ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް ސަމަދު (ވ-2) (ފޮޓޯ/ ސަމަދު)

ރާއްޖެ-އިންޑިއާ

ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އިންޑިއާގައި ހިފެހެއްޓި މައްސަލަ އެބަ ބަލަން: ސަރުކާރު

ޕީޕީއެމް އިން ތުހުމަތުކުރާ ގޮތުގައި، އަބްދުއްސަމަދު ހައްޔަރުކުރީ އޭނާއަކީ އިދިކޮޅުގެ 'އިންޑިއާ އައުޓް' ހަރަކާތުގައި އިސްކޮށް އުޅޭ މީހަކަށް ވާތީ
12 ފެބްރުއަރީ 2023

ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދު (ސަމަދުބެ) އިންޑިއާ އިން ހިފަހައްޓައި އަނބުރާ ރާއްޖެ ފޮނުވާލި މައްސަލައިގެ މައުލޫމާތު އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ސާފުކުރަމުން އަންނަ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހުކުރު ދުވަހު އިންޑިއާއަށް ދިޔަ އަބްދުއްސަމަދު އިންޑިއާގެ އިމިގްރޭޝަނުން އިއްޔެ ހިފެހެއްޓީ އާއިލާއާ އެކު ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގެ ތެރޭގައި ހުއްޓާ ކަމަށް އިދިކޮޅުން އިއްޔެ ބުނެފައިވެ އެވެ. އޭނާ ހައްޔަރުކުރީ ޕާސްޕޯޓުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ ކަމަށް ވެސް ޕީޕީއެމް އިން ވަނީ ބުނެފަ އެވެ.

އެކަމަކު އެ ޕާޓީން ތުހުމަތުކުރާ ގޮތުގައި، އަބްދުއްސަމަދު ހައްޔަރުކުރީ އޭނާއަކީ އިދިކޮޅުގެ 'އިންޑިއާ އައުޓް' ހަރަކާތުގައި އިސްކޮށް އުޅޭ މީހަކަށް ވާތީ އެވެ.

ބުނީ ކީކޭ؟ - އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ސަފާތު އަހުމަދު ޒާހިރު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ މައްސަލައާ ގުޅިގެން އިތުރަށް ސާފުކުރަން ޖެހޭ ކަންކަން އިންޑިއާގެ ކަމާ ބެހޭ ފަރާތްތައް މެދުވެރިކޮށް ބަލަމުން އަންނަ ކަމަށެވެ.

ނަމަވެސް، އެ މިނިސްޓްރީން އެއްވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް