ޖޭޕީގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ޖުމްހޫރީ ޕާޓީ

ސަރުކާރުން ކުރާ ރަނގަޅު ކަމަކަށް ޖޭޕީއަށް ކްރެޑިޓެއް ނުދޭ: ގާސިމް

ގާސިމް ވިދާޅުވީ އެއީ ޖޭޕީއަށް އާ ތަޖުރިބާއެއް ނޫން ކަމަށާއި އެ ޕާޓީ ކުރިއަށް ދާނީ އެ ތަޖުރިބާތަކުން އިބުރަތް ހާސިލުކުރަމުން ކަމަށް
24 ފެބްރުއަރީ 2023

ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދާ އެއްވެސް ސަރުކާރަކުން ކުރާ ރަނގަޅު ކަމަކަށް އެ ޕާޓީއަށް ކްރެޑިޓް ނުދޭ ކަމަށް ވިދާޅުވެ އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މިއަދު ވާހަކަދައްކަވައިފި އެވެ.

ވީ ކިހިނެއް؟ - ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރުމާ މެދު ގޮތެއް ނިންމުމަށް ބާއްވާ އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ގާސިމް ވަނީ އެ ޕާޓީގެ ތަޖުރިބާތަކަށް އަލިއަޅުވާލައްވާފަ އެވެ. އޭނާގެ ވާހަކައިގެ ބޮޑު ބައެއް ބިނާކުރެއްވީ މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި އެހެން ޕާޓީތަކާ އެކު އިއްތިހާދު ހަދައިގެން ޖުމްހޫރީ ޕާޓީއަށް ކުރެވުނު ތަޖުރިބާތަކުގެ މައްޗަށެވެ.

ބުނީ ކީކޭ؟ - ޖުމްހޫރީ ޕާޓީން 2008، 2013 އަަދި 2018 ގައި ކޯލިޝަން ހަދައި އެހެން ޕާޓީތައް ވެރިކަމަށް ގެނައުމުގައި ބޮޑު ހިއްސާއެއް އަދާކުރިކަން ފާހަގަަކުރައްވަމުން ގާސިމް ވިދާޅުވީ، ކޮންމެ ފަހަރަކު ވެސް ކޯލިޝަން ހަދާއިރު އެއްބަސްވަނީ ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގަ އާއި ތަންފީޒުކުރުމުގެ ހުރިހާ މަރުހަލާއެއްގައި އެ ޕާޓީ ބައިވެރިކުރުމަށް ކަމަށެވެ. ނަމަވެސް ކަން ހިނގަނީ އެ ޕާޓީން އެދޭ ގޮތާ ހިލާފަށް ކަމަށް ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ބައިވެރިވުމެއް ނެތި ކަންކަން ހިނގިޔަސް އެ ޕާޓީ މަޑުން އޮންނަނީ، ގާސިމް ވިދާޅުވި ގޮތުގައި، ކިތަންމެ ކުޑަ ކަމެއް ވެސް ފުރިހަމަވަމުން ދިއުމަކީ ރާއްޖޭގެ ގިނަ ބަޔަކަށް އޭގެ މަންފާކުރާނެ ކަމަށް ވާތީ، "ގައުމީ ވިސްނުމުގަ" އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 3 ފެބުރުއަރީ 2021ގައި ށ. ކޮމަންޑޫއަށް ކުރެއްވި ދަތުރުގައި ގާސިމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ: އެމްޑީޕީން 2008 އަދި 2018 ގައި އިންތިހާބު ކާމިޔާބުކުރީ ޖޭޕީއާ އެކު ކޯލިޝަން ހަދައިގެން (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

ގާސިމް ވިދާޅުވީ ސަރުކާރު އެކުލަވާލާ ފަހުން ހާސިލުކުރާ ރަނގަޅު ކަންކަމަށް ޖޭޕީއަށް ކްރެޑިޓް ދޭން ފަސްޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދާއިރު ކޯލިޝަން ޕާޓްނަރުގެ ހިއްސާއެއް އޮންނަ ކަމަށް، ވެރިކަން ކުރާ ޕާޓީން ގަބޫލުނުކުރާ ކަމަށް ވިދާޅުވެ ގާސިމް އެކަން ސިފަކުރެއްވީ "ކަނދި ކަމަނާގެ މަސްތެލުލުމުގެ" ގޮތުގަ އެވެ.

"އަޅުގަނޑުމެން މި ފޮނުވާ ވަޒީރުން ކެބިނެޓުގައި ވެސް އެބަ ތިއްބަވާ. ކުންފުނިތަކުގައި ވެސް ނުހަނު ބުރަކޮށް މަސައްކަތްކުރައްވާ ބޭފުޅުން ތިއްބަވާ. ނަމަވެސް ނެރެވޭ ހެޔޮ ނަތީޖާގައި އަޅުގަނޑުމެންގެ ބައިވެރިވުން އޮންނަ ކަމަކަށް ނުވޭ. ދޭ އެހީތެރިކަމެއް ވެސް އޮންނަ ކަމަކަށް ނުވޭ. މިއީ ކިހިނެއް ވާނެ ކަމެއްތޯ؟" ގާސިމް ވިދާޅުވި އެވެ.

"މި ކަންކަން ދާނީ ގިނަ ފަހަރަށް، ހަމަ ދިވެހި ބަހުގައި ބުނެ އުޅޭ މިސާލެއް އަޅުގަނޑު ދަންނަވާލާނަން، ކަނދި ކަމަނާގެ މަސްތެލުލުމަށޭ...އާދެ، މަސްކޮޅު މީރިއްޔާ އެއީ ކަނދި ކަމަނާގެ މޮޅުކަން، ރަހަ ގޯސްވެއްޖެއްޔާ އެއީ ކޮންމެވެސް އެހެން މީހެއްގެ މައްސަލައެއް."

އޭނާ ވިދާޅުވީ އެއީ ޖޭޕީއަށް އާ ތަޖުރިބާއެއް ނޫން ކަމަށާއި އެ ޕާޓީ ކުރިއަށް ދާނީ އެ ތަޖުރިބާތަކުން އިބުރަތް ހާސިލުކުރަމުން ކަމަށެވެ.

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގާސިމް ސަލާމްކުރައްވަނީ: ޕީޕީއެމް އިން 2013 ގައި ވެރިކަން ހޯދީ ޖޭޕީއާ އެކު ކޯލިޝަން ހަދައިގެން (ފޮޓޯ/މިހާރު)

ފަސްމަންޒަރު - މިހާރުގެ ގާނޫނުއަސާސީ ތަސްދީގުކުރި ފަހުން ބޭއްވި ތިން އިންތިހާބުގެ ތެރެއިން 2008 އާއި 2013ގެ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރެއްވި އެވެ. ނަމަވެސް، ދެވަނަ ބުރަށް ދިއުމަށް ބޭނުންވާ ވަރަށް އެއްވެސް އިންތިހާބެއްގައި ވޯޓު ލިބިފައެއް ނުވެ އެވެ.

އެންމެ ފަހުން 2018ގެ ރިޔާސީ އިންތިހާބު އައި އިރު، ގާސިމްއަށް އޭރު އިއްވާފައިވާ ހުކުމާ ގުޅިގެން ވާދަކުރެއްވޭ ގޮތެއް ނުވި އެވެ.

ނަމަވެސް، ކުރިން އޮތް ތިން އިންތިހާބުގައި ކޮންމެ ވެރިޔަކަށް ވެސް ކާމިޔާބު ހޯއްދެވިފައިވަނީ، ޖޭޕީއާ އެކު ކޯލިޝަން ހަދައިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް