ގެއެއްގެ ހަތް ވަނަ ބުރިން، ޖެހިގެން ހުރިގޭ މައްޗަށް މީހަކު ވެއްޓުމުން، އެމީހާ ނަގަން އުޅޭ މަންޒަރު ފެންްނަ ވީޑިއޯއަކުން ނަގާފައިވާ ސްކްރީން ޝޮޓެއް

7 ވަނަ ބުރިން މީހާ ވެއްޓުނީ ޖެހިގެން ހުރި އިމާރާތުގެ މައްޗަށް

އެ މީހާއަށް އަދިވެސް ދަނީ އޭޑީކޭގައި ފަރުވާ ދެމުން

މާލޭގެ އިމާރާތަކުން އިއްޔެ މީހަކު ވެއްޓުނީ ބިންމައްޗަށް ނޫން ކަމާއި ޖެހިގެން ހުރި އިމާރާތުގެ މައްޗަށް ކަމަށް އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - މަޖީދީމަގު، އެމްއެންޕީގެ އޮފީސް ހުންނަ މއ. އެލާވީން ބަންގްލަދޭޝްގެ އެ މީހާ ވެއްޓުނީ އޭސީއެއް ހަރުކުރަން އުޅުމުގެ ތެރޭގައި އިމާރާތުގެ ހަތް ވަނަ ބުރިންނެވެ. އެކަމަކު އޭނާ ގޮސް ޖެހުނީ، ޖެހިގެން ތިން ބުރިއަށް ހުރި ގޭގެ މައްޗަށެވެ. އުމުރުން 25 އަހަރުގެ އެ މީހާ ވެއްޓުނީ، ހަދަމުން އަންނަ އެ ގޭގެ އެންމެ މަތީ ޝީޓުގެ މައްޗަށެވެ.

ތަފްސީލް - އެ މީހާ ވެއްޓުމުން، ނަގަން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ވަނީ އާއްމުވެފަ އެވެ. އެއިން ފެންނަ ގޮތުގައި:

  • މަސައްކަތު މީހާ ވެއްޓުމުން، އެ ތަނަށް ދިޔަ މީހަކު ވަގުތުން އޭނާ އަތުލަފި ކޮށްލައިގެން ނަގަން އުޅޭ

  • އިތުރު މީހަކާ އެކު، ދަމާފައި ކަހަލަ ގޮތަކަށް އިމާރާތުން ބޭރަށް ނެރެން މަސައްކަތް ކުރޭ

  • އޭނާ ހަރުކުރަން އުޅުނު އޭސީ ވެސް އޮތީ ހަރުކުރަން އުޅުނު ތަނަށް ވެއްޓިފައި

އަނިޔާވި މީހާ އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. އެކަމަކު އެ ތަނުގެ އިމަޖެންސީ ރޫމުގައި ފަރުވާ ދިނުމަށް ފަހުން ރޭ ފަހުން ވަނީ އޭޑީކޭއަށް ބަދަލުކޮށްފަ އެވެ. އެ ހޮސްޕިޓަލުން ޖަވާބު ނުދޭތީ އެ މީހާގެ ހާލު ސާފުވާ ގޮތެއް ނުވި އެވެ.

އެނގުން މުހިންމު - އެމްއެންޕީގެ އޮފީސް ހުންނަ މއ. އެލާވީއަކީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އާއިލީ ވިޔަފާރި، ރަޝީދު ކާޕެންޓްރީ އެން ކޮންސްޓްރަކްޝަން (އާރުސީސީ)ގެ އިމާރާތެކެވެ.

އެ ކުންފުނީގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ، އެ ބިދޭސީ މީހާ އަކީ، އާރުސީސީގެ މުވައްޒަފެއް ނޫން ކަމަށާއި އެއީ ސަބްކޮންޓްރެކްޓް އުސޫލުން އެ ތަނުގައި މަސައްކަތް ކުރަމުން ދިޔަ، އޭސީގެ މަސައްކަތް ކުރާ އައިކޫލް ނަމަކަށް ކިޔާ ކުންފުންޏެއްގެ މުވައްޒަފެއް ކަމަށެވެ.

ފަސްމަންޒަރު - ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި އުސް އިމާރާތްތަކުގައި މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ވެއްޓިގެން ގިނަ މަރުތަކެއް ހިނގާފައި ވެ އެވެ. އެގޮތުން، 2021 ވަނަ އަހަރު ވެސް އެ ގޮތަށް ދެ މީހަކު މަރުވެފައި ވާއިރު، ހަމަ އެ އަހަރު އޭސީއެއް ހަރުކުރަން އުޅުމުގެ ތެރޭގައި ބިދޭސީއަކު ވެއްޓި ވަރަށް ބޮޑަށް ޒަހަމްވެފައިވެ އެވެ. އަދި އޭގެ ކުރިން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އޭސީއެއް ހަރުކުރަން އުޅެނިކޮށް ވެސް މީހަކު ވެއްޓި މަރުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް