ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފަށަން ރޭ އޮތް ޖަލްސާގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އިޔާން)
ވެރިކަން ކޮށްފައި ދާނީ ސުވަރުގެ ވަދެވޭވަރު ކޮށްފައި: އުމަރު
އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު، ސުވަރުގެ ދެވޭވަރަށް ވެރިކަން ކުރައްވަވާނެ ކަމަށް އެ އިންތިހާބަށް ނުކުންނަވާނެ ކަން އިއުލާންކުރައްވައި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- އަންނަ ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބަށް އުމަރުގެ ކެމްޕެއިން ފަށަން އޭނާ ވަނީ ރޭ، ސަލްޓަން ޕާކުގައި ސަޕޯޓަރުންނާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ.
ބުނީ ކީކޭ؟- އެ ބައްދަލުވުމުގައި ދެއްކެވި ވާހަކަ ބިނާކުރެއްވީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރައީސަކަށް ހޮވިއްޖެ ނަމަ ކުރައްވާނެ ކަންތައްތަކުގެ މައްޗަށެވެ. އުމަރުގެ ވާހަކައިގައި އެންމެ ބޮޑަށް ފާހަގަކުރެއްވީ، އޭނާގެ ވެރިކަމެއްގައި ދިވެހި ދައުލަތް ހިންގުމުގައި އިސްލާމީ ޝަރީއާގެ ދައުރު ބޮޑުކުރުމެވެ.
އިސްލާމީ ވެރިއެއްގެ ކިބާގައި ހުންނަން ޖެހޭ ސިފަތައް ފާހަގަކުރައްވަމުން އުމަރު ވިދާޅުވީ އޭނާގެ ކިބައިން އެ ސިފަތައް ރައްޔިތުންނަށް ފެންނާނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
"އޭނާ ދޮގެއް ނަހަދާނެ. އޭނާ ރަލެއް ނުބޯނެ. އޭނާ ވައްކަމެއް ނުކުރާނެ. އޭނާ ޝަހުވަތުގެ ފަހަތަކުން ނުދުވާނެ. އެއީ އިސްލާމީ ވެރިއެއް ގައި ހުންނަން ޖެހޭ ސިފައަކީ. ﷲ އިރާދަކުރެއްވިއްޔާމުން ތިޔަ ބޭފުޅުންނަށް އެ ސިފަތައް އަޅުގަނޑުގެ ކިބައިން ދައްކާނަން،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އޭނާގެ ވެރިކަމުގައި:
-
އެންމެންނާ މެދުގައި ވެސް ގެންގުޅޭނީ ހަމަހަމަ އުސޫލެއް
-
ފްލެޓު ލިބޭނީ އޭގެ ހައްގުވެރިންނަށް
-
ވަޒީފާ ލިބޭނީ އެންމެ ގާބިލު މީހާއަށް
-
މީހުން މެރުމާއި، ރޭޕްކުރުމާއި މަސްތުވާތަކެތި އެތެރެކުރުމާއި ކޮރަޕްޝަން ހިންގާ މީހުންނާ ދޭތެރޭގައި އިސްލާމީ ޝަރީއަތުގެ ދަށުން އަދަބު ކަނޑައަޅާނެ
އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެންމެ އިސްކަން ދޭނެ އެއް ކަމަކީ އިސްލާމީ ޝަރީއާ ގާއިމްކުރުން ކަމަށެވެ. އެގޮތުން 'ސުވަރުގެ ދެވޭވަރަށް' ވެރިކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"މަހުޝަރުގެ ބިމުގައި އަޅުގަނޑު ހުރެ ޖަވާބުދާރީވާން ޖެހޭނެކަން މިއަދު ވެސް ހަނދާން ކުރަމުން އަޅުގަނޑު މި ދަންނަވަނީ، އަދި ﷲގެ ވާގިފުޅާ އެކު އެ ދުވަހު ވެސް ވަރަށް ބޮޑަށް ހަނދާން ކުރާނަން. ވެރިކަން ކޮށްފައި އިރާދަކުރެއްވިއްޔާ އަޅުގަނދު ދާނީ ސުވަރުގެ ދެވޭ ވަރަށް ވެރިކަންކޮށްފައި،" އުމަރު ވިދާޅުވި އެވެ.
ފަސް މަންޒަރު - ރިޔާސީ އިންތިހާބަށް ކުޑަތަން ވަމުން އަންނައިރު، މިހާތަނަށް އެ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައިވަނީ:
-
އެމްޑީޕީގެ ވާދަވެރި ޕްރައިމަރީ ކާމިޔާބުކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު
-
އެމްއެންޕީގެ ފަރާތުން، އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް
-
އިދިކޮޅު ޕީޕީއެމް/ޕީއެންސީން ޕްރައިމަރީއަކާ ނުލާ، ޓިކެޓް ދިން ކުރީގެ ރައީސް އަބްދުﷲ ޔާމީން
މީގެ އިތުރުން މިހާރު އަޑުއަރާފައި އޮތް ގޮތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވެސް އިންތިހާބުގައި ވާދަކުރެއްވުން ކައިރި އެވެ.
ކޮމެންޓް (2)
ޙަސަންބެއްޔާ
ހިނގާދަމާ