގަ އެވެ. މާފަންނު މުރަނގަމަގުގައި ހުންނަ، ކޮސްމެޓިކްސް ވިއްކާ 'ކްރާސާ' ފިހާރައިގެ ތެރޭގައި ރޭ 10 ޖަހާކަށް ހާއިރު އޭނާއަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ހެލްމެޓް އަޅައިގެން ތިބެ އެ ފިހާރަ ތެރެއަށް ވަން ދެ މީހަކު ކަމަށް މަންޒަރު ދުށް މީހުން 'ދައުރު'އަށް ބުންޏެވެ.

މިދިޔަ މަހު ލޮނުޒިޔާރަތް މަގުގައި ހުންނަ ޗާކޯލް ކެފޭ ކައިރިން ދަންވަރު މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވާ އިރު، މި މަހުގެ މެދުތެރޭގައި ވިލިމާލެ ފެރީ ޓާމިިނަލް ކައިރިން ތޫނު އެއްޗަކުން ހަމަލާދީގެން ވެސް މީހަކު ޒަހަމްކޮށްލި އެވެ.

ކޮމެންޓް (2)

ޕްލީސް

25 ފެބްރުއަރީ 2023
ނަސޭހަތް ދޭށޭ؟ ލޮލް.
2 0

ހަމީދާ

25 ފެބްރުއަރީ 2023
ކާކު ރިޕޯޓު ކުރަން ބޭނުން ވާނީ؟ ޕޮލިހުންގެ ބަޔަކާ މި މީހުންނާ ތިބެނީ ގުޅިފަ. ރިޕޯޓު ކުރާ މީހާގެ މައުލޫމާތު ގޭންގަށް އޮންނަނީ އެނގިފަ. ދެން އަންނަނީ އޭގެ އިނާމު
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް