މާމިގިލީ ބޮޑުމަގުން ދެ މީހަކު ހިނގާފައި ދަނީ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ބޯހިޔާވަހިކަން

ފިރިމީހާގެ ގޯއްޗެއް އޮވެގެން ގޯތި ނުލިބުނު މީހަކަށް ސުޕްރީމް ކޯޓުން ކާމިޔާބީ

ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ގޯތި ލިބުމުގެ ޝަރުތެއްގެ ގޮތުގައި ފިރިމީހާގެ ނަމުގައި ގޯއްޗެއް ނެތުން ބަޔާންކޮށްފައި ނުވާތީ، ގޯއްޗަށް އެދި ހުށަހެޅި ފޯމު ބާތިލުކުރީ ގޯސްކޮށް ކަމަށް
15 ޖެނުއަރީ 2023

ފިރިމީހާގެ ނަމުގައި އެހެން ރަށެއްގައި ގޯއްޗެއް އޮތުމުން، އަނބިމީހާ ގޯއްޗަކަށް އެދި ހުށަހެޅި ފޯމެއް އދ. މާމިގިލި ކައުންސިލުން ބާތިލުކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ވީ ކިހިނެއް - މާމިގިލިން 2000 އަކަފޫޓުގެ 150 ގޯތި ދޫކުރުމަށް 2016ގައިި ކައުންސިލުން ކުރި އިއުލާނަކާ ގުޅިގެން އެ ރަށު އަންހެނަކު ފޯމު ހުށަހެޅި އެވެ. އެކަމަކު ޝަރުތު ހަމަވެ، ގޯތި ލިބޭނެ މީހުންގެ ނަންތައް އާންމުކުރި އިރު، އޭނާގެ ނަމެއް ނެތެވެ. އެކަން ސާފުކުރަން ހުށަހެޅުމުން ކައުންސިލުން އެންގީ، ގޯއްޗެއް ނުލިބުނީ، ދެމަފިރިންނަށް ގޯތި ނުލިބޭ އުސޫލުގެ ދަށުން، ފިރިމީހާގެ ނަންމަތީގައި ކ. ވިލިނގިލީގައި 1400 އަކަފޫޓުގެ ގޯއްޗެއް އޮންނާތީ ކަމަށެވެ.

ތަފްސީލް - ކައުންސިލުގެ މި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަަމަށް ބުނެ އެ މީހާ އެ މައްސަލަ މާމިގިލި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އެވެ. އެ އަންހެން މީހާ ބުނެފައިވާ ގޮތުގައި:

  • ފިރިމީހާއަށް ލިބުނު ގޯއްޗަކީ އޭނާ ކުރިން އިނދެގެން އުޅުނު މީހާއާ އެކީ އުޅުނު އިރު ލިބުނު ގޯއްޗެއް 

  • އެތަނުގައި ދިރިއުޅެމުން ދިޔައީ އެ ކައިވެނިން ފިރިމީހާއަށް ލިބިފައި ތިބި ދަރިން

  • ގޯއްޗަށް އެދި ހުށަހަޅާ އުސޫލުގައި ފިރިމީހާގެ ނަން މަތީގައި ގޯއްޗެއް އޮންނަ ހާލަތުގައި ޝަރުތު އުނިވާ ކަމަށް ނެތް

މާމިގިލި ކޯޓުން މައްސަލަ ނިމުނީ އެ މީހާއާ ދެކޮޅަށެވެ. އެ ހުކުމުގައި ބުނީ، މާމިގިލި ކައުންސިލުން ފޯމު ބާތިލުކުރީ އެ ކައުންސިލަށް ލިބިދޭ ބާރުތަކުގެ ތެރެއިން، އުސޫލާ އެއްގޮތަށް، 'އެންމެނާ މެދުގައި ވެސް ގާނޫނީ ހަމަހަމަ ކަމުގެ ސަބަބު' ދެމެހެއްޓުމަށް ކަމަށެވެ. އަންހެން މީހާގެ ފަރާތުން މި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ ހުކުމަށް ތާއީދުކޮށްފަ އެވެ.

18 ޖުލައި 2021ގައި ސުޕްރީމް ކޯޓު ކުރިމަތި.

ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ މި ދެ ނިންމުމަކީ ވެސް ގާނޫނާ ހިލާފު ނިންމުންތަކެއް ކަމަށެވެ. އެގޮތުން، ހައި ކޯޓުގެ ހުކުމް ބާތިލުކުރަމުން ސުޕްރީމް ކޯޓުން ވަނީ ބަންޑާރަ ގޯތި ދޫކުރުމާ ބެހޭ ގަވާއިދާއި، މާމިގިލި ކައުންސިލުން އާންމުކުރި އުސޫލުގައި ވެސް ގޯތި ލިބުމުގެ ޝަރުތެއްގެ ގޮތުގައި ފިރިމީހާގެ ނަމުގައި ގޯއްޗެއް ނެތުން ބަޔާންކޮށްފައި ނުވާ ކަމަށެވެ.

މާމިގިލި ކައުންސިލުން ކޯޓުގައި ބުނީ އުސޫލުގައި ނެތަސް، އިއުލާނުގައި އެއީ ޝަރުތެއްގެ ހިމަނާފައިވާނެ ކަމަށެވެ. ކޯޓުން ބުނީ ގޯތި ދޫކުރުމާ ބެހޭ ގަވާއިދުގެ ދަށުން، އެ ގަވާއިދުގައި ނެތް އިތުރު ޝަރުތެއް ހިމެނޭނީ ހައުސިން މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމުގައިވީއިރު، ކައުންސިލުން އެ ހުއްދަ ހޯދާފައި ނުވެ އެވެ.

މި މައްސަލައިގައި އަންހެން މީހާ އެދުނީ އޭނާ އިވެލުއޭޓު ކުރުމަށް ފަހު، 50 މާކުހަށް ވުރެ މަތިން ލިބިއްޖެ ނަމަ، އޭނާއަކީ ގޯތި ލިބޭ ފަރާތެއް ކަމުގައި ކަނޑައަޅައި ދެން ގޯތި ދޭ ބުރެއްގއި ގޯތި ދިނުމަށް އަންގާ އަމުރުކޮށް ދިނުމަށެވެ. ނަމަވެސް މިހާރު ގޯތި ދޫކޮށް ނިމިފައިވާތީ، މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ހުކުމް ކުރީ:

  • ދެން ގޯތިދޭ ބުރެއްގައި ޝަރުތު ހަމަވާނަމަ ގޯއްޗެއް ދޭން

  • ފިރިމީހާގެ ގޯއްޗެއް އޮތުމުގެ މައްޗަށް ބިނާކޮށް ފޯމު ބާތިލުނުކުރަން

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު އާއިޝާ ޝުޖޫން އާއި ހުސްނުއްސުއޫދު އާއި ޑރ. މުހައްމަދު އިބްރާހިމް އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް