ބޮޑުވަޒީރު ސެން ގޮނޑީގައި އަރާމުކުރައްވަނީ: މި ފޮޓޯތަކަށް މީހަކު ކުރި ކޮމެންޓަކަށް އެ މަނިކުފާނު ވަރަށް ކޯފާވެވަޑައިގެންނެވި.

ރާއްޖޭގައި ނެގި ފޮޓޯއަށް ކުރި ކޮމެންޓަކުން ކެމްބޯޑިއާގެ ބޮޑުވަޒީރު ކޯފާވެއްޖެ

އެ މަނިކުފާނު ވިދާޅުވި ގޮތުގައި 'އެއީ ނުބައި މީހެއްގެ ބަހެއް'

ރަސްމީ ދަތުރުފުޅެއްގައި މި މަހުގެ 15 ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވި ކެމްބޯޑިއާގެ ބޮޑުވަޒީރު އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރިސޯޓެއްގައި ހުންނަވައި އާއްމުކުރެއްވި ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. ޕެރެޑައިސް އައިލެންޑް ރިސޯޓުގެ މޫދުގަ އާއި އެ މަނިކުފާނު މަޑުކުރެއްވި ވިލާގައި، ގޮނޑީގައި އޮށޯވެވަޑައިގެންނާއި އިށީނދެވަޑައިގެން ނެންގެވި އެ ފޮޓޯތަކަށް، އެ ގައުމުގެ ގިނަ ބަޔަކު ތައުރީފް ކުރި އެވެ.

އެކަމަކު ބޮޑުވަޒީރު ސެންގެ ފޭސްބުކް އެކައުންޓުން އާއްމު ކުރެއްވި އެ ފޮޓޯތަކަށް މީހަކު ކުރި އެއް ކޮމެންޓު އެ މަނިކުފާނު ހިތްޕުޅާއެއް ނުވި އެވެ. ބޮޑުވަޒީރަށް ރަނގަޅު ސިއްހަތަކާއި ދިގު އުމުރެއް ދިނުމަށް އެދި ދުއާކުރަމުން އަދި ރީތި އެ މަންޒަރަށް ތައުރީފް ކުރަމުން ފޮނުވަމުން ދިޔަ ކޮމެންޓުތަކުގެ ތެރެއިން، އެއް ކޮމެންޓު އައީ އެ މަނިކުފާނާ ދެކޮޅަށެވެ.

ކެމްބޯޑިއާގެ ގޮނޑުދޮށްތައް، އެހެން ގައުމުތަކަށް ވުރެ ރީތިކަމަށް ބުނެ މީހަކު ކުރި ކޮމެންޓަށް ޖަވާބުދެއްވައި ސެން ވިދާޅުވީ އެއީ ތެދެއް ކަމަށާއި ކެމްބޯޑިއާގެ ބީޗަކީ އެއް ވަނަ ކަމަށެވެ.

ބޮޑުވަޒީރު ސެން ރިސޯޓުގައި މަޑުކުރައްވައިގެން.

އެކަމަކު 'ވާޓޯ' ނަމަކަށް ކިޔާ މީހަކު އެއަށް ކޮމެންޓުކުރީ، ބޮޑުވަޒީރު އުއްމީދު ނުކުރައްވާ ގޮތަކަށެވެ.

"އާނ. އެންމެ ރީތީ އަހަރުމެންގެ ގޮނޑުދޮށްތައް. އެކަމަކު އަހަރުމެންގެ ވެރިންނަކީ ދުނިޔޭގެ އެންމެ 'ހަޑި' މީހުން. ނޫންތަ؟،" އޭނާ ލިޔުނެވެ.

ވަރަށް ކޯފާވެ ހުންނަވައިގެން، އެ ކޮމެންޓަށް ވެސް ސެން ޖަވާބު ދެއްވި އެވެ. އެކަމަކު ފުލުހުން ކައިރީ އެދިވަޑައިގެންނެވީ، ވީ އެންމެ އަވަހަކަށް އެ މީހަކު ހޯދުމަށެވެ.

"އެއީ ނުބައި މީހެއްގެ ބަހެއް،" އޭނާ ވިދާޅުވި އެވެ.

ގައުމުގެ ވެރިއަކާ މެދު އެ ފަދަ ބަސްމަގެއް ގެންގުޅުމުން، ކެމްބޯޑިއާގެ އެހެން ބައެއް އިސް ވެރިން ވެސް ކޯފާވި އެވެ.

އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި، ފޭސްބުކްގައި ކުރި އެ ކޮމެންޓު، ކެމްބޯޑިއާގެ މިނިސްޓަރަކު ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ހިއު ސޯފީކް ވިދާޅުވި ގޮތުގައި، އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭނެ އެވެ.

އެކަމަކު ކެމްބޯޑިއާގެ ހިއުމަން ރައިޓްސްގެ ގުރޫޕް، 'އަދޯކް' އިން ވަނީ އެކަމުގެ ދިފާއުގައި ވާހަކަދައްކާފަ އެވެ.

އަދޯކް އިން ބުނި ގޮތުގައި، އާއްމުން ދަންނަ މީހަކު އެހެން ބޭރު ގައުމެއްގައި ހުންނައިރު، އޮންލައިންކޮށް ކިޔާ ފާޑުކިޔުންތައް ނުހުއްޓުވޭނެ އެވެ. އަދި އެކަމާ ދެކޮޅަށް މާ ބޮޑަށް ބާރުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް އެ ތަނުން ބުންޏެވެ.

"[އެފަދަ ކަންކަމަށް] ގާނޫނީ ފިޔަވަޅު އެޅުން ރަނގަޅެއް ނޫން. އަދި އެއީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާނެ ކަމެއް،" އަދޯކްގެ ތަރުޖަމާނު ސޮއެންގް ސެންކަރުނަ ވިދާޅުވި އެވެ.

ފޭސްބުކްގައި ވަރަށް އެކްޓިވް ބޮޑުވަޒީރު ސޯޝަލް މީޑިއާ މެދުވެރިކޮށް އިދާރާތަކަށް އެކި އަމުރުތައް ނެރުއްވާ ކަމަށް، ކެމްބޯޑިއާގެ ބައެއް ނޫސްތަކުން ބުނެ އެވެ. އަދި ސަރުކާރަށް ސޯޝަލް މީޑިއާގައި ކިޔާ ފާޑުކިޔުންތައް ވެސް ގިނަ ކަމަށް ނޫސްތަކުގައި ބުނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި ކެމްބޯޑިއާގެ ބޮޑުވަޒީރު އެނބުރި ގައުމަށް ވަޑައިގެންނެވީ މި މަހުގެ 17 ވަނަ ދުވަހެވެ. އަލަށް ރާއްޖެ ވަޑައިގެންނެވި ބޮޑުވަޒީރު ސެން ވަޑައިގެންނެވީ، ރާއްޖެއާ އެކު އެކި ދާއިރާތަކުން ގުޅުން ގާއިމުކުރުމަށް އެއްބަސްވެވަޑައިގެންނެވުމަށް ފަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް