ކްރިމިނަލް ކޯޓުުގެ ގާޒީ އަލީ ނަދީމް (ފޮޓޯ/ޖޭއެސްސީ)

ފުއްގިރި މައްސަލައިން ތަނާޒުލްވާން ނުޖެހޭ ކަމަށް ގާޒީ ނަދީމް ނިންމަވައިފި

ގާޒީ ނަދީމް ވިދާޅުވީ މި މައްސަލައިގައި، ފަނޑިޔާރުން ތަނާޒުލްވާން ޖެހޭ ކަމަށް ބުނާ ދެ ހާލަތު ކުރެން ހާލަތެއް ނެތް ކަމަށް
30 ޖެނުއަރީ 2023
1

އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ދޫކުރަން 1 މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލައިން ތަނާޒުލްވާން ޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް މިއަދު ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - ފުއްގިރި މައްސަލައާ ކުރިން ހަވާލުވެގެން ހުންނެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އެވެ. މި މައްސަލައާ ގާޒީ ނަދީމް ހަވާލުވެވަޑައިގެންނެވީ، އިސް ގާޒީ މި މައްސަލައިން ތަނާޒުލްވުމުންނެވެ.

އަލުން ޝަރީއަތް ފަށައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި، ދިފާއީ ވަކީލުން ވަނީ މި މައްސަލައިގައި ގާޒީ ނަދީމްގެ މަސްލަހަތު ފުށުއަރާތީ ތަނާޒުލްވާން ޖެހޭ ކަމަށެވެ. ސަބަބެއް ކަމަށް ބުނީ މި މައްސަލައިގައި ދައުލަތުގެ ހެއްކެއް ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވުމެވެ.

ބުނީ ކީކޭ؟ - ދިފާއީ ވަކީލުންގެ ވާހަކަތަކާ މެދު ވިސްނަވާނެ ކަމަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވިދާޅުވުމަށް ފަހު، އެކަމާ ގުޅޭ ގޮތުން ނިންމެވި ގޮތް މިއަދު އިއުލާނުކުރައްވަމުން ނަދީމް ވިދާޅުވީ މަސްލަހަތު ފުށުއަރާ ސަބަބެއް ނެތް ކަމަށެވެ.

"ދައުވާ ލިބޭ އެއްވެސް މީހެއްގެ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެއް ނުވާނެ. އެހެންވެ، މަސްލަހަތު ފުށުއެރުމެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން" ގާޒީ ނަދީމް ވިދާޅުވި އެވެ.

އެނގުން މުހިންމު - ދިފާއީ ވަކީލުން މި މައްސަލަ ފާހަގަކުރަމުން ގާޒީ ނަދީމް ވަނީ އަހުމަދު އަދީބަށް ގާނޫނީ ލަފާ ދީފައިވާ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އެއީ ރިޔާސީ ލޯންޗުކޮޅު 'ފިނިފެންމާ'ގައި ބޮން ގޮއްވާލި މައްސަލައިގައި އަދީބު ހައްޔަރުކުރި މައްސަލައިގަ އެވެ.

ތަފްސީލް - ގާޒީ ނަދީމް ވިދާޅުވި ގޮތުގައި، ފަނޑިޔާރުން ބަލަމުންދާ މައްސަލަތަކުން ތަނާޒުލްވާން ޖެހޭ އޮންނަނީ ދެ ހާލަތެކެވެ. އެއީ:

  • ދައުވާ ކުރެވޭ މައްސަލައިގެ ތަހުގީގު މަރުހަލާއިން ފެށިގެން ދައުވާ ކުރުމާ ހަމައަށް ބައިވެރިވުމެއް އޮތުން

  • ދައުވާ ލިބޭ މީހެއްގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުން ނުވަތަ ގާނޫނީ ހިދުމަތް ދިނުން

ފަނޑިޔާރުގެ ބަސް - މި މައްސަލައިގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ. އޭގެ އިތުރުން އަދީބަށް ގާނޫނީ ހިދުމަތް ފޯރުކޮށްދިން ނަމަވެސް، މި މައްސަލައިގައި އަންނަ ހުކުމެއްގެ ސަބަބުން އަދީބަށް ލިބޭނެ ފައިދާއެއް ނެތް ކަމަށް ގަބޫލުކުރެވޭތީ، މި މައްސަަލައިގައި މަސްލަހަތު ފުށުއަރާ ކަމެއް ނެތް ކަމަށެވެ.

"މި މައްސަލަ ނިމިގެން ދާނީ ދައުވާ ސާބިތުވާ ކަމަށް ނުވަތަ ނުވާ ކަމަށް، ނުވަތަ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ ކަމަށް. [ހުކުން އަންނަ ގޮތުން] އަހުމަދު އަދީބަށް ލިބޭނެ ފައިދާއެއް ނެތް، އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

ކޭކު

30 ޖެނުއަރީ 2023
ކީއްކުރަންތަ ފުށް ގިރީ؟ ކޭކު އަޅަންތަ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް