'ފްލޯޓިން ސިޓީ'ގެ ފުރަތަމަ ގެތައް، އެ ސިޓީ ތަރައްގީކުރާ ފަޅަށް ގެންގޮސްފައި (ފޮޓޯ/ބައިސަން މޯލްޑިވްސް)

ފްލޯޓިން ސިޓީ

'ފްލޯޓިން ސިޓީ'ގެ ފުރަތަމަ ގެތައް ފަޅުގައި ބަހައްޓައިފި

ޑަޗު ޑޮކްލޭންޑްސް އިން ތަރައްގީކުރާ މި ފްލޯޓިން ސިޓީގައި 5،000 ހައުސިން ޔުނިޓް ހުންނާނެ ކަމަށް ބުނެފައިވޭ
20 ފެބްރުއަރީ 2023

ކ. އާރަށް ކައިރީގައި އޮންނަ ފަޅެއްގައި ތަރައްގީކުރާ 'ފްލޯޓިން ސިޓީ'ގެ ފުރަތަމަ ގެތައް، އެ ފަޅުގައި ބަހައްޓައިފި އެވެ.

އެނގުން މުހިންމު - މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ތަރައްގީ ކުރާ 'ފްލޯޓިން ސިޓީ'ގެ މަސައްކަތަށް ގެ އަޅަން ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ބައިސަންއާ ހަވާލުކުރީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު އެވެ. އޭގެ ފަހުން މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އެ ކުންފުނިން ވަނީ، އެތަނުގައި އަޅާ ގެތައް ދައްކާލައިފަ އެވެ. އެކަމަކު އޭރު އެ ގެތައް ބަހައްޓާފައި ހުރީ 'ފްލޯޓިން ސިޓީ' ގާއިމުކުރާ ފަޅެއްގައެއް ނޫނެވެ.

ވީ ކިހިނެއް؟- ބައިސަން ކުންފުނިން މިއަދު އާންމުކުރީ 'ފްލޯޓިން ސިޓީ'ގެ ފުރަތަމަ ގެތައް އެ ފަޅަށް ގެންގޮސް އެތަނުގައި ބަހައްޓާފައި ހުއްޓަ އެވެ. އެކި ކުލަތަކުން ހަދާފައިވާ ދެ ގެއެއް ފަޅުތެރެއިން މިހާރު ފެނެ އެވެ. ދޮންވެލި 'މަގެއް'ގައި ހުންނަ ގެތައް ކައިރީ ދެ ރުއް ވެސް އިންދާފައި ހުއްޓެވެ.

'ފްލޯޓިން ސިޓީ'ގެ ފުރަތަމަ ގެތައް، އެ ސިޓީ ތަރައްގީ ކުރާ ފަޅަށް ގެންގޮސްފައި (ފޮޓޯ/ބައިސަން މޯލްޑިވްސް)

ބައިސަން ކުންފުނިން އާއްމުކުރި ފޮޓޯތަކަށް ބަލާއިރު، އެ ފަޅަށް ގެތައް ގެންދިޔައީ ބޮޑު ދޯންޏަކާއި ޓަގެއްގެ އެހީގަ އެވެ. އެ ކުންފުނިން ބުނިގޮތުގައި ފުރަތަމަ ގެތައް އެ ފަޅަށް ކާމިޔާބުކަމާ އެކު ވަނީ ގެންގޮސްފަ އެވެ. 

ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ޑަޗް ޑޮކްލޭންޑްސް އިން ތަރައްގީކުރާ މި ފްލޯޓިން ސިޓީއާ ގުޅޭ ގޮތުން، އެ ކުންފުނީގެ ރާއްޖޭގެ ކޮންސަލްޓެންޓް އިބްރާހިމް ރިޔާޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ މަޝްރޫއު މިހާރު ހިންގަނީ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ. އެކަމަށް ހުއްދަ ލިބި، މިދިޔަ އަހަރު އާ އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އެއާ އެކު މަސައްކަތް ހަލުއިކަމާ އެކު ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދިނެވެ.

'ފްލޯޓިން ސިޓީ'ގެ ފުރަތަމަ ގެތައް، އެ ސިޓީ ތަރައްގީ ކުރާ ފަޅަށް ގެންގޮސްފައި (ފޮޓޯ/ބައިސަން މޯލްޑިވްސް)

ފްލޯޓިން ސިޓީ ޕްރޮޖެކްޓް:

  • 5،000 ހައުސިން ޔުނިޓް

  •  35 ލަގްޒަރީ ވިލާ

  • 1،500-900 އަކަފޫޓުގައި ދެ ބުރިއަށް ހަދާ ތިން ކޮޓަރީގެ އެޕާޓްމަންޓުތައް

  • އެޕާޓްމަންޓެއްގެ އަގު- 2-4 މިލިއަން ރުފިޔާ

  • ފްލޯޓިން ސިޓީ ހަދާނީ ނެދަލެންޑްސްގައި ބޭނުންކުރާ ޓެކްނޮލޮޖީގެ އެހީގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް