މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިމްރާން ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ހަރުކަށި ފިކުރުގެ ޔުނިޓް ހަދަނީ ސިންގަޕޫރު ނަމޫނާއަކަށް ބަލައިގެން؛ ޖޫންގައި ނިމޭނެ: އިމްރާން

އިމްރާން ވިދާޅުވީ، މި ފެސިޓީ ހަދަނީ 35 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކަމަށް

ހަރުކަށި ފިކުރުގެ މީހުން އެހެން ގައިދީންނާ ވަކިން ބަންދުގައި ބޭތިއްބުމަށް މާފުށީ ޖަލުގައި ހަދަމުން އަންނަ ހާއްސަ ޔުނިޓް ހަދަނީ ސިންގަޕޫރޫގައި ހަދާފައިވާ އެފަދަ ފެސިލިޓީ ނަމޫނާއަކަށް ބަލައިގެން ކަމަށާއި މި މަސައްކަތް ޖޫން މަސް ތެރޭ ނިންމާލެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ ޖަލްސާގައި އިމްރާން މިގޮތަށް ވިދާޅުވީ، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.

ތަފްސީލު - މިފަހުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މާފުށީ ޖަލާ ގުޅޭ ގޮތުން ހެދި ދިރާސާ ރިޕޯޓަށް އިޝާރާތް ކުރައްވައި މެންބަރު ވަހީދު ވިދާޅުވީ، ހަނގުރާމަވެރި، "ހަރުކަށި ފިކުރުގެ އައްޑާއެއްގެ ގޮތުގައި ޖަލު ބައްޓަން ވެފައި"ވާ ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން މިނިސްޓްރީން ކުރަމުން ދަނީ ކޮން މަސައްކަތެއްތޯ އޭނާ އެއްސެވި އެވެ.

މިނިސްޓަރާ މި ސުވާލު ކުރެއްވި އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ތަފްސީލް - އެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، ހަރުކަށު ފިކުރުގެ ގައިދީންގެ ފަރާތުން މުޅި ޖަމުގެ ނިޒާމަށް ކޮންމެ ދުވަހަކު އެކި ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. ބައެއް ރޭރޭ ވެރިން ނިދިނަގާލަން ޖެހޭ ފަދަ ހާދިސާތައް ދިމާވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މިހާރު ސީދާ އެފަދަ [ހަރުކަށި ފިކުރުގެ] ފަރާތްތައް ބައިތިއްބާނެ ހައި ސެކިއުރިޓީ ވިންގެއް މާފުށީ ޖަލުގައި ތަރައްގީކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިޔަށް. އަޅުގަނޑު އުންމީދު ކުރަނީ، އިރާދަކުރެއްވިއްޔާ މި އަހަރުގެ ޖޫން، ޖުލައި ހިސާބުގައި އެ ވިންގް ނިންމާލެވޭނެ،" މެންބަރުގެ ވަހީދުގެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވި އެވެ.

"އެތަން އަޅުގަނޑުމެން ޑިޒައިންކޮށްފައި އެ ވަނީ ސިންގަޕޫރު ފަދަ، މިފަދަ ފަރާތްތައް ގެންގުޅޭނެ ތަންތަން ޑިޒައިންކޮށްފައިވާ ގޮތް ބަލައިގެން، އަޅުގަނޑުމެންގެ ގައުމުގައި ލިބެން ހުރި ތަނަވަސް ކަމާ އެއްވަރަށް."

މިއަދުގެ މަޖިލިސް ޖަލްސާގައި އިމްރާން ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އިމްރާން ވިދާޅުވި ގޮތުގައި ސިންގަޕޫރަށް ގޮސް އެތަނުގެ މިފަދަ ފެސިލީޓީ ބެލި ކަމަށެވެ. އެ ފެސިލިޓީ އެ ގައުމުން ހަދާފައި ވަނީ 55 މިލިއަން ޑޮލަރު (402 މިލިއަން ރުފިޔާ) ކަން ފާހަގަކޮށް، އިމްރާން ވިދާޅުވީ ރާއްޖޭގެ ފެސިލިޓީ ހެދުމަށް ހޯމް މިނިސްޓްރީއަށް ބެޖެޓް ލިބުނީ، 35 މިލިއަން ރުފިޔާ ކަމަށެވެ.

"ދެން ބައްލަވާ އަޅުގަނޑުމެން ގެންނަން ޖެހޭނެ ގޮތް. އެހެން ނަމަވެސް ރާއްޖޭގެ މާލީ ތަނަވަސްކަން ހުރި މިންވަރަށް ބަލާފައި އަޅުގަނޑު ގަބޫލު ކުރަނީ، އިރާދަކުރެވިއްޔާ އެފަދަ ފަރާތްތައް ގެންގުޅޭން އެކަށީގެންވާ ވަރުގެ ފެސިލިޓީއަކަށް ވާނެ ކަމަށް،" އިމްރާން ވިދާޅުވި އެވެ.

އެ ސުވާލަށް އިތުރަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ:

  • އެ ރިޕޯޓަކީ މިނިސްޓްރީއާވެސް ގުޅިގެން ހެދި ރިޕޯޓެއް ކަމަށާއި އޭގެ ބޭނުމަކީ ޖަލުގައި ހުރި މައްސަލަތައް ދެނެގަނެ، ބޭރުގެ ޖަމިއްޔާތަކާއި ރާއްޖޭގެ އެންޖީއޯތައް އަދި ސަރުކާރުގެ އިދާރާތައް ގުޅިގެން އެ މައްސަލަ ހައްލު ކުރުން ކަމަށް

  • ފަހަރެއްގައިވެސް މިނިސްޓްރީއަށް ނޭނގި ތިއްބާ ނެރުނު ރިޕޯޓެއް ނޫން

  • މި ސަރުކާރު ހަވާލުވިއިރު، ގައިދީން ކެޓަގަރީކޮށް، ތަފާތު ކުށް ކުރާ މީހުން ވަކި ނުކުރޭ

"ނަމަވެސް މިހާރު އަޅުގަނޑުމެން ވަކިން ހާއްސަކޮށް، ހަރުކަށި ފިކުރުގެ ފަރާތްތައް އެސެސް ކުރާނެ ޓޫލްތަކެއް ޑިވެލޮޮޕްކޮށް، އެ ފަރާތްތައް އެސެސްކޮށް، އެހެން ގައިދީންނާ ވަކިން ބޭތިއްބެން އޮތް އެންމެ ބޮޑު މިންވަރަކަށް މި ދަނީ އެކަން ކުރުމުން،" އިމްރާން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް