ނަޝީދު އައްޑުއަށް ކުރެއްވި ދަތުރުގައި ފޭދޫގައި ތިބި އެ މަނިކުފާނުގެ ސަޕޯޓަރުންނާ މިއަދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ)

ފޭދޫގައި ނަޝީދުގެ ރައްދު: ދަންވަރު ގޯތި އިއުލާނުނުކޮށް ކުރަންވީ ކަންކަން

އައްޑޫން ގޯތި ދޫކުރަން ރޭ ދަންވަރު ކައުންސިލުން އިއުލާންކުރުމުން އެކަމަށް ފާޑުކިޔުއްވަމުން ނަޝީދު ވިދާޅުވީ 'ކަޑަ ޖެހުމުގެ އިތުރު މަރުހަލާއަކަށް' ދިޔައީ ކަމަށް

އައްޑުއިން ގޯތި ދޫކުރަން ސިޓީ ކައުންސިލުން ރޭ ވަރަށް ދަންވި ފަހުން އިއުލާން ކުރުމާއެކު، އެކަމަށް ފާޑުވިދާޅުވެ، އޭގެ ބަދަލުގައި ދަންވަރު ކުރުން ރަނގަޅު ކަންތައްތަކުގެ ލިސްޓެއް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫގައި ހުންނަވައި މިއަދު ކިޔައިދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ސ. ފޭދު އާއި ހުޅުދޫ އަދި މީދުއިން 500 ގޯތި ދޫކުރަން، އައްޑޫ ސިޓީ ކައުންސިލުން އިއުލާން ކުރީ ރޭ ދަންވަރު، 1 ޖަހަން އުޅެނިކޮށެވެ. އައްޑުއިން ގޯތި ދޫނުކުރާތާ 21 އަހަރު ފަހުން، ގޯތި މި ދޫކުރަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން އެންމެ ފޯރިގަދަ ދުވަސްކޮޅު އެވެ.

އެނގުން މުހިއްމު - އައްޑޫ މޭޔަރު އަލީ ނިޒާރާއި ކައުންސިލަރުންގެ ތެރެއިން ގިނަ ބޭފުޅުން ޕްރައިމަރީގައި ތާއީދުކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކެމްޕޭންގައި އައްޑުއަށް މިހާރު ކުރައްވާ ދަތުރުގައި ފޭދުއަށް ވަޑައިގެން، މިކަން ސިފަ ކުރެއްވީ، އެ މަނިކުފާނާ ވާދަކުރައްވާ ކެންޑިޑޭޓު، ރައީސް ސޯލިހު، އިންތިހާބަށް "ކަޑަ ޖެހުމުގެ" ގޮތުގަ އެވެ.

"އަޅުގަނޑު ކައިރީގައި މާމަ އާއި ގޭ މީހުން ބުނޭ، ދަންވަރު ކުރާނީ ފޮއްޓެއް ފަޅާލުމުގެ މަސައްކަތޭ،" މަލާމާތުގެ ގޮތަކަށް ނަޝީދު ވިދާޅުވި އެވެ.

"ރެއެއްގެ ހަތަރު ދަމުން ދިޔައީމަ ގޯއްޗެއް އިއުލާން ކުރީމަ އަޅުގަނޑަށް އަދި އެންމެންގެ ވެސް ހިތަށް އަރަނީ މިހިރީ ކަޑަ ޖެހުމުގެ އިތުރު މަރުހަލާއަކަށް އުފުލިފައޭ."

ނަޝީދު އައްޑުއަށް ކުރެއްވި ދަތުރުގައި ފޭދޫގައި ތިބި އެ މަނިކުފާނުގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ)

ސިޔާސީ ލީޑަރުންނާއި ރައީސް ސޯލިހަށް ވިދާޅުވެދެއްވާ ވާހަކައެއްގެ ގޮތުގައި، ނަޝީދު ދެން ދެއްވީ، ދަންވަރު ތަންތަން ހުޅުވައިގެން އައްޑޫގައި ކުރެވިދާނެ ކަންކަމުގެ ލިސްޓެކެވެ. އެގޮތުން އެ މަނިކުފާނު ފާހަގަކުރެއްވީ:

  • ގަން އެއާޕޯޓު ހުޅުވާފައި އެތަނަށް ބޭރުގެ މަތިންދާބޯޓު ޖެއްސޭނެ ގޮތް ހެދުން

  • ކައިރީގައި ރިސޯޓުތައް ހަދައިގެން، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކުރުން

  • ގެސްޓްހައުސްތައް ހުޅުވައި، އެތަންތަނަށް ޓޫރިސްޓުން ގެނައުން

  • މަހުގެ އަގު އުފުލޭނެ ގޮތަށް، މަސް ގަނެ އަދި ފިނިކުރެވޭނެ ގޮތެއް ހަދައިދިނުން

"ރޭގަނޑު ދަންވަރު ކުރަން ހުރި ކަންތައްތައް ކިތަންމެހާ ވެސް ގިނަ. އެކަމަކު ނެތް ކަމެއް، ރޭގަނޑު ދަންވަރު ކުރަން އުޅުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި ވަރަށް ބޭއަދަބީ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގައި ދަންވަރު ކޯޓު ހުޅުވައިގެން ސުޕްރީމް ކޯޓުން ހުކުމް އިއްވި މައްސަލައަށް އިޝާރާތް ކުރައްވައި، އެ މަނިކުފާނު ވިދާޅުވީ "ކުރީ ޒަމާނެއްގައި" ކޯޓު ހުޅުވައިގެން ހުކުމް ކުރުމަކީ ވެސް އާއްމު ކަމެއް ކަމަށެވެ. އެކަމަކު، ދަންވަރު ކުރާ ކަންކަމަކީ އެންމެން ވެސް ވަކި ގޮތަކަށް ދެކޭ ކަމެއް ކަމަށާއި އެހެންވެ، އެކަންކަމުގެ ވާހަކަ ނުދެއްކުން ބޭނުންތެރި ކަމަށް ވިދާޅުވި އެވެ.

ނަޝީދު އައްޑުއަށް ކުރެއްވި ދަތުރުގައި ފޭދޫގައި ތިބި އެ މަނިކުފާނުގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ)

ފޭދޫގައި ތިބި ނަޝީދުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ވަނީ، ސަރުކާރުން އައްޑޫގައި ތަރައްގީގެ މަޝްރޫއުތައް ހިންގުން ލަސްކަން ފާހަގަ ކުރައްވާފަ އެވެ. އެ ގޮތުން، ހުރިހާ ކަމެއް ވެސް ކޮށްފައިވަނީ ރޭވުންތެރިކަން ކުޑަކޮށް ކަމަށާއި މިދިޔަ ފަސް އަހަރު، އައްޑޫ އޮތީ ކޮންސްޓްރަކްޝަން ސައިޓެއް ގޮތަށް ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރުގައި އެ މަނިކުފާނުގެ ހިއްސާ އޮތީ ވަރަށް ކުޑަކޮށެވެ. އެހެންވެ، ބޭނުންވެ ވަޑައިގަންނަވާ ގޮތަށް ކަންކަން ކުރުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

" އަޅުގަނޑަކީ ކަންކަމުގައި ބައިވެރިވާ ހިތްވާ މީހެއް، ކަންކަން ކުރާހިތްވާ މީހެއް. ކުރާތަން ބަލައި، އަދި ކުރުވާ ހިތްވާ މީހެއް. އެކަން ތިޔަ ބޭފުޅުންނަށް ސާފުވާނެ،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި:

  • މަގެއް ހެދުމަށް ދެ މަހަށް ވުރެ ގިނަ ދުވަސްވާ ސަބަބެއް ވިސްނިވަޑައެއް ނުގަންނަވާ

  • ހިތަދޫ މީހުން މަގު ހެދީ އެ މަނިކުފާނު ބަލަހައްޓަވައިގެން ހުއްޓާ ކަމަށް ވިދާޅުވި؛ އެތަން ހެދުމަށް 40 ދުވަސް ވެސް ނުނަގާ

  • އެހެން، އެ ވިދާޅުވަނީ، އެ މަނިކުފާނުގެ ނަޒަރުގައި، ސަރުކާރުން އައްޑުއާ މެދު އަޅާލުން ކުޑަވުމުން. އަދި އައްޑޫގެ ހިއްސާ ނެތީމާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް