ސުޕްރީމް ކޯޓު ކުރިމަތި. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

ސުޕްރީމް ކޯޓު

ކޯޓުތަކުން މުއްދަތު ގުނާ ގޮތް އެއްގޮތް ކުރަން ސުޕްރީމް ކޯޓުން ޕްރެކްޓިސް ޑިރެކްޝަނެއް ނެރެފި

ސުޕްރީމް ކޯޓުން މި ގޮތަށް އެންގީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކޯޓުތަކުން މުއްދަތު ގުނުމުގައި އެއް އުސޫލަކުން އަމަލުކުރަން ލާޒިމުކުރާތީ
6 ފެބްރުއަރީ 2023

މަދަނީ މައްސަލަތަކުގައި ކޯޓުތަކުން މުއްދަތުތައް ގުނާނެ ގޮތް އަންގައި ސުޕްރީމް ކޯޓުން ޕްރެކްޓިސް ޑިރެކްޝަނެއް އިއްޔެ ނެރެފި އެވެ.

ވީ ކިިހިނެއް؟ - ސުޕްރީމް ކޯޓުން މި އިރުޝާދު ނެރުނީ، މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކޯޓުތަކުން މުއްދަތު ގުނުމުގައި އެއް އުސޫލަކުން އަމަލުކުރަން ލާޒިމުކުރާތީ އެވެ.

ތަފްސީލް - ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑިރެކްޝަނުގައިވާ ގޮތުގައި:

  • ހަތް ދުވަހަށް ވުރެ ދިގު މުއްދަތު ގުނާނީ، އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަސް ނުހިމަނައި ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން

  • ހަތް ދުވަހަށް ވުރެ ކުރު މުއްދަތު ގުނާނީ، އެ މުއްދަތު ފެށޭ ދުވަހާއި ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި

  • މުއްދަތު ނިމޭ ދުވަސް ބަންދު ދުވަހަކާ ދިމާވާ ނަމަ، ދެން އެންމެ އަވަހަށް ކޯޓުގެ މަސައްކަތް ފެށޭ ދުވަހަކީ މުއްދަތު ނިމޭ ދުވަސް

އޭގެ އިތުރުން، ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭ ކަމަށް ކޯޓުން އަންގާ އެންގުންތަކުގައި އެ ކަމެއް ފުރިހަމަކޮށް ކޯޓަށް ހުށަހަޅަން ޖެހޭ ތާރީހާއި ގަޑި ހިމަނަން ޖެހޭނެ ކަމަށް ވެސް، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސޮއިކުރައްވައި ހުރިހާ ކޯޓުތަކަށް ފޮނުއްވި އިރުޝާދުގައިވެ އެވެ.

އެނގުން މުހިންމު - ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި، ޝަރީއަތްކުރުމުގެ ގިނަ އިޖުރާއަތްތަކާއި ޝަރީއަތުގެ މަރުހަލާތައް ހިނގަނީ ވަކި މުއްދަތުތަކެއް ކަނޑައެޅިގެން އެ މުއްދަތެއްގެ ތެރޭގަ އެވެ. އެހެންވެ، ކޯޓުުތަކުން މުއްދަތު ގުނާ ގޮތް އެއްގޮތް ކުރުން މުހިންމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް