އައްޑޫ ހިތަދޫ މަތިން (ފޮޓޯ/އަލީ އިބްރާހިމް)
މެންދަމާ ކައިރިކޮށް، ހިތަދޫއިން 500 ގޯތި ދޫކުރަން އިއުލާންކޮށްފި
އައްޑޫ ސިޓީ ކައުންސިލުން، ރޭ މެންދަންވާން ކައިރިވެފައި ވަނިކޮށް، ހިތަދޫއިން 500 ގޯތި ދޫކުރަން އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް؟ - ހިތަދޫގައި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވާ މީހުން ގޯއްޗަށް އެދުމުގެ ފުރުސަތު ކައުންސިލުން ހުޅުވާލީ ރޭ 11:30 ހާއިރު އެވެ.
ތަފްސީލް - މި ފުރުސަތުގައި ދޫކުރަން ހަމަޖެހިފައިވަނީ 1،500 އަކަ ފޫޓުގެ 500 ގޯއްޗެވެ. އެއީ:
-
ހިތަދޫ ރައްޔިތުންނަށް 450 ގޯތި
-
އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށް 50 ގޯތި
ހިތަދޫގެ ހަތް ސަރަހައްދަކުން ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ.
އެނގުން މުހިންމު - އައްޑޫ ސިޓީ ކައުންސިލުން މި ހަފްތާގައި ވަނީ ފޭދޫ، ހުޅުދޫ އަދި މީދޫއިން ވެސް 500 ގޯތި ދޫކުރަން އިއުލާންކޮށްފަ އެވެ. އެފަހަރު އިއުލާންކުރީ ދަންވަރު ގާތްގަނޑަކަށް 1 ޖެހިއިރު އެވެ.
ގޯތި ދޫކުރަން އެ ގޮތަށް ދަންވަރު އިއުލާންކުރުމުން، އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފާޑުވިދާޅުވެފަ އެވެ. އައްޑޫ މޭޔަރު އަލީ ނިޒާރާއި ކައުންސިލަރުންގެ ތެރެއިން ގިނަ ބޭފުޅުން ޕްރައިމަރީގައި ތާއީދުކުރައްވަނީ ނަޝީދުގެ ވާދަވެރި ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އެހެންވެ، ނަޝީދު މި ހަފްތާގެ ތެރޭގައި އައްޑުއަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގައި ފޭދޫއަށް ވަޑައިގެން، ދަންވަރު ގޯއްޗަށް ހުޅުވާލުން ސިފަ ކުރެއްވީ އިންތިހާބަށް "ކަޑަ ޖެހުމުގެ" ގޮތުގަ އެވެ.
"ރެއެއްގެ ހަތަރު ދަމުން ދިޔައީމަ ގޯއްޗެއް އިއުލާން ކުރީމަ އަޅުގަނޑަށް އަދި އެންމެންގެ ވެސް ހިތަށް އަރަނީ މިހިރީ ކަޑަ ޖެހުމުގެ އިތުރު މަރުހަލާއަކަށް އުފުލިފައޭ،" ނަޝީދު ވިދާޅުވެފައިވެ އެވެ.
ބުނީ ކީކޭ؟ - ކައުންސިލުން ގޯތީގެ އިއުލާން ކުރުމުގެ ކުރިން، އައްޑޫ މޭޔަރު އަލީ ނިޒާރު ފޭސްބުކްގައި އެކަމުގެ ހަބަރު ދެއްވަމުން ރޭ ވިދާޅުވީ، ޖުމްލަ 1،000 ގޯއްޗާ އެކު، މިއީ އައްޑޫގެ ތާރީހުގައި ވެސް އެއްފަހަރާ އެންމެ ގިނައިން ގޯތި ދޫކުރާ ފަހަރު ކަމަށެވެ.
"ދަން ގަޑިއެއްގައި ނަމަވެސް މިރޭ އިއުލާން ކުރެވޭނެ،" ނިޒާރު ފޭސްބުކް ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
އަދި ކައުންސިލުން ގޯތި ދޫކުރަން އިއުލާންކުރި ފަހުން ފޭސްބުކްގައި ނިޒާރު ވިދާޅުވިގޮތުގައި ހިތަދޫއިން ގޯތި ދޫކުރަން މި އިއުލާން ކުރެވުނީ، 22 އަހަރުގެ ދިގު މުއްދަތަކަށް ފަހު އެވެ.
އެ ގޯތިތަކަށް ފޯމު ބަލައިގަންނަން ފަށާނީ، އިއުލާނުގައިވާ ގޮތުން، 5 ފެބްރުއަރީއިން ފެށިގެންނެވެ. އަދި ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 23 ފެބްރުއަރީގެ މެންދުރު 1 ޖަހާއިރަށެވެ. ފޯމު ބަލައިގަންނާނީ ހިތަދޫ އަވަށު އޮފީހުންނެވެ.
ފަސްމަންޒަރު - އަންނަ ހޮނިހިރު ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ތައްޔާރުވެފައި ވާއިރު، ފަހަކަށް އައިސް ރަށްރަށުގެ ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގޯތި ދޫކުރުން ފަދަ ގިނަ މަޝްރޫއުތަކެއް އެވޯޑުކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.
އިންތިހާބުތަކާ ދިމާކޮށް މިގޮތަށް ފުލުފުލުގައި މަޝްރޫއުތައް އެވޯޑުކުރުމަކީ ރާއްޖޭގެ ހުރިހާ ސަރުކާރަކުން ކުރަމުން އަންނަ އެކަމަކު ޑިމޮކްރަސީގެ ހަމަތަކަށް ވަކާލާތުކުރާ ފަރާތްތަކުން ކަންބޮޑުވާ މައްސަލައެކެވެ.