ކުޑަފަރީގައި ކުރި މުޒާހަރާގެ ބައެއް ބައިވެރިން (ފޮޓޯ/ ޓްވިޓާ)

ނ. ކުޑަފަރި

ބިމެއްގެ މައްސަލައިގައި ކުޑަފަރީއަށް ފުލުހުން؛ ރަށު ބައެއް މީހުން މުޒާހަރާ ކުރަނީ

ކެނދިކުޅުދޫ މެމްބަރު އީސައަށް ކުއްޔަށް ދީފައިވާ ބިމަކީ ކުޑަފަރީ ރައްޔިތުންގެ އިމާރާތެއް ކަމަށް އެރަށު މީހުން ބުނޭ
30 ޖެނުއަރީ 2023

ނ. ކުޑަފަރީގައި ގެސްޓްހައުސްއެއް ހިންގަން އަމިއްލަ ފަރާތަކަށް ދީފައިވާ ބިމެއްގެ މައްސަލަ ހޫނުވެ އެ ރަށަށް ފުލުހުން ހިނގައްޖެ އެވެ. 

އަބެޒް އިންވެސްޓްމެންޓްސް އިން ކުއްޔަށް ހިފާފައިވާ ތަނަށް މި މަހު ކުރީކޮޅު ބަޔަކު ވަދެ ގެއްލުން ދީ، އެތަން ހިސޯރުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ފުލުހުން ކުޑަފަރީއަށް ގޮސް އެރަށު ދެ ކައުންސިލަރަކު ހައްޔަރު ކުރަން އުޅުމުން މައްސަލަ ހޫނުވި އެވެ.

މައްސަލައިގެ ފެށުން - ނ. ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ހިއްސާ އޮންނަ އަބެޒް ކުންފުނިން ގެސްޓްހައުސް ވިޔަފާރިއަށް ހިފާފައިވާ އެ ރަށު، 'ސުވާސްތި' ގޯއްޗަށް މީހުން ވަދެފައި ވަނީ 4 ޖެނުއަރީގައި ކަމަށް އެ ކުންފުނިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ވެއެވެ. 

އެ ނޫސް ބަޔާނުގައި ވާ ގޮތުން:

  • ހުއްދަ ހޯދުމަކާ ނުލައި އެ ދުވަހު 30އަކަށް މީހުން އެގެއަށް ވަދެ ގެއްލުން ދީފައިވޭ

  • އެތަނަށް ވަން ގްރޫޕުން އެތަން ބެލެހެއްޓުމާ ހަވާލުވެ ތިބި މީހުންނަށް ބިރު ދައްކައި އެ ތަނުން ނެރެ، އެތަން ހިސޯރު ކުރި

  • އެ ގްރޫޕުގެ ތެރޭގައި ނ. ކުޑަފަރީ ކައުންސިލުގެ ދެ މެމްބަރެއް ހިމެނޭ ކަމަށް ތުހުމަތުކުރި

ކުންފުނީގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހެޅުމާ ގުޅިގެން، މައްސަލައިގައި ތުހުމަތުވާ މެމްބަރުން ހައްޔަރުކުރަން ފުލުހުންގެ ޓީމެއް ރޭ ކުޑަފަރިއަށް ދިޔަ އެވެ.

ވީ ކިހިނެއް؟ - ފުލުހުން އެ ރަށަށް އެރުމާ އެކު އެރަށުގެ 30 އަކަށް މީހުން ވަނީ ފުލުހުންނާ ކުރިމަތިލައި، އެރަށުގެ ކައުންސިލުގެ ރައީސް ޝަމީމް މުހައްމަދާއި އެހެން ކައުންސިލު މެމްބަރުން ބިން ފޭރުމާ ދެކޮޅަށް ތެދުވުމުން، ހައްޔަރުނުކުރެވޭނެ ކަމަށް ބުނެ މުޒާހަރާ ކޮށްފަ އެވެ. 

"އެއީ ކުޑަފަރި އަންހެނުންގެ އިމާރާތެއް، ކުޑަފަރި ކައުންސިލާ ހަވާލުކޮށްފައި ހުންނާނީ. [އަބެޒް އިންވެސްޓްމެންޓްސް އިން] ބަދަލެއް ނުދޭ، ކުއްޔެއް ނުދޭ،" އެ އިމާރާތް އެޅީ ކުޑަފަރީ އަންހެނުން ދަގަނޑު އުފުލައިގެން ކަމަށާއި، ރައްޔިތުންގެ ބިމެއް އީސައަށް ނުފޭރެވޭނެ ކަމަށް މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔަ އެވެ.

މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުންނާ ކުރިމަތިލައި، އެރަށު ކައުންސިލަރުން ނުގެންދެވޭނެ ކަމަށް ބުނެ ހަޅޭއްލަވަމުން ދިޔަ އެވެ. އަދި "ކޯޓު އަމުރު ކޮބާހޭ" ވެސް އެއް ބަޔަކު ގޮވި އެވެ.

އެރަށު އެއްވެސް ކައުންސިލަރެއް ހައްޔަރުކުރާ ނަމަ ކުރެވޭނީ ރައްޔިތުން ވެސް އެއްކޮށް ހައްޔަރުކޮށްގެން ކަމަށް މުޒާހަރާގެ ބައިވެރިން ބުންޏެވެ. މުޒާހަރާއަށް އެއްވި މީހުން ރޭ ކައްކައިގެން ކެއީ ވެސް މަގުމަތީގަ އެވެ.

ކުޑަފަރީ ރައްޔިތުންނަށް ތާއީދުކޮށް ސޯޝަަލް މީޑިއާގައި ވެސް އެކި ފަރާތްތަކުން އަންނަނީ ހިޔާލު ފާޅުކުރަމުންނެވެ. އެކަމަކު މި މައްސަލައިގައި ބައެއް މީހުންގެ ހިޔާލު ތަފާތެވެ.

"ތިރީހަކަށް މީހުންގެ ފައުޖެއް ގޮވައިގެން ގޮސް ބަޔަކު ގެސްޓް ހައުސް ހަދާ ތަނެއް ހިސޯރުކޮށް އެތާ ތިބި މީހުން ނެރެ އެތަނަށް ގެއްލުން ދިނީމަ އެ މައްސަލަ ބަލަނީ. ކައުންސިލު ރައީސްއެއް ކަމަކު ޓެރަރިޒަމް ހިންގާފައި ފިލާ ނޯވެވޭނެ،" ޓްވިޓާގައި މީހަކު ލިޔުނެވެ.

އެ އަތޮޅު ކެނދިކުޅުދޫ މީހަކު ޓްވިޓާގައި ލިޔެފައިވަނީ:

  • ކައުންސިލުން ބިން ކުއްޔަށް ދިނުމުން، ކުއްޔަށް ދިން ފަރާތުން އެ ބިން އަބެޒް އިންވެސްޓްމެންޓްސްއަށް ސަބް-ލީޒް ކުރި

  • އެ ކުންފުންޏަށް އެ އުސޫލުން ބިން ކުއްޔަށް ދިނުމާ ކައުންސިލުގެ ބައެއް މެމްބަރުން ދެކޮޅުހެދި

  • އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުގައި އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އެ އޮފީހުން ބުނީ ކައުންސިލުގެ އެގްރީމެންޓުގައި ސަބް-ލީޒް ނުކުރެވޭނެ ވާހަކަ ނެތުމުން، ކޮންޓްރެކްޓް ބާތިލް ނުކުރެވޭނެ ކަމަށް

ކުޑަފަރިއަށް ފުލުހުން ފޮނުވީ ނިމިދިޔަ އެމްޑީޕީ ޕްރައިމަރީގައި އެރަށު ވޯޓު ފޮށިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިވުމުން ކަމަށް ބުނެ ބައެއް މީހުން ވާހަކަ ދައްކަނީ ސީރިއަސް މައްސަލައެއް ސިޔާސީ ކުރަން ކަމަށް ވެސް އެ އަތޮޅުގެ ބައެއް މީހުން ބުނެފައިވެ އެވެ.

ކައުންސިލުގެ ބަސް - މިކަމާ ގުޅިގެން ކައުންސިލުގެ ބަހެއް ހޯދަން ކުރި މަސައްކަތް މިހާތަނަށް ކާމިޔާބުވެފައެއް ނުވެ އެވެ.

އެ މައްސަލައިގައި ފުލުހުން ވެސް އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް