ކުޑަގިރި ޕިކްނިކް އައިލެންޑް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ކުޑަގިރި

ކުޑަގިރި ހުޅުވާ ދުވަހު 300 މީހުންނަށް ދެވޭނެ؛ މިއަދު ހަވީރު ބުކިންއަށް ހުޅުވާލާނެ

ފުރަތަމަ ދުވަހު 300 މީހުންނަށް ކުޑަގިރިއަށް ދިއުމުގެ ފުރުސަތު ދޭން ނިންމި ނަމަވެސް، އެއަށް ފަހު ދުވާލަކު އެއް ފަހަރާ 500 މީހުންނަށް އެ ރަށަށް އެރޭނެ
9 ފެބްރުއަރީ 2023

އަންނަ ހޮނިހިރު ދުވަހު ހުޅުވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް ދާން ބުކިން ހެއްދުމުގެ ފުރުސަތު މިއަދު ހަވީރު ހުޅުވާލާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ)އިން މިއަދު ބުނެފި އެެވެ.

ވީ ކިހިނެއް؟ - ކުޑަގިރި ޕިކްނިކް އައިލެންޑާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަން މިއަދު އެޗުޑީސީއިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

ބުނީ ކީކޭ؟ - އެ ބައްދަލުވުމުގައި އެޗުޑީސީގެ މާކެޓިން އެންޑް ޕީއާރު ޑިރެކްޓަރު ނިއުޝާދު ޝަރީފް ވިދާޅުވީ ކުޑަގިރި ހުޅުވާ ދުވަހު އެ ރަށަށް ދިއުމުގެ ފުރުސަތު ލިބޭނީ ވަކި އަދަދަށް ލިމިޓުކޮށްގެން ކަމަށެވެ.

ފުރަތަމަ ދުވަހު 200 މީހުންނަށް ޖާގަ ދޭން ކުރިން ނިންމާފައި އޮތް ނަމަވެސް، ނިއުޝާދު ވިދާޅުވީ އެންމެ ފަހުގެ މަޝްވަރާތަކަށް ފަހު އެ އަދަދު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

"މިއަދު ހުޅުވަން ހަމަޖެހިފައި އޮތީ 200 މީހުންނަށް. އެހެން ނަމަވެސް، އަޅުގަނޑުމެންގެ މިއަދުގެ މަޝްވަރާއަށް ފަހު އިތުރު 100 މީހުންނަށް ޖާގަ ދިނުމަށް މިހާރު ވަނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ކުޑަގިރި ޕިކްނިކް އައިލެންޑް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ތަފްސީލު - ކުޑަގިރިއަށް ދަތުރު ދާން ބޭނުންވާ މީހުންނަށް ބުކިން ހެއްދުމުގެ ފުރުސަތު ހުޅުވާލާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ. ކުގަޑިރިއަށް ހާއްސަ އެޕްލިކޭޝަން އަދި ވެބްސައިޓް މެދުވެރިކޮށް ބުކިން ހެއްދޭނެ އެވެ.

ބުކިން ހެއްދުމާއި ކުޑަގިރިއަށް ދަތުރުދިއުމުގައި ސަމާލުވާން ޖެހޭ މުހިންމު ބައެއް ކަންތައްތައް ވެސް އެ ބައްދަލުވުމުގައި އެޗުޑީސީއިން ހިއްސާކުރި އެވެ. އެގޮތުން:

  • ބުކިން ހައްދާއިރު ރަނގަޅު އައިޑީ ކާޑު ނަންބަރު ޖެހުން

  • ކޮންމެ މީހަކަށް ވެސް ހެއްދޭނީ އެއް ބުކިން؛ ކޮންމެ ބުކިންއަކަށް އިތުރު ކުރެވޭނީ ގިނަވެގެން ހަތް މީހުން

  • ހަފްތާ ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތަކުގައި ހިލޭ ދެވޭނެ

  • ކުޑަގިރިއަށް ދިއުމުގެ ފުރުސަތު އެއް ފަހަރާ ގިނަވެގެން ދޭނީ 500 މީހުންނަށް

ނިއުޝާދު ވިދާޅުވީ ކުޑަގިރި ހުޅުވުމަށް ފަހު ދަތުރުދިއުން ނޫން އިތުރު ކަންކަމަށް ހާއްސަ ޕެކޭޖުތައް ވެސް ކުޑަގިރި ޓީމުން އެކުލަވާލަމުން އަންނަ ކަމަށެވެ.

"މިސާލަކަށް ހަވީރު ކުޑަގިރިއަށް ގޮސް ބާބަކިއު ހަދާލާފައި ރޭގަނޑު އާދެވޭނެހެން،" އޭނާ ވިދާޅުވި އެވެ.

"ކުޑަގިރި ވާނެ އޮފީސް ނިންމާލާފައި ފެރީއަށް އަރައިގެން ގޮސް ކޮފީއެއް ބޯލައިގެން ކުޑަކޮށް ހިނގާލާފައި ހިތްހަމަޖައްސާލާފައި އާދެވޭ ރަށަކަށް ވެސް. އެކަމަކު އޯވަނައިޓް އަދި ނުދޭ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް